އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިބޫ މިރޭ ރާއްޖޭން ބޭރަށް ވަޑައިގަންނަވަނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އަދި އޮކްޓޯބަރު 10ގެ ކުރިން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިބޫ ވަޑައިގަންނަވަނީ ކޮން ގައުމަކަށް ކަމެއް މާރިއާ ވިދާޅެއްނުވެއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ކުއްލި ގޮތަކަށް 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ނިންމި ނިންމުމަށް ވެސް މާރިޔާ ވަނީ ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މި ހުރިހާ ދުވަހުވެސް ހުޅުމާލޭގެ އެ ސަރަހައްދު އޮތްއިރު، އަމިއްލަ ވެރިކަމުގައި އެ ސަރަހައްދުން ގޯތި ވިއްކަން އިއުލާން ނުކޮށް ކުއްލި ގޮތަކަށް އެކަމަށް ހުޅުވާލުމަކީ ވަކި ފަރާތްތަކަކަށް ގޯތި ދޫކުރަން އުޅޭކަމަށް ރައްޔިތުން ވަރަށް ބޮޑަށް ދެކޭ ކަމެއް ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންގެ ނިންމުމަށް ކުރެވޭ ފުރައްސާރައެއް ކަމަށައި އެގޮތަށް އެކަން ނުކުރެއްވުމަށް މާރިޔާ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ދަންނަވަނީ ވެރިކަން ބަދަލުވުމުގެ މި އިންތިގާލީ މަރުހަލާގައި އެއްވެސް ބަޔަކު މިކަހަލަ ކަންތައްތައް ނުކުރުމަށް, ހުރިހާ އެންމެން ވެސް ރައްޔިތުންގެ ނިންމުމަށް އިހުތިހާމު ކުރަންޖެހޭ،" މާރިއާ ވިދާޅުވިއެވެ.

މާރިއާ އިތުރަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިންނާ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދައުލަތަށް އިތުރު މާލީ ބުރައެއް އަންނާނެ ގޮތަށް ކަންކަން ހިނގައި ނުދިނުމަށް އޭސީސީއިން ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ރާވަމުންދަނީ އާންމުންނަށް ވެސް ހުޅުވާލައިގެން ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ. އަދި އެ ރަސްމިއްޔާތުގައި ބޭރު ޤައުމުތަކުގެ އިސް ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލި

    ޔަޤީން ތިފިލީ ތިގޮލާވެސް

  2. އަހްމަދު

    އެބޭފުޅާގެ ސިކުނޑީގެއާލާސްކަންފުޅައް ފަރުވާކުރެއްވުމާ ރޫހާނީލީޑަރާ ބައްދަލުކޮށްލެއްވުމަށް ވަޑައިގަންނަވާދަތުރުފުޅެއް

  3. ޢަބްދުލް

    އެނައްކަލާއި ޢިބޫއަސް ފިލަނީޔާ،؟