މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިސިން ސުކޫލުގެ ފުރަތަމަ ޑީންއަކަށް ޑރ. ޝީޒާ އަލީ އައްޔަންކުރައްވައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެޑިސިން ސުކޫލުގެ ޑީންގެ މަގާމަށް ޑރ. ޝީޒާ އައްޔަންކުރައްވާ އޭނާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގައި އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު އެވެ.

މީގެ 23 އަހަރު ކުރިން އެމްބީބީއެސް ފުރިހަމަކުރެއްވުމަށްފަހު ޑރ. ޝީޒާ ވަނީ އައިޖީއެމްއެޗާއި އައިކެއާގައި ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ހެއްދެވުމަށްފަހު ޑރ. ޝީޒާ ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމުކުރުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކުރާ މެޑިކަލް ސްކޫލްގެ މަސައްކަތް ނިމެންދެން އެމްބީބއެސް ކޯހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްއެންޔޫގަ އެވެ.

މިސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ފްލޯގެ ތެރެއިން ދެ ފްލޯ މެޑިކަލް ކޮލެޖް ހިންގުމަށް ވަނީ ހާއްސަކޮށްފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝީޒާ ވިދާޅުވީ އަމާޒަކީ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް މެޑިކަލް ސުކޫލުން ތަމްރީނުކުރުން ކަމަށާއި އަދި މެޑިކަލް ސްކޫލްގައި ފުރަތަމަ ފަހަރަށް ކިޔަވައިދޭން ފަށާ އެމްބީބީއެސް ކޯހަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކޯހަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ޑރ. ފަވާޒު ވިދާޅުވީ ޔުނިވާސިޓޯގެ ބޭނުންވާ މަގާމުތަކަށް ޝަރުތު ހަމަވާ ދިވެހިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ މެޑިކަލް ސްކޫލުގެ ކިޔެވުން ފަށަނީ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންނާ އެކު ކަމަށެވެ.