ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި އެއްގޮތްވާގޮތުގެ މަތިންނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން އެންވާރްމަންޓް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުން ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ތިން ސަރަހައްދެއް މިއަދު ހިމާޔަތް ކޮށްފިއެވެ.

އެންވާރްމަންޓް މިނިސްޓްރީ އިން ނެރުނުއްވި ބަޔާނެއްގައި ވިދާޅުވީ ހިމާޔަތް ކުރި ތިން ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދަކީ ރަސްދޫ މަޑިވަރު ސަރަހައްދު ކަމަށެވެ.

ދިވެހިރާއްޖޭގެ މައި އަތޮޅުތަކުން ވަކިން އުފެދިފައިއޮތް، އެހެން އަތޮޅުތަކާއި ޚިލާފަށް ޤުދުރަތީ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ އަތޮޅެއްކަމަށްވާ ރަސްދޫއަތޮޅަކީ އަރިއަތޮޅު އުތުރުބުރީގެ އިރު އުތުރު ފަރާތުން އެއަތޮޅުގެ އުތުރު ކޮޅަށްވާގޮތަށް އޮންނަ 4 ރަށާއި 3 ފިނޮޅެއް އޮންނަ އަތޮޅެކެވެ.

އަރިއަތޮޅު އުތުރުބުރީ ރަސްދޫއަތޮޅަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ޚާއްސަ ބާވަތްތަކުން މުއްސަނދި، އަދި ދިރޭތަކެތީގެ ނަސްލާއި އިންސާނުންގެ ހަރާކަތްތަކާއި ގުޅިފައިވާ އަތޮޅެވެ.

މިގޮތުން ރަސްދޫގެ އިރުދެކުނުން އޮންނަ ކަނޑުއޮޅިއާއި ކަނޑުއޮޅި ކައިރީގައިވާ ފަރުގެ ސަރަހައްދަކީ، ނުވަތަ ރަސްދޫ މަޑިވަރަކީ ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ސަރަހައްދެކެވެ. އެކި ނަސްލުތަކުގެ ދިރުންތައް ގިނައަދަދަކަށް އުޅޭ މިސަރަހައްދަކީ ބައިނަލްއަޤްވާމީ ގޮތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ. މިސަރަހައްދުގެ އެންމެ ޙާއްޞަ ސިފައަކީ ކާލިގަނޑު މިޔަރެވެ.

ރާއްޖޭގައި މިހާތަނަށް ހޯދިފައިވާ ޑައިވް ސްޕޮޓްތަކުން އެންމެ ގިނަ ޢަދަދަކަށް ކާލިގަނޑު މިޔަރު މުޅި އަހަރުތެރޭގައި ފެންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި މަޑިވަރު ސަރަހައްދު ހިމެނެއެވެ. މިސަބަބަށްޓަކައި ރަސްދޫއަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަރަށް ގިނައެވެ. ރަސްދޫ މަޑިވަރަކީ ކަނޑުއަޑީގެ ހިއްގައިމުކަމާއި، ތަފާތު ވައްތަރުގެ ދިރުންތަކުގެ މުއްސަނދިކަމާއެކު ބޮޑެތި ދިރުންތައް ގިނަ ޢަދަދަކަށް ދިރިއުޅޭ ސަރަހައްދެކެވެ. މިގޮތުން އެންމަޑި، މާހުޅުނބު ލަނޑާ، ވެލާކަހަނބު ފަދަ މުހިއްމު ދިރުންތައް ދިރިއުޅޭ ތަނެކެވެ.

ދެން ހިމާޔަތް ކޮށްފައި ވަނީ ށ. ފަރުކޮޅެވެ.

މިރަށުގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިން ކަމަށް ވާއިރު މި ރަށުގައި ތަފާތު 7 ކުޅިއެއް އުފެދިފައި އޮވެއެވެ. އަދި މި ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ވެފައިވާ ތަންތަނެވެ. އަދި މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ. ދިގުލާބަދޫގެ ޤުދުރަތީ މާޙައުލު 6 ބަޔަކަށް ބަހާލެވިފައެވެ. އެއީ ރަށުގެ ގަސްފަށަލަތައް، މޫދާއިގުޅިފައިވާ ކުޅި (ފިނިހަކަ ކުޅި)، ލޮނާއި މީރުފެންއެކުލެވޭ ފަސް ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިން، މޫދުވިނަ އުފެދިފައިވާ ސަރަހައްދު، ރަށުގެ ގޮނޑުދޮށް އަދި ރަށުގެ ފަޅާއި ފަރުގެ މާޙައުލުތަކެވެ.

މި ރަށުގެ ކުޅިއާއި ޗަސްބިން ސަރަހައްދުގައި ކަނޑޫފަލުގައި ހެދޭ ބާވަތްތައް ކަމުގައިވާ 8 ބާވަތެއްގެ "މެންގްރޫވް ގަސް" ހެދޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ. މި ގޮތުން ބޮޑަވަކި، ރަނޑޫ، ތަކަފަތި، ބުރެވި ގަސްތަކަކީ ވެސް މިހާރު ދިވެހިރާއްޖެއިން ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި އާލާކުރުމަށް ވަރަށް ޙާއްޞަކަމެއް ދެވޭ ގަސްތަކެކެވެ. އަދި މިރަށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ގިނަބާވަތްތަކެއް ދޫނި ޒިޔާރަތްކޮށް ބިސްއަޅާ ރަށެކެވެ. އަދި މި ރަށުގައި މޫދާއި ގުޅިފައި އޮންނަ ކުޅިއަކީ ދުނިޔެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ މަސްމަހާއި މެއްސާއި ފަރުގެ ދިރުންތައް އާލާވާ ސަރަޙައްދެކެވެ.

ހދ.ކުޅުދުއްފުށި އެއަރޕޯޓް އެޅުމަށް އެރަށުގެ ކުޅިއާއި ޗަސްބިން ހިއްކުމަށް ދޫކޮށްފައިވާ ހުއްދައިގައި (އީ.އައި.އޭ ޑިސިޝަން ސްޓޭޓަމަންޓްގައި)، ޤުދުރަތީ އަދި ތަބަޢީ ސިފަތައް ހިމެނޭ ގޮތަށް އެސަރަހައްދަށް ވުރެ ކުޑަނޫން ސަރަހައްދެއް، ނުވަތަ ސަރަހައްދުތަކެއް، ނުވަތަ ކަމާބެހޭ އިދާރާ އަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި، ނުވަތަ ތަންތަނުގައި ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތްކޮށް، މެނޭޖްކޮށް ބެހެލެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޝަރުތުކޮށްފައިވާތީވެ، ށ.ފަރުކޮޅު ހިމާޔަތްކުރުމަށް މި ކަން ފުރިހަމަވެގެންދާނެ ކަމަށް އެންވާރްމަންޓް މިނިސްޓްރީ އިން ވިދާޅުވިއެވެ.

ތިން ވަނަ އަށް ހިމާޔަތް ކޮށްފައި ވަނީ ގދ. ދިގުލާބަދޫ އެވެ.

މި ރަށުގެ ބައްޓަން ހުންނަ ގޮތުން ކޮއްލަވާންޏެއް ގޮތަށް އުފެދިފައިވާ އިރު، މިއީ ރާއްޖޭގެ ވަރަށް މަދު ރަށަކަށް ނޫނީ ނުފެންނަ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ވަރަށް ރީތި ރަށެވެ. މި ރަށުގެ ބައްޓަމުގެ ސަބަބުން މިރަށުގެ ފަޅުތެރެއަށް ހުޅުވިފައިވާ ކޯރު ނުވަތަ އިނގިރޭސި ބަހުން "ބޭ އޭރިޔާ" އަކީ ހުޅަނގު މޫސުމުގައި އުފެދޭ ބާނީ ތަކުންނާއި ރާޅުން ރައްކާތެރިވެފައިވާ ވެއްޓެކެވެ. އެހެންކަމުން މި ބޭއޭރިޔާއަކީ މިޔަރާއި، މަޑިއާއި ވަރަށް ގިނަ ފަރުގެ ދިރުންތައް ވިހައި އާލާވާ ސަރަހައްދެކެވެ. މީގެ އިތުރުން މިރަށުގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިމުގެ މާހައުލުން މުއްސަނދި ވެފައިވާ ތަންތަނެވެ. މި ރަށުގެ އެންމެ މުހިއްމު އެއް ސަރަހައްދުކަމަށްވާ ފިނިހަކަކުޅި ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ދޫނި އަދި ގިނަ ބާވަތްތަކެއްގެ މަސްތައް ބިސްއަޅާ އާލާވާ ތަންތަނެވެ. މިތަނުގައި ހިރި ކަނޑޫފަލުގައި ހެދޭ ބާވަތްތައް ކަމުގައިވާ ބޮޑަވަކި އަދި ރަނޑޫ ގަސްތަކަކީ ވެސް މިހާރު ދިވެހިރާއްޖެއިން ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި އާލާކުރުމަށް ވަރަށް ޙާއްޞަކަމެއް ދެވޭ ގަސްތަކެކެވެ. އަދި ރަށުތެރޭގައި އުފެދިފައިވާ ކުޅިތަކަކީ ވެސް ވަރަށް ބޮޑަށް ދިރޭތަކެތީގެ މުއްސަނދިކަން ލިބިފައިވާ، އަދި ޙާއްޞަކޮށް ބޭންގު ފަދަ މަސްތައް އާލާކޮށްގެން ބޮޑުކުރުމަށް މުޙިއްމު ތަނެއް. ބޭންގަކީ މިހިސާބު މީހުން ޒަމާންތަކެއްކުރިން ކަނޑުމަސް ނުބޭނޭ ދުވަސްވަރު ކެއުމަށް ބޭނުންކުރެވޭ މުހިއްމު ބާވަތްތަކެވެ. މި ރަށަކީ ފިޔޯރީއާއި ފަރެސްމާތޮޑާ ރައްޔިތުންގެ ދިރިއުޅުމާއި ޘަޤާފަތާއި ވަރަށް ގުޅުންހުރި ރަށެކެވެ.

އއ. ރަސްދޫ މަޑިވަރު ސަރަޙައްދު ހިމާޔަތް ކުރެވިގެން މިދަނީ ޤުދުރަތީ ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ޤަވައިދުގެ 1ވަނަ ގިންތި "ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދެއ" އަދި 6ވަނަ ގިންތި "ހެބިޓެޓް/ ސްޕީސިސް މެނޭޖްމަންޓް އޭރިއަރ" ގެ ދަށުން ކަމަށް އެންވާރްމަންޓް މިނިސްޓްރީ އިން ވިދާޅުވިއެވެ.

އަދި ށ. ފަރުކޮޅާއި ގދ.ދިގުލާބަދޫ ހިމާޔަތްކޮށްފައިވަނީ ޤުދުރަތީ ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ޤަވައިދުގެ 7 ވަނަ ގިންތި ކަމުގައިވާ "ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެނިނަބަލް ޔޫޒް" ގެ ދަށުން ކަމަށް ވެސް އެމިނިސްޓްރީ އިން ވިދާޅުވިއެވެ.

ހިމާޔަތް ކުރި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައިވާގޮތުގެ މަތިން ކަމަށް އެންވާރްމަންޓް މިނިސްޓްރީ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ބ.އަތޮޅު ގޮއިފުޅަ ފެހެންދޫ ފަޅު ތެެރޭން ވެލި ނެގުން މަނާ ކޮށްދީބަލަ.. ހުރިހާ ފިނޮޅުތަކުންނާ ފަޅު ތެރޭން ވެލި ނެގުމުގެ ސަބަބުން.. ވަރަށް ބޮޑަށް ރަށްތައް ގިރަމުން އެބަދޭ