އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ 17 އަހަރުގެ މި ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ ފިލައިގެން ހުޅުމީދޫ އަށް ދިޔަތަނުން ކޯޓު އަމުރެއްގެ ދަށުން ހުޅުމީދޫ އިން ކަމަށެވެ.

އައްޑޫ ސިޓީ މަރަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ދެ ޒުވާނަކަށް ހަމަލާދީފައިވެއެވެ. އެތަނުން އެއް ޒުވާނެއްގެ ހާލު ރަނގަޅު އިރު އަނެއް ޒުވާނާގެ ހާލު ސީރިއަސްއެވެ.

ރޭ 23:00 ހާއިރު ހިންގި މި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާން (22އ)އެވެ.

އޭނާގެ ބުރަކަށީގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު ކަރަށްވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް "އައްޑޫލައިވް" ގައި ބުނެފައި ވެއެވެ. އީވާންގެ ފުއްޕާމެއަށް ގެއްލުން ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުވަނީ އިރުޝާދު ދީފައި ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

އޭނާ މާލެ ގެންދިއުމުގެ މަސައްކަތް އާސަންދަ މެދުވެރިކޮށް ކުރަމުން އައި ނަމަވެސް ފުރުވާލެވޭނީ ހަވީރު އޮންނަ ފްލައިޓަކުންކަމަށް ޚަބަރު ލިބެއެވެ.

ފަހަކަށް އައިސް އައްޑޫގައި ވަނީ ގްރޫޕް މާރާމާރީތައް އިތުރުވެފައެވެ.