އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޒަހަމްވެ، ސީރިއަސް ހާލަތެއްގައި އޮތް މުހައްމަދު އީވާންގެ ފުއްޕާމޭގެ އޮޕަރޭޝަނެއް ރޭ އައިޖީއެމްއެޗްގައި ކޮށްފިއެވެ.

ރޭ މެންދަމު ކުރި އެއޮޕަރޭޝަނަކީ ވަޅިޖެހުމުގެ ސަބަބުން ފުއްޕާމެއަށް އެޅިފައިވާ ލޭ ސާފުކުރުމަށާއި ފުއްޕާ މޭގެ ހޮޅިއަކަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް ކުރި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ނެގި ކަމަށް އީވާންގެ އާއިލާއިން ބުނެ އެވެ. އޮޕަރޭޝަނަށް ފަހު އީވާންގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅެވެ. ނަމަވެސް އަދިވެސް އޭނާ އަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

ފުއްޕާމޭގެ އިތުރުން އީވާންގެ ބުރަކައްޓާއި ކަރު ވެސް ވަނީ މާރާމާރީގައި ޒަހަމް ކޮށްލާފައެވެ.

އީވާނަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެވެ.

އެމައްސަލައިގައި އިއްޔެ ފުރަތަމަ ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖެކެވެ. އޭނާ ހައްޔަރު ކުރީ ފިލައިގެން ހުޅުމީދޫ އަށް ދިޔަ ތަނުން އެރަށުންނެވެ. އަނެއް ފަސް މީހުން ހައްޔަރު ކޮށްފައި ވަނީ ފޭދޫ ގެއެއްގައި ފިލައި ތިއްބައެވެ. ފޭދޫ ގެއެއްގައި ފިލައި ތިއްބާ ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފަހަކަށް އައިސް އައްޑޫގައި ވަނީ ގްރޫޕް މާރާމާރީތައް އިތުރުވެފައެވެ.