ހުޅުމާލެ އިން ބީލަމުގައި 100 ގޯތި ވިއްކަން ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ، އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން (އީވައިސީ) ނިންމައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އަށް އަންގާފައިވާކަމަށް އީވައިސީގެ މެނެބަރެއް ކަމަށްވާ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިޢުލާންކުރި 1000 އަކަފޫޓޫގެ 400 ގޯތި ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ހުއްޓުވުމަށްފަހު، އަލުން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ އޭސީސީން ދިނުމާއި ގުޅިގެން ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ވިދާޅުވީ، މިގޮތަށް ސަރުކާރުން ނިންމަވާފައިވަނީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ކަނޑައެޅުމަށް އެކުލަވާލާފައިވާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ޔާމީން ޗެއަރ ކުރެއްވި ބައްދަލުވުމެއްގައި ކަމަށެވެ.

"ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ކަނޑައަޅާ ފަރާތަކީ އީވައިސީ، އީވައިސީގައި ހިމެނޭ ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ މިހެންގޮސް އިޤްތިޞާދީ ހުރިހާ ފަރާތްތަކެއް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ޗެއަރމަންއަކީ، ރައީސް އޮފީހުން އީވައިސީން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާއި، ޗެއަރމަންއާ ހުރިހާ ބޭފުޅުން ހިމެނޭގޮތަށް މަޝްވަރާ ކުރައްވާފައި ނިންމެވީ އެޗްޑީސީގެ މި ބިން ހިއްކާފައިވާ އަގުވެސް ލިބޭނެ ގޮތާއި ހުރިހާ ކަމަކަށް ވިސްނަވާފައި ނިންމެވީ ދެކަމެއް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އީވައިސީގެ އެ ބައްދަލުވުމުގައި ނިންމަވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ސޯޝަލް ކެޓަގަރީން 400 ގޯތި ވިއްކުމަށާއި، ހުޅުމާލެ ބީޗް ފްރޮންޓުން ބީލަމުގެ އުޞޫލުން 100 ގޯތި ވިއްކުމަށް ކަމަށެވެ. ނަމަވެސް އެ 100 ބިމުގެ ބޮޑުމިން މިނިސްޓަރު ވިދާޅެއް ނުވެއެވެ.

"އެއްކަމަކީ 400 ގޯތި ސޯޝަލް ކެޓަގަރީގައި (ދޫކުރުން)، ސޯޝަލްގެ މާނައަކީވެސް އެންމެ އާދައިގެ މީހާއަށްވެސް ގަނެވޭ، އެފޯޑަބަލް އަގެއް ކަނޑައެޅުން. ސޯޝަލް ކެޓަގަރީން 400 ގޯތި ދޫކުރުމުގެ އިތުރަށް 100 ގޯތި ބީޗް ފްރޮންޓުން މީޑިއަމް، ހައި-އެންޑް، އެންމެ ހައި އަގުތަކުގައި ވިއްކޭނެގޮތަށް ބީޗް ފްރޮންޓުން 100 ގޯތި ބީލަމުގެ އުސޫލުން އެޗްޑީސީގެ ފަރާތުން ވިއްކަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ހައުސިންގ މިނިސްޓްރީން އިއުލާން ކޮށްފައިވާ 400 ގޯތި ދޫކުރުމާއި މި 100 ބިން ވިއްކުމަށް އީވައިސީން ނިންމަވައި އަންގަވާފައިވަނީ އެއް ސިޓީއަކުން ކަމަށާއި، އެކަން ލަސްތަކެއް ނުވެ އެޗްޑީސީން ފައްޓަވާނެ ކަމަށެވެ.

"އެޗްޑީސީއާ އެކަން ވަނީ ހަވާލުކުރައްވާފައި، އެބޭފުޅުން މާ ލަސްތަކެއްނުވެ އެކަން ފައްޓަވާނެ، ހަމަ އެ ނިންމެވުން ނިންމެވި ދުވަހު ހަމަ އެ ސީޓީގައި އެކަންވެސް ހިމަނުއްވާފައި އޮތީ. އަޅުގަނޑުމެންނާ ހަވާލުވީ 400 ގޯތި ސޯޝަލް ކެޓަގަރީން ލިބޭނެ ފަރާތްތައް ހޮވާފައި އެޗްޑީސީ އާ ލިސްޓް ހަވާލުކުރުން. އެޗްޑީސީއާ ހަވާލުކުރެއްވީ 100 ގޯތި އަގު ބޮޑުކޮށް ފެށޭ އަގަކީ 2000ރ (އަކަފޫޓަކަށް). 2000ރ ގެ ރޭޓުން ބީލަމުގައި 100 ބިން ވިއްކަން." އިތުރު ތަފްސީލު ހާމަކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބީޗް ފްރޮންޓުން ބޮޑު އަގުގައި، ވިޔަފާރި އުޞޫލުން 100 ބިން ވިއްކުމުން، ހުޅުމާލެ ދެވަނަ ދިޔަވަހި ހިއްކުމަށް ހޭދަވި ހަރަދު ރިކަވަރ ކުރުމަށް ބޭނުންވާ ފައިސާވެސް ލިބިގެންދާނެ ކަމަށާއި، މީގެ ކުރިންވެސް މި އުޞޫލުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަޜޭޝަނުން ބިން ވިއްކާފައިވާ ކަމަށެވެ.

ހުޅުމާލެ ބީޗް ފޮރުންޓުން 100 ބިމެއް ބީލަމުގެ އުޞޫލުން ވިއްކުމަށް ސަރުކާރުން ނިންމަވާފައިވާއިރު،ސޯޝަލް ހައުސިންގެ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް އެދި ހުށަހެޅުމަށް ފޯމު ދޫކުރުމާއި، ފޯމް ބަލައިގަތުން އަލުން ވަނީ ހައުސިންގ މިނިސްޓްރީން ފަށާފައެވެ. އަދި 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް އެ މިނިސްޓްރީން ވަނީ އިއުލާން ކުރައްވާފައެވެ.

ބޯހިޔާވަހިކަމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދަވަނީ ޤާނޫނާއި، ގަވާއިދުތަކުގެ އިތުރުން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެއިން ކަމަށާއި، މިފަދަ ހައްޞާސް ކަންކަމާ ގުޅުވައިގެން ދެކޮޅު ނުޖެހޭ، ހަޤީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށްވެސް ހައުސިންގ މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙހހ

  ތަފްސީލް؟؟؟

 2. ރާއްޖެ

  ސާބަސް ރ ޔާމީންގެސަރުކާރުން ތިޔަކުރައްވާ
  މަސައްކަތަށް.

 3. ކަޓުވާމީހާ

  ހުރިހާ އެއްޗެއް ހުސްކޮއްލާ މުއިއްޒު... ސާބަސް ޖެއްސުންކުރިޔަސް ބޮޑުވަރުތިއީ... ކެޓުވޭ ވަރަކަށް ކަޓުވާލަނީ

 4. ނަން

  ފްލެޓް ޕޮއިންޓު ދިން ގޮތުގެ ތަފްޞީލް ހާމަކުރަންްޖެހޭ

 5. ދެޓްޑޭ

  އެޗްޑީސީގެ މާލީ ތަމަވަސް ކަން ނެތް ނަމަ ހުޅުމާލެ 2 އިން ގޯތި ވިއްކަންވީ 80 ހާސް ގޯތި ގޯއްޗެއް 4 ލައްކަ ރުފިޔާ އަށް އެއިރުންނޭ ދެން ރަނގަޅުވާނީ މަމެން ޕިންކީންގެ ވެރިކަމަކީ މީ ހުރިހާ ދިވެހިރައްޔިތުންނަށް އުޖާލާ ވާނެ ވެރިކަމެކޭ ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ލިބުނީއޭ ހުރި އުފަލެއްގެ ބޮޑު ކަމާއޭ ދޯ ޕިންކީން 2013 ވަނަ ވެރިކަމަށް އައި ދުވަސް ރީތި އަބަދުވެސް ރީތި ދުވަހެކޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް ކޭން ޔޫ ފީލް އިޓް...