ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ކުއްލި ނުރައްކަލުގެ ޚާލަތުގެ ދަށުން ފެބުރުއަރީ ފަސްވަނަ ދުވަހުގެ ދަންވަރު ހައްޔަރު ކުރުމާއި ގުޅިގެން ވަގުތުން މިނިވަން ކުރުމަށް "ހޭބިއަސް ކޯޕަސް އަމުރު" ނެރެދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ އަމުރު ނެރެނުދިން މައްސަލަގެ ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.

ނަދީމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި "ހޭބިއަސް ކޯޕަސް" އަމުރަކަށް އެދުމުން، އެފަދަ އަމުރެއް ނެރެވެން ނެތްކަމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން މުރާޖާއަ ކޮށްދިނުމަށްއެދި ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބަދަލުކުރާންޖެހޭފަދަ ހާލަތެއް ނެތްކަމަށެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އަޑުއެހުމެއް ބާއްވާފައިވަނީ މިއަދުއެވެ.

މިއަދުގެ އަޑުއުހުމުގައި ނަދީމްގެ ޤާނޫނީ ޓީމުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ތިން ނުކުތާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މިއަހަރުގެ 4 ވަނަ ނިންމުމުގައި އެ ނިންމުން ނިންމެވި ޤާނޫނީ ހަމަތައް ބަޔާން ކޮށްފައި ނުވާ މައްސަލައެވެ. ނަދީމްގެ ވަކީލް ޝަމީލް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ ނިންމުން ބަދަލުކުރަންޖެހޭނެ ތަނެއް ނެތްކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ޤާނޫނު އަސާސީގެ 48 ވަނަ މާއްދާއާވެސް ޚިލާފަށް ކަމަށެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއެއްގެ ގޮތުގައި ނަދީމްގެ ފަރާތުން ފާހަގަކުރެއްވީ، ހައްޔަރު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރި މައްސަލައެވެ. ނަދީމްގެ ވަކީލް ވިދާޅުވީ، ނަދީމް ހައްޔަރުކުރިއިރު ކުއްލި ނުރައްކަލުގެ ޤާރާރު (2018 ވަނަ އަހަރުގެ 3 ވަނަ ޤަރާރު) ނެރެފައިވީ ނަމަވެސް އެ ޤަރާރުގެ ދަށުން ޤާނޫނު އަސާސީގެ 48 ވަނަ މާއްދާ ހިފަހައްޓާފައި ނުވާ ކަމަށެވެ. އަދި އެ މާއްދާވެސް ހިފަހައްޓާ ޤާރާރަށް އިސްލާހުކޮށް އައު ޤަރާރެއް ނުރެފައިވަނީ ނަދީމް ހައްޔަރުގައި ހުންނަތާ 11:15 މިނެޓް ފަހުން ކަމަށްވާއިރު އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

ފަހު ކަމެއްގެ ގޮތުގައި ނަދީމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ މަތީ މަރުޚަލާތަކުގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންޖެހޭނަކަމަށް ބުނެފައިވާ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ޙިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ޝަމީލް ވިދާޅުވީ ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވަނީ ސްޕްރީމް ކޯޓުގެ 2010 ވަނަ އަހަރުގެ 19 ވަނަ ޤަޒިއްޔާއާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފަށް ކަމަށެވެ.

ނަދީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަށް ހުށަހެޅުމުން ދައުލަތުގެ ވަކީލް އައިޝަތު މިލްނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުމުގައި އެ ނިންމުން ނިންމި ޝަރުއީ ސަބަބުތައް ބަޔާންކޮށްފައި ނެތްކަމަށް ނަދީމްގެ ފަރާތުން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމުގައި ޝަރުޢީ ސަބަބުތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ނަދީމް ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީސް ކުއްލި ނުރައްކަލުގެ ޤަރާރު އިސްލާހުކޮށް ޤާނޫނު އަސާސީގެ 48 ވަނަ މާއްދާ ސަސްޕެންޑްކޮށްފައިވުމުން ކޯޓުން އަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ރަނގަޅަށް ކަމަށް މިލްނާ ވިދާޅުވިއެވެ.

މިލްނާ އިތުރަށް ވިދާޅުވީ، މަތީ ކޯޓުގެތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް ޤާނޫނު އަސާސީން ބުނާ 143 ވަނަ މާއްދާގެ (ރ) އާ ހަވާލާދެއްވައި ނަދީމް ފާހަގަކުރެއްވި ސްޕްރީމް ކޯޓުގެ 2010 ވަނަ އަހަރުގެ 19 ވަނަ ގަޒިއްޔާ މި މައްސަލައަށް އެޕްލައި ނުކުރެވޭނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަހުބަސް އިއްވަމުން ނަދީމްގެ ވަކީލުން ވިދާޅުވީ، ޤާނޫނީ ސަބަބުތައް ބަޔާންކޮށްފައިވަނީ ރެޖިސްޓްރާގެ ނިންމުމުގައި ކަމަށާއި، ފަނޑިޔާރުންގެ ބެންޗުގެ ނިންމުމުގައި ޤާނޫނީ ސަބަބުތައް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ދައުލަތުންވެސް އެކަމާ އިންކާރު ކުރައްވާފައި ނުވާކަމަށް ނަދީމްގެ ވަކީލުން ފާހަގަކުރެއްވިއެވެ. ވަކީލުން ވިދާޅުވީ، ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމަކީ "މުސައްބަބު" ނިންމުމަކަށް ވާންޖެހޭނެ ކަމަށެވެ.

އިތުރަށް ނަދީމްގެ ވަކީލުން ވިދާޅުވީ، ދައުވާކުރާ ނަދީމް މިހާރު މިނިވަންވެފައިވީ ނަމަވެސް، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ތައުލީމީ ބޭނުމަށްޓަކައި އަދި އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ. ނަދީމްގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ހައިކޯޓުން ކަނޑައަޅައިދެއްވުމަށެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން އިތުރަށް ދައްކާނެ ވާހައެއް ނެތްކަމަށް ވިދާޅުވުމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާން ކުރެއްވުމަށްފަހު ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވާފައެވެ. އެހެންކަމުން ދެން މި މައްސަލައިގައި އޮންނާނީ ހައިކޯޓުން ގޮތެއް ނިންމެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަފްލާ

    ކިތައްމެ ފުއްޕާފަ އުޅުނަސް ގުއިރޯނުން ދެންސަލާމަތެއް ނުވެވޭނެ ކަލޯގަޔާ އަދި ކަމުނުގޮސްގެން އަންނާނެ ދުވަމުން ހަޅެއްފަޅެއް ޖަހަމުން އެދުވަހަކުން ހަމަ ފައިން އަރާނީ ގަޔަށް

  2. ސަލީމު

    މައުމޫނަށް ދެވޭ ހަދިޔާއެއްގެގޮތުގައި މައުމޫނަށް ތަޞައްލީއެއްދިނުމަށް މިއީވެސް މިނިސްޓަރޭކޭ ކިޔާއަޑު އިވޭ! ކީކޭ އަޅެ ބުނާނީ؟

  3. ހަވަރު

    މިކަލޭގެ އަވަރުތަ؟ ދައްޖާލުވެސް އަވަރުވާހަކަ އަޑުއެހިން....