ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި އިދިކޮޅު ފަރާތްތަކުން މިނިސްޓްރީތަކަށް ކުރާ ޒިޔާރަތުގައި އެއްބާރުލުން ނުދިން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝަައިނީ ދޮގު ކުރައްވައިފިއެވެ.

ޝައިނީ އެއްބާރުލުން ނުދިން ކަމަށް ބުނެ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާޕާސަން ހުސައިން އަމުރު އިއްޔެ ޓްވީޓެއް ކުރެއްވިއިރު އެ ޓްވީޓްގައި އަމުރު ވިދާޅުވީ ޝައިނީ އެދިވަޑައިގަތީ އިންތިގާލީ ޑިރެކްޓާ ޖެނެރަލް އަހްމަދު ލަތީފު ފޮނުވުމަށް ކަމަށެވެ. ނަމަވެސް މި ޓްވީޓު އަމުރު ފަހުން ވަނީ ޑިލީޓްކޮށްލާފައެވެ.

މި ވާހަކަތަކާ ގުޅޭގޮތުން ޝައިނީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ބައްދަލުވުމަށް ޑީޖީ ޓްރާންސިޝަން ވަޑައިނުގަންނަވާނެ ވާހަކަ ދެންނެވުމުން ބައްދަލުވުން ކުރިއަށް ގެންދެވި ކަމަށާއި މި ބައްދަލުވުމުގެ ބޭނުމަކީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އޮމާންކަމާއެކު އަންނަ ސަރުކާރުގެ ސިޔާތުތަކަށް ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުން ކަމަށެވެ.

ނަމަވެސް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ރަސްމީ ލިޔުމެއް އޮންނަންޖެހޭނެ ކަމަށާއި މިފަދަ ވަގުތެއްގައި ހިނގާ މުއާމަލާތްތައް ފަހުންވެސް ރަސްމީކޮށް ފެންނަން ހުންނަން ޖެހޭނެ ކަމަށް ފެންނާތީ އިންތިހާބީ ރައީސްގެ އޮފީހުން ނުވަތަ ޑީޖީ ޓްރާންސިޝަންގެ އޮފީހުން ލިޔުމަކުން ހުށަހެޅުމެއް ދެންނެވި ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ނަމަވެސް މައުލޫމާތުތައް ރަސްމީކޮށް ކުރިން ތައްޔާރު ކުރުމަށް ގެންގުޅުއްވާ ލިސްޓު ފޯރުކޮށްދެއްވައި ފަހުން ސިޓީއަކުން ރަސްމީކޮށްލާނީ ކަމަށް ދެންނެވީމެވެ. މީގެއިތުރުން މިކަމާ ގުޅޭގޮތުން ގުޅުއްވާނެ ބޭފުޅަކު އައްޔަންކޮށްދިނުމަށް އެދުމުން އެކަން ވެސް ހަމަ އެވަގުތު ބައްދަލުވުމުގެ ތެރެއިން ހަމަޖައްސައި ދެވިފައިވާނެއެވެ" ޝައިނީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝައިނީ ވިދާޅުވީ އެ ޓްވީޓް މިހާރު އަނބުރާ ގެނެސްފައިވީ ނަމަވެސް މިފަދަ ހައްސާސް ވަގުތެއްގައި ރައްޔިތުންގެ ތެރެއިން ބަޔަކުގެ ހިތުގައި ރުޅިވެރިކަން އުފެދި މަސްހަލަތު ގެއްލޭގޮތް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެ ޓްވީޓުގައި ބަޔާންކޮށްފައިވީ ނަމަވެސް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި ވެސް އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާމްކުރެއްވި ކަމަށާއި ފޮޓޯއެއް ނެގުމަކީ ބައްދަލުވުމާ ގުޅުންހުރި ކަމެއް ނޫން ނަމަވެސް އެފަދަ އެދުމެއް އެ ފަރާތްތަކުން އެދިފައިނުވާ ކަމަށްވެސް ޝަިއނީ ވިދާޅުވިއެވެ.

މީގެއިތުރުން ޝައިނީ ވަނީ އެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ތެރޭގައި ރުޅިވެރިކަން އުފެދި އޭނާއަށް ޖިސްމާނީ އަދި މަރުގެ އިންޒާރު ވެސް ލިބެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޭބެ

    މިރާއްޖޭގައި ގާނޫނެއް ހަދަން ވެއްޖެ!! ގާނޫނަށް ކިޔަންޖެހޭ ނަމަކީ... "ސިޔާސީ މީހުން ކުރާ ހުރިހާ ކަންތައްތަކުން އިސްތިސްނާވުމުގެ ގާނޫނު" މިގާނޫނުގެ ދަށުން ދަފްތަރެއް ހަދާ ހުރިހާ ސިޔާސީ މީހުން ދަފްތަރުކުރެވެން ވާނެ!! އަދި މިގާނޫނުގެ ދަށުން މިކަމަށް ވަކި މިނިސްޓްރީއެއް ހެދަންވާނެ!! މިގާނޫނުގެ ދަށުން ސިޔާސީ މީހުންނަށް ލިބިދޭ އިމްތިޔާޒުގެތެރޭ ޖިނާޢީ ގިނަ ކުށްތަކުން ބަރީޢަވާންވާނެ! ވައްކަމުގެ މައްސަލަތަކުން ބަރީޢަވުން! ރިޝްވަތު އެންމެހާ ޢަމަލުތަކުގެ މައްސަލަތަކުން ބަރީޢަވުން! މަކަރު ހެދުމާއި ޓެކުމުގެ މައްސަލަތަކުން ބަރީޢަވުން! މީހުންގެ އަބުރަށް އަރައިގަންނަ ކުށްތަކުގެ މައްސަލަތަކުން ބަރީޢަވުން!! ބަނގުރަލުގެ މައްސަލަތަކުން ބަރީޢަވުން! ޚިޔާނާތުގެ މައްސަލަތަކުން ބަރީޢަވުން! ޓެރަރިޒަމްގެ މައްސަލަތަކުން ބަރީޢަވުން!! މިފަދަ މީހަކު ހައްޔަރުކުރެވޭނީ މިގާނޫނު ތަންފީޒުކުރަން އުފައްސާ މިނިސްޓްރީގެ މިނިސްޓަރަށް ކުރިން އަންގާ އޭނާގެ ލަފާގެމަތިން ކޯޓަށް ހުށަހަޅައިގެން ލިބޭ އަމުރެއްގެ ދަށުންކަމަށްވެސް ކަނޑައަޅަންވާނެ!! އޭރުން ހުންނާނީ ރަގަނޅަށް!! މިރާއްޖޭގައި މިހާރު މަދީ މިފަދަ ގާނޫނެއް!! މިއީ އަޅުގަނޑުގެ ޚިޔާލު!! މިޚިޔާލު ހިތައް މިއައީ ފާއިތުވެ މިދިޔަ 10 އަހަރުތެރޭ މިރާއްޖޭގައި ސިޔާސީ މީހުން މިކަންތައްތައްކުރާ ގޮތާއި އެމީހުންނާއި ދޭތެރޭ ކަންތައްތައް ނިމިދާގޮތް ހިތައް ގެނެވިގެން!! ވަﷲ އަޢުލަމް!!

  2. އަހްމަދު

    މިނިސްޓަރ ޝައިނީ ކީއްކުރާނީ އެބައެއްގެފެންވަރުން އެބަޔަކުމަސައްކަތްކުރާނީ އަސާސީތަޢުލީމްފެންވަރުމީހުންލައިގެންކޮމެޓީ ހެދީމަ ތިޔަހުރިހާކަމެއްވެސްދިމާވާނެ އަޅާނުލާ

  3. އަލްޖިބްރާ

    އެއްބާރުލުން ނުދީ ހުރެބަލަ ! ކިހާދުވަހަކު ހުރެވޭތޯ ބަލާނަމެވެ. ދެންފެންނާނީ ކުޑަގޮޅިއެވެ.

  4. ސެ

    ކޯލިޝަން އަށް ސަޕޯޓް ކުރަން. ނަމަވެސް ތީތި ކަޑަ.
    ޝައިނީ މިރޭ ދެން ކީއްކުރަން މުޒާހަރާޔަށް ދަނީ. އެއްކޮޅުން އޮޅުވާލާފައޭ ބުނާއިރު އަނެއްކޮޅުން ތިދަނީ ބަދަލުވާ ވެރިކަމަށް ހުރިހާ ކަމެއް ހަވާލުކުރަމުން.
    ކިހިނެއް މިވަނީ ؟

  5. ޔާމިން

    ހާސްނުވޭ މިގައުމްކުރިއައްދާނީރައީސްޔާމިންއާއެއްކޮން

  6. ޙ

    މިހާރުދެން ތިކުޑަކުދިން އުޅޭގޮތް ދޫކޮއްލާފަ ހަރުދަނާމީހަކައްވެބަލަ