ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސްޕޯޓްސް އެންޑް ޕްރޮވިންޝިއަލް ކައުންސިލްސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު މުހައްމަދު ފައިޒަރު މުސްތަފާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިންތިހާބީ ރައީސްގެ ރަސްމީ ކެމްޕެއިން އޮފީސް ހިންގަމުން އައި ސޯލްޓް ކެފޭގައެވެ. މި ބައްދަލުކުރެއްވުމުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖަ ޖެނެރަލް ރިޓަޔަޑް ތޮރަދޭނިޔާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިރިސޭނާގެ ހާއްސަ މަންދޫބުގެ އިތުރުން އިބޫ މިއަދު ވަނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގްއާ ވެސް ބައްދަލުކުރައްވާފައެވެ.

ސިރިސޭނާގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންނެވިއިރު އިބޫ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

އިބޫ ހުވާ ކުރައްވާނެ ދުވަހެއް ރަސްމީކޮށް އަދި ކަނޑައަޅާފައި ނުވާއިރު، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައެވެ. މި ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަސާތޭ

  2. ޔަގީނޭ

    ލަންކާގެ ރައީސް ސިރިސެނާގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި ކަމަށް ބުނެ އެމެން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް މަމެން ޕިންކީން ނެތީމު ތަމެން ވޯޓް ގައި މަކަރާއި ހީލަތް ހަދާފައިވާތީވެ ތަމެން ތިޔާ ފަތުރާ ޕްރޮޕެގެންޑާ އަށް ހެއްލެން އަދި ތިޔާ ޕްރޮޕެގެންޑާ އިން މަމެން ކުރާ މަސައްކަތް ކްލައުޑް ވެސް ނުކުރެވޭނެ އަދި މަމެން ދުލެއް ވެސް ނުދޭނަން މަމެން ދާނަން ކޯޓަށް މަމެންނަށް ޔަގީން ވޯޓް އިން ވައްކަން ކޮށްފައިވާ ކަން އެއީ ޔަގީން ކަށަވަރު ކަމެކޭ ޔަގީން މުޖައްރިބު