ވައިގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް އަނެއްކާވެސް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނީ، ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށެވެ.

މި ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ، މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:15 އާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، އެލާޓް ނެރެފައިވާ ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި 23 މޭލާއި 29 މޭލަށް ވައިބާރުވާނެ ކަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. ހަނަ އެހެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުސުން ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ އިދާރާއިން މިއަދުވެސް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވެއެވެ. މީގެ އިތުރު ފާއިތުވެދިޔަ ދުވަސްތަކުގައި ބައެއް ހިސާބުތަކަށް ޔެލޯ އެލާޓްވެސް ނެރެފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ އަސަރުކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.