އައްޑޫ ސިޓީގައި ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރި އާއި ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އިތުރު ހަތަރު މީހަުން ހައްޔަރު ކޮށްފައި ވަނީ ފޭދޫ އިން ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ އެންމެ ފަހުން ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖަކާއި 26 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް ކަމަށެވެ.

މިމައްސަލައިގައި މިހާރު ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ ދިހައަކަށް އަރާފައެވެ.

އެމައްސަލައިގައި އިއްޔެ ފުރަތަމަ ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖެކެވެ. އޭނާ ހައްޔަރު ކުރީ ފިލައިގެން ހުޅުމީދޫ އަށް ދިޔަ ތަނުން އެރަށުންނެވެ. އަނެއް ފަސް މީހުން ހައްޔަރު ކޮށްފައި ވަނީ ފޭދޫ ގެއެއްގައި ފިލައި ތިއްބައެވެ. ފޭދޫ ގެއެއްގައި ފިލައި ތިއްބާ ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާރާމާރީގައި ޒަހަމްވެ، ސީރިއަސް ހާލަތެއްގައި އޮތް މުހައްމަދު އީވާންގެ ފުއްޕާމޭގެ އޮޕަރޭޝަނެއް ރޭ އައިޖީއެމްއެޗްގައި ވަނީ ކޮށްފައެވެ.

ރޭ މެންދަމު ކުރި އެއޮޕަރޭޝަނަކީ ވަޅިޖެހުމުގެ ސަބަބުން ފުއްޕާމެއަށް އެޅިފައިވާ ލޭ ސާފުކުރުމަށާއި ފުއްޕާ މޭގެ ހޮޅިއަކަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް ކުރި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ނެގި ކަމަށް އީވާންގެ އާއިލާއިން ބުނެ އެވެ. އޮޕަރޭޝަނަށް ފަހު އީވާންގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅެވެ. ނަމަވެސް އަދިވެސް އޭނާ އަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

ފުއްޕާމޭގެ އިތުރުން އީވާންގެ ބުރަކައްޓާއި ކަރު ވެސް ވަނީ މާރާމާރީގައި ޒަހަމް ކޮށްލާފައެވެ.