ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 19 ޖުލައި 2018 ގައި އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.

އަމީތު ޕީޕީއެމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު ކަމަށްވާއިރު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޕާޓީން ވަކިކުރި ނަމަވެސް އަމީތުގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްފައިނުވާތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު އަމީތު ވަނީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ޖުލައި 11 ވަނަ ދުވަހު ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރުން ނަން އުނިކޮށް ދިނުމަށް އެދި ފޯމަކުން ވެސް އިލެކްޝަންސް ކޮމިޝަނުގައި އަމީތު އެދިފައިވާ ކަމަށާއި އެ ސިޓީ އަދި ފޯމަކީ ވެސް ސައްހަ ނޫން ލިޔުންތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އަދި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން ވެސް ކޯޓުގައި ބުނެފައިނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމްގެ ދަފްތަރުން ނަން އުނިކޮށްދޭން އަމީތު އެދިވަޑައިގަތް ނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައެވެ.

އަދި އެކަން އެހެން އޮއްވާ ޕީޕީއެމް އިން އަމިއްލަ އަށް އަމީތުގެ މައްސަލަ އިސްތިއުނާފުކުރި ކަމަށާއި، މިއީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ޕީޕީއެމް އިން އަލުން އަމީތު ވަކިކޮށް އިލެކްޝަންސް ކޮމިޝަނަށް އެންގިއިރު އަމީތު އަކީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ބެލެވޭނެ ހަމައެއް ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޕީޕީއެމް އިން އަމީތު ފުރަތަމަ ވަކިކުރި ތާރީހަށްފަހު (29 މާޗު 2017) އަލުން އެ ޕާޓީ އަށް ވަނުމަށް އެއްވެސް އިޖުރާތެއް ފުރިހަމަކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން އަމީތުގެ ގޮނޑި ގެއްލޭނެ ގޮތެއް ނެތް ކަމަށާއި އެއީ އެ ގާނޫނު ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މިގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މި ހަތަރު މެމްބަރުންގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. އެ މެމްބަރުން ވެސް ވަނީ އެ ނިންމުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކީލި

    ކަލޯ..މަށައް ފުރަތަމަ ކިޔުނީ އަމީތާބޭ....

  2. ސައިލެންޓް މެޖޯރިޓީ

    ޚަލާލެއް ނަހަލާލެއް ނުބަލާ ޖީބަށް ބަރުކުރެވޭތޯ އަވަހަށް ތެޅިގަނޭ ކަލޯމެން މގައުމު ހަލާކުކޮށްލާފަ ތިތިބީ ދެންވެސް އަންނަންއޮތް ޖީލުވެސް ހަލާކުކޮށްލާ

  3. ނެތީމޭ

    ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރެވިދާނެ މޭޒު ދަށުން ދަމާ ކުޅެގެން އެކަމަކު އެމެންނަށް ވޯޓް ދިން ޕީޕީއެމް މެމްބަރުންނަށް އެމެން ހަރާމްކޯރު ނުވެއޭ އެއީ ޔަގީނުން ވެސް ނުބުނެވޭނެ ކަމެކޭ ތަމެންނަށް ސިޔާސީ ގޮތުން މިއަދު ކުރިއެރުން ލިބުނު ނަމަވެސް ތަމެންނަށް ދެން ރައްޔިތުންގެ އިތުބާރުގެ މައިދާނުން ކުރިއެރުން އެއްގޮތަކަށް ވެސް ނުލިބޭނެއޭ ތިޔާއީ ޑަބަލް ކްރޮސް އިންނޭ މަމެން ބުނަން ނެތީމު ދޯ.

  4. ސައިލެންޓް މެޖޯރިޓީ

    ދައުލަތުގެ ބަޖެޓުން އަމިއްލައަށް ބެނުންވަރަކަށް މުސާރަނަގައިގެން އެވަރުންވެސް ނުފުދިގެން ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ހަނދާން ނައްތާލާ ފައިސާގެ ދަހިވެތިކަމުގައި ނަފްސު ވިއްކާލި މީހުންނަކަށް އަސްލު ތިމަގާމް ހައްގުވެގެނެއްނުވޭ މިގައުމުގެ މުސްތަގްބަލް ބަނަކަން މިހާރު ފީލްވެއްޖެ މި ގައުމެއްނެތް ހަލާކުވެ ނިމިއްޖެ

  5. ފަޅުވެރިން

    އެއްވެސް މީހަކު އުފާކުރަންޖެހޭ ކަމެއް މިއަކު ނެތް؛ އެންމެންވެސް ކުރަންވީ ހިތާމަ! މިއަދު ނިމިގެން އެދިޔަ ކަމަކީ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރުމަށް ﷲ ގަންދީ ހުވާކޮށްގެން ތިބޭ މީހުން ފައިސާއިން އަގު ކިޔާފައި އެމީހުންގެ ނަފްސު ވިއްކުމަކީ މައްސަލައެއް ނޫންކަމަށް! އަދަކީ ތާރީޚުގައި ކަޅުއަކުރުން ފެވިގެންދާނެ ދުވަހެއް! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ރިޝްވަތަށް އެންމެން ނޫނެކޭ ބުނޭ!!

  6. ބޮކިފަތި

    4 ވަނަ ބޮކިވެސް ދިއްލިއްޖެ?