"މޮމީ ޗެފް 2018"ގެ ނަމުގައި މާލެ އަތޮޅު ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރަން ކެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތަކީ، އެލް.ކޭ.ޖީ އިން ފެށިގެން ގުރޭޑް ދިހައެއް އަދި ސެން ކުލާސްވެސް ހިމެނޭ ގޮތަށް އެ ގްރޭޑްތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ.

"އަންހެނުންގެ ދުވަހާ ގުޅުވައިގެން ގެންދާ ހަރަކާތެއް މީ. އަންހެނުންގެ ދުވަހާއި ސްކޫލްގެ އަހަރީ ދުވަހާ އެއް ދުވަހެއް ވީމަ މަންމަމެންގެ ހުނަރުވެރިކަން ދައްކާލުމުގެ ގޮތުން މުބާރާތް ބޭއްވި " ސްކޫލުގެ ލީޑިން ޓީޗަރު ވިދާޅުވިއެވެ.

މި މުބާރާތް އިންތިޒާމު ކޮށްފައިވަނީ ކޮންމެ ޓީމެއްގައި 8 ބެލެނެވެރިންނަށް ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް އެހީތެރިންގެ ގޮތުގައި އެ ގްރޭޑެއްގެ ޓީޗަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދީފައި ވެއެވެ.

ބޭނުން ކޮންމެ ކާ އެއްޗެއް ތައްޔާރުކުރުމަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި، ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހާސިލް ކޮށްފައިވަނީ ގްރޭޑް 2 ގެ ޓީމު "ގެވެހި ކަނބަލުން"ނެވެ. ދެވަނަ ހާސިލްކުރީ ގްރޭޑް 10 ގެ "ކަމަނަ" ޓީމެވެ. ހަމަ އެފަދައިން މުބާރާތުގެ ތިންވަނަ ހާސިލްކޮށްފައިވަނީ ގްރޭޑް 3 ތަމްސީލްކުރި "މުރާލި ގޮއްޔެ" ޓީމެވެ.

މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ކެއްކުމުގެ ދާއރާގައި އެތަކެއް ދުވަސް ވަންދެން މަސައްކަތްކޮށްފައިވާ ތަޖްރިބާކާރެއް ކަމަށްވާ ހަމްދޫން ފައިސަލާއި ސްކޫލް މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ހުސެން ޝަރީފް އަދި އަބްދުއްﷲ ވަހީދެވެ.

ހުރިހާ ޓީމްތަކުން ވެސް ތައްޔާރު ކުރި ކާ ތަކެތި ފުރިހަމަ ކަމުން ވަނަވަނަ ހޮވުން ވީ ވަރަށް އުނދަގޫ ކަމެއް ކަމަށް ޖަޖުންގެ ޕެނަލްއިން ބުނެއެވެ. "އަޅުގަނޑުމެން ޖަޖްކުރުމުގައި ސާފުތާހިރުކަމަށާއި ވަގުތަށް ނިންމުމަށާއި އަދި އެރޭންޖްމެންޓަށް ވެސް ބެލިން. އަދި ދެވިފައިވާ ވަތުތުކޮޅު ތެރޭ، ތައްޔާރުކޮށްފައިވާ ކާތަކެތީގެ މިންވަރަށް ވެސް މާރކްސް ދިނުމުގައި ބެލިން" މުބާރާތުގެ ޖަޖެއް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މުޅިން އަލަށް ބޭއްވުނު މި މުބާރާތާއި ދޭތެރޭ ދެކޭގޮތް "ވަގުތު" އާއި ހިއްސާކުރަމުން ބެލެނިވެރިޔަކު ބުނެފައިވަނީ، މި މުބާރާތާއި މެދުގައި ވަރަށް ހިތްހަމަ ޖެހޭކަމުގައެވެ. އަދި މިއީ ގެއްލިފައިވާ އެތަށް އައު ކާއެއްޗެހިތަކެއް އަލުން ކެއުމުގެ ފުރުސަތު ލިބޭނެ މުބާރާތެއް ކަމަށާއި ބެލެނިވެރިންނާއި ޓީޗަރުންގެ ގުޅުންވެސް މި މުބާރާތުގެ ސަބަބުން ބަދަހި ވެގެން ހިނގައްޖެކަމަށެވެ.

މުޙްޔިއްދީން ސްކޫލަށް މިދިޔަ ބުރާސްފަތި ދުވަހު ސައުވީސް އަހަރު ފުރިފައިވާއިރު، މިއީ މިފަދަ މުބާރާތެއް ބޭއްވިގެން ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ކުރިއަށް ގެންދާނެ ކަމަށް ސްކޫލުން މަޢުލޫމާތު ދެއެވެ.