އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންތަކެއް އަވަށްޓެރި ސްރީލަންކާގައި، ކުރީގެ ރައީސް ނަޝީދުއާ ބައްދަލުކުރައްވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް، އެ ކޮމިޝަނުގެ ތަރުޖަމާނު، ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ދޮގުކުރައްވައިފިއެވެ.

ނަޝީދުއާ ބައްދަލުކުރި ޚަބަރު އަކްރަމް ދޮގުކުރެއްވިއިރު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ސުވާލު އުފައްދައި، ވޯޓުން ވައްކަން ކޮށްފައިވާކަމުގެ ތުހުމަތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އަމާޒުވުމަށްފަހުގައި ކޮމިޝަނުގެ ރައީސް ފިޔަވައި އެހެން މެންބަރުން މިވަގުތު ތިއްބެވީ އަވަށްޓެރި ސްރީލަންކާގައެވެ.

ރޭ "ސަންގު ޓީވީ" އަށް އަކްރަމް ވިދާޅުވީ، އެއްވެސް އިރެއްގައި އުސޫލުކުތަކުގެ ބޭރުން، އަދި އަމިއްލަ ޟަމީރު ޤަބޫލުނުކުރާ ކަންކަމާ ކުރިމަތިލާ ނޫޅުއްވާ ކަމަށާއި، ނަޝީދުއާ ބައްދަލުކުރި ކަމަށް މީސްމީޑީއާގައި ދެކެވެމުންދަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މެންބަރަކު ތިޒާތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، ހާއްޞަގޮތެއްގައި އަޅުގަނޑު ސްރީލަންކާގައި ވިޔަސް އަދި އެހެންތަނެއްގައި ވިޔަސް އަޅުގަނޑު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާ ހަވާލުވިފަހުން ރައީސް ނަޝީދުއާ ބައްދަލުވެފައެއް ނެތް އަދިއެއް." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ނަޝީދުގެ އިތުރުން ރާއްޖެ ދޫކޮށް ދިޔަ ފަހުން އެއްވެސް ސިޔާސީ ބޭފުޅަކާ ބައްދަލުކުރައްވާފައިވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އުސޫލުކުތަކުގެ ބޭރުން، އަދި އަޅުގަނޑުގެ އަމިއްލަ ޟަމީރު ޤަބޫލުނުކުރާ ކަންކަމާ ކުރިމަތިލާ މީހެއްނޫން. އަޅުގަނޑު ސްރީލަންކާއަށް އައިފަހުން އަދި ކޮމިޝަން މެންބަރު ހަބީބު ވެސް ލޮލަކަށް ނުފެނޭ. އަދި އަމުދުން އެއްވެސް ސިޔާސީ ބޭފުޅެއް އަޅުގަނޑުގެ ލޮލަކަށް ނުފެނޭ، މިތަނުން ބައްދަލުވެފައި، ދިމާވެފައެއްވެސް ނެތް." އަކްރަމް ވިދާޅުވިއެވެ.

އިތުރަށް އަކްރަމް ވިދާޅުވީ، ހަޤީގަތެއް ނެތް ވާހަކަތައް ދައްކައިގެން މީހުންގެ އަބުރަށް އަރައިގަތުމަކީ އައު ވާހަކައެއް ނޫން ނަމަވެސް، އެއީ ކުރެވިގެންވާނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް އައު ވާހަކައެއް ނޫން މީހުންގެ އަބުރާ އިއްޒަތަށް އަރައިގަތުމަށްޓަކައި މިފަދަ ވާހަކަތައް މަދު މީހުންކޮޅެއް ތަނަކަށް އެއްވެގެން ދައްކާ ދެއްކުމަކީ. އެފަދަ ކަންކަމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެގޮތަށް ކުރެވިގެންވާނެ ކަންތައްތަކެއް ނޫން." ޕީޕީއެމްގެ އެއްވުމަށް އިޝާރާތްކޮށް އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުއާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަކްރަމް އަދި ހަބީބު އަވަށްޓެރި ލަންކާގައި ބައްދަލުކުރެއްވިކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތައް އަކަރަމް ދޮގުކުރެއްވިއިރު، ހަޤީގަތެއްނެތް ވާހަކަތައް ފަތުރާ މީޑިއާތަކާ މެދުގައި ފިޔަވަޅު އެޅުމަށާއި، ކޮންމެ ރެޔަކު ޕީޕީއެމް އޮފީސް ކުރިމަތީ ކުރިއަށްދާ ޚަރަކާތްތައް ނުހުއްޓާނަމަ އެ ޕާޓީއަށް ފިޔަވަޅު އެޅުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ނިންމަވާފައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށާއި، ނުއަގުގައި ވޯޓު ކަރުދާސް ޗާޕުކޮށް މަކަރު ހަދާފައިވާ ކަމަށް އަދި ހުށަހެޅުނު ޝަކުވާތައް އޮއްބާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ. އަދި މި ތުހުމަތުތަކަށް ޖަވާބުދޭން ނުޖެހޭ ކަމަށާއި، ޖަވާބުދާރީ ވެލައްވާނީ ރަސްމީ އިދާރާތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިޒާ

    ތިހެން ބުނާނެ ފައިސާ ނަގާގެން ތިބި މީހުން. މާދަމާ ފޮޓޯތައް އާންމުވާނެ.

  2. Anonymous

    ދޮގުކުރާނެކަމެއްނެތް، ލަންކާއަށް ފިލައިގެންގޮސްފަތިބި އިލެކްޝަންގެ ބައިގަނޑާއިއެއްކޮށްއުޅެނީ އަންނީނަޝީދުގެ އަޢުވާނުން، އެމީހުންތިބެނީ ފައިވުސްޓާ ހޮޓަލްތަކުގަ، އެކަންއިގޭ ލަންކާގައި ދިރިއުޅޭމީހެއް މަށަކީ

  3. ދޮންބެ

    ތެދެ ކޭބުނާ ނެތަ

  4. ރުޒާނާ ޗޮއްޕަޓު

    ދޮގެއް ކުރާނެ ކަމެއް ނެތް. ތީ ފަސްމާމުލު ފަސް އިއްޒަތްތެރިންނެއްނު.

  5. ޔަޝްފާ ނާސިޙު

    އަކުރަމް ހެދި ދޮގެއް. ބައްދަލުކުރި. އެކަން ދެނެހުރިން. އެއީ މައްސަލައެއް ކަމަކަށް ވެސް ނުދެކެން. ދެން ކިއްވެ ޑިނައިކުރަނި؟

  6. ނަޖްވާ

    ރައީސް ނަސީދު ވީ ޔޫކޭ ގެ އެއްނު!

  7. ާސައިލެންޓް މެޖޯރިޓީ

    ބައްދަލު ނުކުރަންވީ ސަބަބެއްނެތް ނަޝީދު ލަންކާގަ ތިބި ދިވެހިންނާއި ބޭއްވި ބައްދަލުވުމެއްގައި ބުނި ރައީސް ޔާމީނުގެ ގޮޅީގައި ޖަހާ ފާހަގަ ވެއްޓިގެންގޮސް ހަރުލާނީ އިބުގެ ގޮޅީގައޭ އަދި 134000 ވޯޓް ލިބޭނެކަމަށް ނަޝީދުގެ ޖީބުގައި އެ އަދަދު ޖަހާފއިވާ ކަރުދަާސްކޮޅު މިއޮތީއޭ ބުނި މީސްމީޑިއާގަ ވީޑިއޯ ހުންނާނެކަމަށް ހީކުރަން