ފަންސާސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ތިން އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން ވައިޓް އެލާޓް ނެރެފައިވަނީ، ހުވަދުއަތޮޅުން ފެށިގެން އައްޑުއަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް މިއަދު އިރުއޮއްސި 6:00 އިން މިރޭ 12:00 އާއި ހަމައަށެވެ.

މި ސަރަޙައްދަށް އެލާޓް ނެރެ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، 23 މޭލާއި 29 މޭލާއި ދެމެދުގައި ވައިގަދަވެ މި ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެލާޓް ނެރެފައިވާ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން އިތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށްވެސް މިއަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ. މީގެ އިތުރުން ރާއްޖެއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ކުރިން ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ އަސަރުކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 


މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.