އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެކުލަވާލެއްވި ޓްރާންސިޝަން ކޮމިޓީތަކަށް އެމަނިކުފާނުގެ ކޮއްކޯފުޅު އައިމިނަތު ސޯލިހު ފާޑު ވިދާޅުވެއްޖެއެވެ.

އެގޮތުން އިއްޔެ އައިމިނަތު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސިޝަން ކޮމެޓީތަކުން ފެންނަ މޫނުތައް ފެނިފައި މިހާރު ވެސް ބިރުވެރި ހުވަފެން ފެންނަން ފަށާފައިވާ ކަމަށެވެ.

"ޓްރާންސިޝަން ކޮމެޓީތަކުން ފެންނަ މޫނުތައް ފެނިފައި މިހާރު ވެސް ބިރުވެރި ހުވަފެން ފެންނަން ފަށައިފި. ކޮބާ ކެމްޕެއިންގައި ފެނުނު މުރާލި މޫނުތައް؟ މާ މަދު އަންހެނުން ކޮމިޓީތަކުން ފެނުމަކީ މާޔޫސްވާ ކަމެއް." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކޮއްކޮ އައިމިނަތު ސޯލިހު ވިދާޅުވެފައިވެ އެވެ.

ކޮމިޓީތަކުގައި އަންހެން ބޭފުޅުން މަދުން ހިމެނޭތީ އިބޫގެ ކޮއްކޯފުޅު ފާޑު ވިދާޅުވެފައިވާއިރު މުޅިން އަންހެން ބޭފުޅުން ތިއްބެވި ކޮމެޓީއަކަށް އޮތީ ހަމައެކަނި ޖެންޑާ މިނިސްޓްރީއަށް ދާ ކޮމެޓީ އެވެ. އެހެން ކޮމިޓީތަކުގައި ތިއްބަވަނީ 2 ނުވަތަ 1 އަންހެން ބޭކަނބަލެކެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ތަފާތު އެކިއެކި ޓީމުތައް މިހާރު އެކުލަވާލައި މިނިސްޓްރީތަކާއި ކުންފުނިތަކަށް ފޮނުވަން ފަށައިފަ އެވެ. ދައުލަތުގެ ކޮންމެ މުއައްސަސާއަކަށް ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކަށް އަދި ކޮންމެ ކުންފުންޏަކަށް ޓްރާންސިޝަން ކޮމެޓީތައް ވަނީ އުފައްދާފަ އެވެ. އަދި ކޮމެޓީތަކުގައި ތިއްބަވަނީ ކޯލިޝަންގެ ޕާޓީތަކުން އައްޔަނުކޮށްފައި ތިބޭ ފަރާތްތަކެވެ.

ކަމަށް ގާބިލް ތަޖުރިބާކާރު ބޭފުޅުން ބައެއް ކޮމެޓީތަކުގައި ތިއްބެވި ނަމަވެސް ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުންގެ އަތްފުޅުގައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ބައެއް ކޮމިޓީތަކު މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. އެކަމާވެސް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭބެ

    ހަމަ މީ ނައިޓް މޭޔާ އެއް މިގައުމަށް އަންނަ!!

  2. އައިންތު

    ކޮއްކޯ ތި ފެންނަނީ ބޯކިބަލުގައި ދަތްއަޅަން ތައްޔާރަށް ތިބި ފަރާތްތައް. ދެބުލަޅުގެ އަރާރުމުގައި ބުޅަލަށް ބޯކިބާގެއްލުނުހެން ތިކުޅި ނިމިގެންދާނީ

  3. ޓަކިބެ

    ޢަޑު އުފުލި ޖަލުގެ ތޭރިތަކުގަ ތިބި އަންހެނުންތަށް ކޮބާ؟ އޭގެ ތެރޭގަ އުޅޭ ވަރަށް ބޭނުން ހިފޭނެ މޫނުތަށް ވެސް .އެތަނުން ކުއްޖަކަކަށް ވަޒީފާ ގަދޑެޢް ވެސް ޔަގީން ނުދޭނެ.