ސިނަމާލެ ބުރިޖާއި ލިންކް ރޯޑުގައި "ބުރުގާ" އަޅައިގެން އެއްގަމަ އުޅަނދު ދުއްވާ ފަރާތްތަކުން ބުރުގާ ވަޔާގޮސްދާނެ ކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓުން ދާދި ދެންމެ ވިދާޅުވީ، މިދުވަސްވަރަކީ މޫސުން ގޯސްވެ ގަދަވަޔާއެކު ވިއްސާރަ ކުރަމުންދާ ދުވަސްވަރެއްކަމަށްވާއިރު، ބުރުގާ ވަޔާ ގޮސްގެން ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މިދުވަސްވަރަކީ މޫސުން ގޯސްވެ ގަދަވަޔާއެކު ވިއްސާރަ ކުރަމުންދާ ދުވަސްވަރެއްކަމަށްވާތީވެ، ސިނަމާލެ ބްރިޖް އަދި ލިންކް ރޯޑްގައި ބުރުގައި އަޅުއްވައިގެން ދުއްވާ އެންމެހާ ފަރާތްތަކުން، ބުރުގާ ވަޔާގޮސް ހިނގާފާނެ ނުރައްކާތެރި ޙާދިޘާއަކުން ތިމާއާއި އަނެކާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ރައްކާތެރި އަދި ފުރިހަމަ ގޮތަކަށް ބުރުގާ އަޅުއްވައިގެން ދުއްވުމަށް އިލްތިމާސްކުރަން." ޓްރެފިކް ޕޮލިހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިގޮތަށް އިލްތިމާސް ކުރަންޖެހުނީ، މިފަދަ ހާދިޘާތައް އިތުރުވެފައިވުމުގެ ސަބަބުން ކަމަށެވެ.

"މިފަދައިން މިދަންނަވާލީ މިހާރަކަށް އައިސް މިފަދަ ނުރައްކާތެރި ހާދިޘާތައް އިތުރުވެ، ދުއްވާ ފަރާތްތަކަށް އެކިވަރުގެ އަނިޔާތަކާއި ގެއްލުން ލިބެމުން އަންނަކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދާތީވެ، މިފަދަ ނުރައްކާތެރި ކަންކަން އެންމެންގެ ސަމާލުކަމަށް ގެނައުމަށްޓަކައި" ފުލުހުން ވިދާޅުވިއެވެ.

ބުރުގާ އަޅައިގެން ބުރިޖާއި، ރިންގް ރޯޑުގައި ދުއްވާ ފަރާތްތަކުން "ރައްކާތެރި" ގޮތުގައި ބުރުގާ އެޅުމަށް ފުލުހުން އިލްތިމާސް ކުރެއްވިއިރު، މޫސުން ގޯސް ދުވަސްވަރު ބުރިޖާއި، ހުޅުލެ-ހުޅުމާލެ ހައިވޭގައި ވާރު ކުޑަ ބޭނުންކުރައްވާ ފަރާތްތަކުންވެސް ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އާދައިގެ ވާރޭ ކޯޓު ލައިގެން ބުރިޖާއި ހައިވޭގައި ދަތުރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެއްގަމު ދުއްވާ އުޅަނދުތައް ދުއްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެއްވިއިރު، އިރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު ވިދާޅުވެފައެވެ. އަދި 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ނ. އަތޮޅާއި ފ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓުވެސް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސިމް

  ބުރުގާ އަތަށް ނަގައިގެންތަ ދުއްވަނީ!!! އޮޅިއްޖެ މިހާރު!!!

  • ޕިން

   ބައްލަވާ މާނަ ތި ނަގަނީ ލަގޮނޑިންތޯ؟
   ރަނގަޅަށް ޕިން ޖަހައިގެން ދުއްވާށޭ އެކިޔަނީ

  • ސަރީފާ

   ޢަތަކަށް ފަޔަކަށް ނަގަންވީ ކީ ނޫން ބުރުގާ އަޅާ މީހުނަށް އެގޭނެ ދެން ހަދަންވީގޮތް ބުރުގާ ވަޔާ ނުދާނެހެން ދަތިޖަހާ ހިފެހެއްޓޭނެ ގޮތް ހަދަންވީ

 2. އަހުމދު

  އަޅެ ފުލުހުން މިހާރު މޮޔަވަނީތަ. ލަދުގަނޭ މިހާރު

  • ފުލުސް

   ވާނުވާ ނޭގެންޏާ ލަދު ގަންނާނެ.

 3. ލަވްއިޓް

  އެހާބޮޑުކަމަކައްނުހައްދަވާ . ފުލުހުންވިޔަސް ސިފައިންވިޔަސް އާންމުމީހަކުވިޔަސް ރަންގަޅުވާހަކައެއްބުނެފިއްޔާ އެވާނީހަމަރަންގަޅުވާހަކަ އަކަށް. އެބުނަނީ ބުރުގާނަގާ އަތައްލައިގެން ނުވަތަ ބުރުގާނާޅާށެކޭނޫން . މިދުވަސްވަރަކީ ވިއްސާރަ ވައިބާރު ދުވަސްކޮޅަކައްވާތީ ރައްކާތެރިވުމުގެ އިޝާރާތެއް ގޮތުން އިތުރަށްސަމާލުވުމައް އެދޭވާހަކަ އެބުނަނީ. ދެންއަމިއްލަސިކުނޑިން އެވަރުވިސްނާލަންވެސްހަމަނޭންގެނީތަ؟
  ރަންގަޅުހަމައެއްގޮތްވެސްނޯންނާނެ. ... ބުރުގާގައި އިޔުރަށް ދަތިޖަހާ ތަންކޮޅެއްރަންގަޅައްހެދުމުގަ ބުރުގާ ހައްޔަރުރުކޮށްލައިގެންވެސް ދުއްވިދާނެ. އޭރުން ދުއްވަދުއްވާ އިންދާ ކުއްލިއަކައްއަންނަވާރޯޅިއަކުން މޫނުގަ ބުރުގާއެޅުވިގެންނުދާނެ. ޢޮންދަ ރޯޑް ރައްކާތެރިކަމަކީ ހަމަތިމާފަދައަނެކާގެވެސްރައްކާތެރިކަން .އޯކޭ އަންޑަސްދޯ؟ ތެންކިޔޫ

 4. ޕޫލު

  ބުރިޖް މަތި ހުރަސް ކުރާ އިރު އެންމެ ފޮތިކޮޅެއް ނުލާ ހުރިހާ އެއްޗެއް ފޮއްޓަކަށް ލައިގެން ހުރަސްކުރުމަށް ފަހުން ފޮތި ލައިގެ ދުއްވުމަށް އިލްތިމާސް ކުރާށޭ މަމެން ބުނާކަށް ނެތީމު އެވެ.

 5. އަލީ އަރީފް

  މިކަހަލަ ކަމަކުން މިހަަރުވެސް ޏުރައްކާތެރި ހާދިސާއެއް ހިގައިފި!! ސަމާސާއަކައް ނުހަދާ!!

 6. ކައި

  އަދި ކިރިޔާތަ ބުރުގާ އަޅައިގެން ވައިޖެހޭ ތަންތަނަށް ދާންފެށީ. އަޖައިބު

 7. ލީ

  އެބުނީ ހަމަ ތެދު ވާހަކައެއް.ކުރިން ރެޔަކު ވެސް ބްރިޖް މަތިން ދުއްވަމުން ދިޔަ ސައިކަލް
  ފަހަތު އިން ކުއްްޖާާގެ ޝޯލް ވަޔާ ދިޔަތަން ފެނުނު.ދެން އެ ކުއްޖާ ދިޔައީ މަޑުނުކޮށް.ކުއްލި އަކަށް މަޑުކުރި ނަމަ ޔަގީން ފަހަތުގަ އޮތް އުޅަދުގަ ޖެހުނީސް.މަތިން ރަތް ކުލައިގެ ޝޯލް އެއް ދާތީ މަށަށް ވެސް ބެލުނީ

  • ފަން

   ????

  • ނަން

   އަމިއްލަ ނަފުސަށް އަދި އެންމެނަށްވެސް ހަނދާންކޮށްދެން މުހިއްމުވާހަކައެއް.. ބެލުން ތިރި ކުރުމަކީ ކުރަންޖެހޭނެ ކަމެއް. މިއަދު މީހަކު ލަދުގަންނަވާލާ ބައި ހަދައިގެން އެމީހަކަށް ހީ މަލާމަތް ކުރި ފަދައިން މާދަން އަހަރުމެންވިޔަސް ހަމަ އެގޮތަށް ލަދުގަންނަން ޖެހިދާނޭ ކަމެއް މާތްﷲ މެދުވެރިކުރައްވަވާފާނެ ކަން ދަންނަންވާނެ އެހެންނޫންތޯ.. އެމީހު ކުރި ކަމެއްގެ ބަދަލް ލިބޭނެކަން ދަންނަންވާނެ

 8. ސީސީ

  ތަންކޮޅެއްކުރި މަގޭ ސައިކަލު ފަހަތުގައިން އަންހެންކުއްޖެގެ ބުރުގާ ސައިކަލުގެ ޗޭނުގަި އޮޅުނެވެ. އެހެންވީމާ އެއީ ސަމާލުވާންޖެހޭކަމެކެވެ. ވާރޭ ކޯޓުވެސް ސައިކަލުގައި އޮޅިދާނެއެވެ. އަދި ދުއްވާއިރު ލޭނުގެ ވައަތްފަޅީގަ އިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އަދި ރަހްމަތްތެރިންނާ ދިމާވުމުން އެއްހަމައިގަ ތިބެގެން ދުއްވާ މީހުންވެސް އެކުރަނީ ނުރައްކާތެރިކަމެކެވެ. މުޅި ލޭން ފުރާލާފަވެސް ގޮސްގެންނުވާނެއެވެ. މިކަހަލަ ކަންކަމަށް ސަމާލުވާންޖެހެއެވެ. އެކަމަކު މިކަންކަމަށް އެއްވެސްމީހަކު ސަމާލުނުވެއެވެ.

  • އެ

   ތިބުނީ ތިމާ ނޫނީ އެއްވެސްމީހަކު ސަމާލު ނުވެއޭތަ؟ އެހެންނަމަ ތިހާ ހިއްމައްޗަށްލައިން ވާހަކަ ނުދައްކާ އިބިލީހުގެ ސިފައެއް އެއީ ބޮޑާވުން

  • ކައިލްސް

   ތިހަމަ ހުސް ރަނގަޅު ވާހަކަ، ލޭން ފުރާލައިގެން ދާ މައްސަލަ ވަރަށް ބޮޑު ދިވެހިންގެ ތެރޭ.

 9. ޒ

  ރީތި ކޮށް ދަތި ޖެހީމަ ނިމުނީނު ބުރުގާގަ ވަޔާނުދާނެ ހެން...

 10. ކިިޔާ

  މީ ރަނގަޅު ވާހަކައެއް.މިކަހަލަ ހާދިސާއެއް ދިމާނުވެ ކިރިޔާ ސަލާމަތްވީ.އެވެސް މޫސުން ރީތި އެހެނަސް އާދައިގެވަރަކަށް ވައިޖެހުނު ދުވަހެއް.އެއީ އަލަށް ބުރިޖުގަ ސައިކަލެއްގަ ދިޔަދުުވަސް.ސައިކަލުގައިން ކުއްޖާ ކައިރީގަ މަޑުން ދުއްވަން ބުނީމަ ބުރިޖުގެ ވަކިހިސާބަކަށް ގޮއްސަ ސްޕީޑް ބާރުކޮށްލީ. ހީވީ ވައިސޫރިއެއް ދިޔަހެން.ބުރުގާ ވަޔާ މައްޗަށް އަރައިގެން ނުދިޔައީ ކިރިޔާ.ޑަބަލްކޮށް ޕިންޖަހާފަ ހުރީމަ ސަލާމަތްވީ.އެގަޑީގަވެސް ވިސްނާލެވުނު ވައިގަދަ ދުވަހެއްގަ ކަންތައް ހުންނާނެ ގޮތާއިމެދުގަ.އެދުވަހު ސައިކަލަކަށް އެރުނު މޮޔަހީވޭ.

 11. ުބުއްދި

  އެއީ ދިވެހިންގެ އާދަ ކޮންމެ ވާހަކައެއްވެސް ރަނގަޅަށް ބުނެފިއްޔާ ކޮންމެވެސް ހަޖޫއެއް ޖަހާނެ.. މި އާޓިކަލް ޖެހީވެސް ބުރުގާ އަޅާ ގެ ދުއްވި މީހަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ވެދާނެ،،