މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނަތީޖާއަށް އަސަރުކުރާނެ ފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ އެޗްއާރުސީއެމްގެ އޮބްޒާވޭޝަން ރިޕޯޓުގައި ބުނެފައިވަނީ އިންތިހާބުގެ އެންމެހާ ކަންކަން ނިމިގެންދިޔައީ ސުލްހަވެރިކަމާއެކު ކަމަށާއި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަކަމެއް ހިނގާފައިނުވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބާ ކައިރިކޮށް އިންތިހާބާ ގުޅުންހުރި ގާނޫނުތަކަށް ބަދަލުތައް ނުގެނައުމަށް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

" މި އިންތިޚާބުގައި ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ޙައްޤަށް ބުރޫއަރައި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަކަމެއް ހިނގާފައެއް ނުވޭ. ނަމަވެސް ރިޔާސީ އިންތިހާބާއި ގުޅިގެން އިދާރީ ގޮތުން އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފާހަގަ ކުރެވުނު" އެޗްއާރުސީއެމް އިން ބުނެއެވެ.

އެޗްއާރުސީއެމްއިން ވަނީ ކުރިޔަށް އޮތް އިންތިޚާބުތަކުގައި ވެސް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ހެދިފައިވާ ގަވައިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއްބަޔަކު އަނެއްބައެއްގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ކެމްޕެއިން ޙަރަކާތްތައް ކުރިޔަށްގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.

އެޗްއާސީއެމް އިން މިހެން ބުނެފައިވާއިރު ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް މީގެ ދުވަސްތަކެއް ކުރީން މީސް މީޑިއާގައި ލީކު ކޮށްލާފައިވާއިރު އެ އޯޑިއޯއަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހަކާ ދައްކާފައިވާ ފޯން ކޯލްތަކުގެ ރެކޯޑިންތަކެކެވެ.

ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ޝަރީފު ވަނީ، ދައުރު ކުރަމުންދާ އޯޑިއޯ އަކީ އޭނާގެ ފޯނުން ތަފާތު ފަހަރުމަތިން ދައްކާފައިވާ ވާހަކަތައް އޭނާއަށް ނޭނގި ރެކޯޑްކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް، ޑަބްކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަހްމަދު

  ތިޔަކޮމިޝަނައްއެނގޭބާ ޝަރީފު ރިސްވަތުގެގޮތުގާނެގީ ކިހާރުފިޔާ އަކާ ކިހާޑޮލަރެއްކަން ޝަރީފު ﷲވަޖިހުފުޅުގަންދީ ހުވާކޮށްބަލަ މިއީދޮގެއްކަމަށް ރުފިޔާއާއި ޑޮލަރު ނުހިފާކަމަށް

 2. ރަޝްފާ

  ތިޔައީ ދެން އެމްޑީޕީގެ ފީކުދާންވިއްޔަ! އަނެއްކޮޅު ބަލިވިނަމަ މައްސަލަތަކުން ފުރިފަހުރީހީ!

  • ޢިބުރަތް

   ދެން ކޮންމެހެން އެމްޑީޕީ ވާނެކަމެއްނެތް!

 3. އަފްލާ

  ކަމަނަ ގޮނޑި ގެއްލިދާނެ ކަމަށް ތިތެޅިގަތީ ތި ނުގެއްލޭނެ ތީ އެމްޑީޕީ މީހުން ކަމަނާ އށް ދެއްވި ގޮނޑިއެއް

 4. ދޮންބެ

  ޙަބޭސް ދެންވެސް ޔާމިން ވެއްޖެ އެއްނު ބަލި ގަބޫލުކުރަން

 5. ހައިރާން...

  އަސަރުކުރިޔަސް ނުކުރިޔަސް ހެޔޮ. އެކަމަކު ޒިންމާ އުފުލީ ކިހާވަރަކަށްތޯ ސުވާލުކުރެވޭނެ ދުވަހެއް ތިމާޔާ ބައްދަލު ކުރާނެކަން ހަނދާންކުރާތި. ހާދަބައެއްގެ ހައްގު ހިމެނޭނެޔޭ.