ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ 21:35 ގައި ނެރުނު އެލާޓްގައި ވިދާޅުވެފައި ވަނީ، ދ.އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އެ އެލާޓްގައިވާގޮތުން 50 މޭލަށް ވައިގަަދަވާނެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު ތިން ފަހަރެއްގެ މަތިން އެކި ސަރަހައްދު ތަކަށް ވައިޓް އެލާޓް ނެރުނެވެ. ވައިޓް އެލާޓުގައިވެސް މޫސުމަށް ސަމާލުވާންޖެހެއެވެ.

މެޓް އޮފީހުން ދެންމެ ޔެލޯ އެލާޓް ނެރުނީ އެންމެ ފަހުން ނެރުނު ވައިޓް އެލާޓްގެ ވަގުތު ހަމަނުވަނީސް ވައިޓް އެލާޓް ކެންސަލް ކުރުމަށްފަހުއެވެ. އެންމެ ފަހުން ނެރުނު ޔެލޯ އެލާޓްގެ ވަގުތު ހަމަވާނީ މިރޭ 1:45 ގައެވެ.

ޔެލޯ އެލާޓްގެ ވަގުތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވާނެއެވެ. މި އެލާޓްގެ ވަގުތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. ޔެލޯ އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

މެޓް އޮފީހުން ކުރިން ވިދާޅުވިގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެއެވެ. އަދި އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭއިރު، މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރެއްވުމަށް ވެސް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.