ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި ޝާއިރުކޮށްފިއެވެ.

ދެ ކެންޑިޑޭޓުންނަށް ލިބުނު ނަތީޖާއާއެކު ވަކިވަކި ފޮށިތަކުގެ ނަތީޖާތައް ވެސް އީސީގެ ވެބްސައިޓުން މިހާރު ފެންނާނެއެވެ.

ރަސްމީ ނަތީޖާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

މި އިންތިޚާބުގައި 262135 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، 233889 މީހުން ވޯޓް ލާފައިވެއެވެ. މީގެ ތެރެއިން ޞައްޙަ ވޯޓުގެ ގޮތުގައި 230757 ހިމެނޭއިރު، ބާތިލު ވޯޓްގެ ގޮތުގައި ހިމެނެނީ 3132 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގައި ލެވިފައިވަނީ 1.30 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގެ ނަތީޖާއާމެދު ސިޔާސީ މައި ހުރިހާ ޕާޓީއަކުންވެސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފެއްދެވީ ވޯޓު ލީ ދުވަހާ ޖެހިގެން އައި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީންނެވެ. އަދި އެއަށްފަހު ޕީޕީއެމް އިންވެސް ބުނެފައިވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް އެބަހުރި ކަމަށެވެ.

ޝަކުވާތަކާއި، ހިތްހަމަ ނުޖެހުންތަކާއެކުވެސް ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި، ނަތީޖާ ނިމިފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާ ކުރައްވާނީ 2018 ނޮވެމްބަރ 11 ވަނަ ދުވަހު ނުވަތަ 17 ވަނަ ދުވަހު ކަމާމެދުވެސް މިހާރު ވަނީ ދެބަސްވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    މުއްލާވަގު އަވަސްއަރުވާލާފަ ނައްޓާލަންއުޅޭހެންހީވަނީ

  2. ޙަމްދޫން

    ފޮށިތައް ގުނި އިރު ކިތައް މީހުން ބަލަންތިބީ؟

  3. ބޭބެ

    ވަގު ވޯޓް ދޯ!! ވަގުހެދިއްޔާ ވާނީ ހަމަ ވަގުހެދިކަމަށް ކޮންމެ ތަނެއްގައި މަތިމައްޗަށް ހާމަކުރިޔއަސް!! ޖަސްޓް ޑިނައި އިޓް!! ފިންގަ ޕްރިންޓް ނުހުންނާނެޔޯ!! އަނގޮޓި ޝަރީފް ކިޔާ އެއްސިއްސޯ މީ!!

  4. ާަައަލީ މަރީން

    ޤާނޫން އަސާސީގައިވާ ގޮތުން ރިޔާސީ އާ ދައުރު ފެށޭނީ ނޮވެމްބަރ11ގައި ވަރަށް ސާފު....

  5. އަބްސީ

    ދެން އަވަހައް ފިލަން ރެޑީވޭ. ދެން ނެއް ހަދާނެ އެއްވެސް ގޮތެއް! ކޮންމެތާކައްދިޔަސް އެކަމު ގެންނާނަން އިރާދަ ކުރެއްވިޔާ.

  6. ކިޔުންތެރިޔާ

    ޝާޢިއު ކުރީ ޝާއިރެއް ނޫން!