ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ގެޒެޓްކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުޙައްމަދު މުއިއްޒު ވިދާޅުވީ، މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށާއި، އެގޮތުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އިޢުލާން ކުރެވިގެންދާނެ ކަމަށެވެ.

މިއަދު އާއްމު ކުރަމުންދާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް މިއަދު ދިވެހި އިޢުލާން ކުރެވިގެންދާނެއެވެ.

ގިނަ ބަޔަކަށް ފްލެޓް ލިބިގެންދާއިރު، މީގެތެރެއިން ސިވިލް ސާވިސް އިން ފްލެޓް ލިބޭ މުވައްޒަފުންގެ ލިސްޓުތައް އާއްމުކުރަންދަނީ އެމީހަކު ވަޒީފާ އަދާކުރާ މިނިސްޓްރީއެއްގެ ނޯޓިސް ބޯޑުގައެވެ. "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 7000 ފްލެޓަށް އެދި 22614 ފަރާތަކުން ފޯމް ހުށަހަޅާފައިވެއެވެ.

"އެ ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، ސްޕީޑަށް ބަލާއިރުގައި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ކުރިންވެސް ދަންނަވާފައިވާނެ ފަދައިން މިއަންނަ އަހަރުގެ އެޕްރީލް/މެއި ހިސާބުގައި އެތަންތަނަށް ރައްޔިތުންނަށް ވަދެވޭވަރު ވާނެ. އަޅުގަނޑުމެން ވާނީ މިތަންތައް ލިބޭނެ ފަރާތްތައް ހޮވުމަށްޓަކައި އިއުލާން ކޮށްފައި. ފޯމް ދޫކުރަންފެށީ މެއި މަހުގެ ތެރޭގައި، ފޯމްތައް ބަލައިގަންނަން ފެށީ ޖޫން މަހުގެ ކުރީކޮޅު. ދެބުރެއްގެ މަތިން ޑެޑްލައިންވެސް އެކްސްޓެންޑްކޮށް، 30 ސެޕްޓެމްބަރ އާ ހަމައަށް ފޯމް ބަލައިގަތުން ނިންމާލިއިރު 22614 ފޯމް ވަނީ ހުށަހަޅާފައި." މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް ސަރުކާރުން ނިންމަވާފައިވަނީ އޮކްޓޯބަރ މަހުގެ ކުރީކޮޅު ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާން ކުރުމަށް ކަމަށާއި، މިއީ ރިޔާސީ އިންތިޚާބާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

"ސަރުކާރުން ނިންމާފައި އޮތީ އިންތިޚާބުގެ ކުރިން އެކަން ނުކުރަން، އިންތިޚާބުގެ ކުރިން ކޮށްފިނަމަ ބުނާނެ އެއީ އިންތިޚާބާއި ގުޅުވައިގެން ވޯޓް ހޯދުމަށްޓަކައި ކުރި ކަމެކޭ. އެފަދަ ކަންތައްތަކެއް ރައީސް ޔާމީން ނުކުރައްވާނެ. އެހެންވީމަ ކަނޑައެޅިގެން ނިންމެވީ އިންތިޚާބު ނިމުނީމަ ދެނޭ އިޢުލާން ކުރާނީ. އެހެންވީމަ އެގޮތުން އިންތިޚާބު ނިމުނީމަ ކުރިންވެސް އިޢުލާން ކޮށްފައި އޮތްގޮތަށް 30 ސެޕްޓެމްބަރ އަށް ޑެޑްލައިން ހަމަވީމަ، ޑެޑްލައިން ހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 10 ދުވަސް ތެރޭގައި ލިސްޓް އިއުލާން ކުރާގޮތަށް ނިންމަވާފައި އޭރުވެސް އޮތީ." މުއިއްޒު ވިދާޅުވިއެވެ.

ފްލެޓް ދިނުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ތަފްސީލަށް ވަޑައިގަންނަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ ކެޓަގަރީން ފްލެޓް ދިނުމަށް ނިންމާފައިވާ 1000 ފަރާތުގެ މަޢުލޫމާތު އެ މިނިސްޓްރީތަކުން އާއްމު ކުރައްވާނެ ކަމަށެވެ.

"ސިވިލް ސަރވިސް ކެޓަގަރީގެ 1000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް މިހާރު މިނިސްޓްރީތަކަށް އެދަނީ ފޮނުވެމުން. ކޮންމެ މިނިސްޓްރީއެއްގެ ނޯޓިސްބޯޑުގައި އެ މިނިސްޓްރީގެ ސިވިލް ސަރވިސް ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ބެހެއްޓިފައި ހުންނާނެ. އެ މިނިސްޓްރީއެއްގެ އިސްވެރިންނާއި، މިނިސްޓަރަށް އަދި ޕީއެސް އަށް އެކަން ހަވާލުވެފައި އެއޮތީ. އެބޭފުޅުން އެ މިނިސްޓްރީއެއްގެ ސިވިލް ސަރވިސް ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އެ މިނިސްޓްރީއަކުން އިއުލާން ކުރައްވާނެ. އެއް މިނިސްޓްރީގެ ލިސްޓް އަނެއް މިނިސްޓްރީއަށް ލިބޭކަށް ނުޖެހޭ.ހަމަ އެގޮތަށް މީގެ ތެރޭގައި ހިމެނޭ މީޑިއާ ކައުންސިލާއި، މާލޭ ސިޓީ ކައުންސިލްވެސް. އެބޭފުޅުންގެ ލިސްޓްތައްވެސް އެތަންތަނުން އިއުލާން ކުރައްވާނީ." މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީއަށް އަދި މުދައްރިސުންނަށް ޚާއްޞަ ކެޓަގަރީއަށް ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށެވެ. މުއިއްޒު ވިދާޅުވީ، ނަރުހުންނާއި ޑޮކްޓަރުންގެ ކެޓަގަރީގައި ފްލެޓަށް އެދުނު ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ނިންމާފައިވަނީ އެ ކެޓަގަރީން ފްލެޓް ދިނުމަށް ކަނޑައެޅި އަދަދަށްވުރެ ފްލެޓަށް އެދުނު މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ކަމަށެވެ.

"(ފްލެޓަށް އެދި) ހުށަހެޅި އަދަދު ކަނޑައަޅާފައިވާ ފްލެޓަށްވުރެ މަދުވީމަ އަޅުގަނޑުމެން ނިންމީ އޭގައި ޕޮއިންޓުގެ ތަރުތީބުން އުނިވާ މީހުން ނުވާނެކަމަށް. އެހެންވީމަ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ފޯމް ލީ އެންމެނަށް ފްލެޓް ހަމަޖެހިގެން މިދިޔައީ." މުއިއްޒު ވިދާޅުވިއެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ 475 ފްލެޓެވެ. ނަމަވެސް އެ ކެޓަގަރީއިން ފެލެޓަށް އެދި ހައުސިންގެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 299 ފަރާތަކުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އޭގެ ތެރެއިން އުނި ކުރެވުނަސް އުނި ކުރެވޭނީ ދެމަފިރިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަށް ކަހަލަ ސަބަބުތަކާ ހުރެ ޝަރުތު ހަމަނުވާ ފަތާތްތަށް ކަމަށެވެ.

ނަރުހުންނާ ޑޮކްޓަރުންނެކޭ އެއްގޮތަށް މުދައްރިސުންނަށް ޚާއްޞަ ކެޓަގަރީއަށް ފްލެޓަށް އެދި ފޯމްލީ ހުރިހާ މުދައްރިސުންނަށްވެސް ފްލެޓް ދިނުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ. ސަރުކާރުން މީގެ ކުރިން މުދައްރިސުންގެ ކެޓަގަރީން ދިނުމަށް ނިންމާފައިވަނީ 625 ފްލެޓް ނަމަވެސް، ފޯމް ހުށަހެޅި ހުރިހާ މުދައްރިސުންނަށް ފްލެޓް ދިނުމަށް ނިންމާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންގެ ކެޓަގަރީން އިތުރުވި ފްލެޓްތައް މުދައްރިސުންގެ ކެޓަގަރީއަށް ބަދަލުކޮށްގެނެވެ.

"ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއަށް ފޯމް ލާފައިވަނީ 735 ބޭފުޅުން، އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ 625 ފްލެޓް. އަޅުގަނޑުމެން ނިންމީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން އިތުރުވި ފްލެޓްތަކުން ފްލެޓް ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއަށް އިތުރުކޮށް 735 ފްލެޓް ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއަށް ހަމަކޮށް، ހުރިހާ ޓީޗަރުންނަށް ފްލެޓް ލިބޭގޮތަށް." މިނިސްޓަރު ވިދާޅުވިއެވެ.

އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ދިނުމަށް ހަމަޖެހިފައިވާ 500 ފްލެޓްގެ ލިސްޓުވެސް މިއަދު އިއުލާން ކުރެވިގެންދާނެއެވެ. އެ ކެޓަގަރީން ފްލެޓަށް އެދި 1799 ފަރާތަކުން ފޯމް ހުށަހަޅާފައިވެއެވެ. ލިސްޓް އާއްމުކުރާއިރު ފޯމް ނަންނަބަރާއި، ލިބުނު ޕޮއިންޓުގެ އަދަދުވެސް ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއަށް ފޯމްލީ 1799 ބޭފުޅުން، އެބޭފުޅުންނަށް ލިބޭނީ 500 ފްލެޓް. އިޢުލާން ކުރެވޭނެ 1799 ބޭފުޅުންގެ ފޯމް ނަންބަރާއި ޕޮއިންޓް ލިބުނުގޮތް. 500 ވަނަ ނަންބަރާ ހިސާބުގައި ރަތް ރޮގެއް ދަމާފައި އިންނާނެ، އެ ހިސާބުން ތިރިއަކީ ފްލެޓް ނުލިބޭ ފަރާތްތައް. ނަމަވެސް ފްލެޓް ލިބުނު ބޭފުޅެއްގެ ނަން އުނިވާ ކަމަށްވާނަމަ ތަރުތީބުން ތިރިން މައްޗަށް އަރަމުންދާނެ." މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެންމެ ގިނަ ބަޔަކު ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކެޓަގަރީއަށް ކަމަށާއި، އެ ކެޓަގަރީއަށް 900 އަށްވުރެ ގިނަ ފޯމް ހުށަހެޅިފައިވާ ކަމަށެވެ. އެ ކެޓަގަރީން 1000 ފަރާތަކަށް ފެލެޓް ދީފައިވާނެ ކަމަށާއި، މާލޭ މުނިސިޕަލްޓީގެ ދަފްތަރު ކެޓަގަރީން 1044 ބޭފުޅަކަށް ފްލެޓް ދީފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"18 އަހަރާއި 40 އަހަރާއި ދެމެދުގެ ކެޓަގަރީން ފްލެޓަށް އެދި 9019 ބޭފުޅުން ފޯމް ހުށަހަޅާފައިވޭ. އޭގެ ތެރެއިން ފްލެޓް ލިބޭނީ 1000 ބޭފުޅުންނަށް. މާލޭ މުނިސިޕަލްޓީ ދަފްތަރު ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވަނީ 2975 ބޭފުޅުން، އޭގެ ތެރެއިން ފްލެޓް ލިބޭނީ 1044 ބޭފުޅުންނަށް." މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު މާލޭ ރަށްވެހިންގެ ކެޓަގަރީން 1050 ފަރާތަކަށް ފްލެޓް ދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކުރިން އެ ކެޓަގަރީން ދިނުމަށް ނިންމާފައިވަނީ 1000 ފްލެޓެވެ.

"މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފޯމް ހުށަހެޅީ 4517 ބޭފުޅުން. ކުރިން އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ 1000 ފްލެޓް، އެހެންނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ކެޓަގަރީން އިތުރުވި ފްލެޓްތަކުން 50 ފްލެޓް ހަމަޖައްސައި މާލޭ ރަށްވެހިންގެ ކެޓަގަރީއަށް މިހާރު ކަނޑައެޅިފައިވަނީ 1050 ފްލެޓް. އެހެންވީމަ 1050 ބޭފުޅުންނަށް މާލޭ ރަށްވެހިންގެ ކެޓަގަރީން ފްލެޓް ލިބިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އާއިލާތަކަށް ޚާއްޞަ ކެޓަގަރީން ފްލެޓަށް އެދި 1217 ބޭފުޅުން ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެ ކެޓަގަރީއަށް ކަނޑައެޅިފައިވާ 200 ފަރާތަކަށް ފްލެޓް ދީފައިވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވަރަށް އަވަސް ފުރުޞަތެއްގައި އަލަތު ކައިވެނީގެ ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތައް އިޢުލާން ކުރައްވާނެ ކަމަށާއި، ފްލެޓް ދީފައިވާނީ ވަރަށް ބޮޑަށް ދިރިއުޅުމުގެ ޚާލަތަށް ބެލުމަށްފަހު ވަރަށް އިންސާފުވެރިކޮށް ކަމަށެވެ.
"މިއަދު އިޢުލާން ކުރެވިގެންދިޔައީ މުޅިންވެސް ދެ ކޮޓަރީގެ ފްލެޓްތައް. އަދި ލަސްތަކެއް ނުވެ އެއް ކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން އަލަތު ކައިވެނި ކެޓަގަރީގެ ލިސްޓް އިއުލާން ކުރާނަން. އެންމެ އިސްކަމެއް ދީފައިވަނީ އެމީހާގެ ދިރިއުޅުމުގެ ޚާލަތަށް، ދިރިއުޅުމުގެ ޚާލަތު އަޅުގަނޑުމެން ގޭގެއަށްގޮސް، ޚާއްޞަކޮށް މާލޭގެ އެކި އަވަށްތަކުގެ ވަރަށް ގިނަ ގޭގެއަށް އަޅުގަނޑުމެން ދިޔައިން، އަޅުގަނޑު ހަމަ ވަރަށް ގިނަ ގޭގެއަށް ވަނިން." މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ތާރީޚުގައިވެސް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށާއި، ހުޅުމާލޭގެ ދެވަނަ ދިޔަވަހި ޔޫތް ސިޓީގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ޕްލޭން ކުރައްވައި، އެތަން ތަރައްޤީ ކުރުމުގެ މަސައްކަތަކީ ރައީސް ޔާމީންގެ އަބަދުގެ އަބަދަށް ފެންނަން ހުންނާނެ މުހިންމު މަސައްކަތެއް ކަމަށެވެ.

"ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ތާރީޚުގައިވެސް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ހުޅުމާލޭގައި ދެވަނަ ފިޔަވައްސެއް ވަނީ ހިއްކަވާފައި. ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އަލިގަދަ މިސާލެއް. އެތަނަކީ އެމަނިކުފާނުގެ ލެގަސީއެއް، އެތަނުގައިވާ ކޮންމެ ވެލިފުކަކީ އެމަނިކުފާނުގެ ލެގަސީ އަބަދުވެސް ދައްކުވައިދޭނެ ކަމެއް." މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރެއްވިއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދިވެހިން

    އަލްހަމްދު ލިﷲ ވަރުގަދަ ކޮކްޓޭލް ކޯލިޝަނުން
    ހުރަސްއަޅަމުން ދަނިކޮށްވެސް ރޔާމިންގެ
    ސަރުކާރުން ތިޔަކޮށްދެއްވާ މަސައްކަތަށް ހަމަ
    އައްސެރިބަހާއި ސާބަސް ދަންނަވަމެވެ.

    • ޟ

      ތި ހުރިހާ އުނދަގޫ ތައް ކެނޑި ނޭޅި ކުރަމުން ދާއިރު ވެސް ޔާމީނު ރައްޔަތުންނަޢްޓަކާ އެވާ ޤުރުބާނީ ރައްޔަތުން ދެނެ ގަންނަ ނަމަ ރަނގަޅެއް ނޫންތަ...؟

    • ދިވެހިން

      ސާބަހޭ ދަރިޔާ

  2. ގިވްއިން

    ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރަން ފަށައިފިން ކަމަށް ހައުސިންގް މިނިސްޓަރު ވިދާޅުވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީންގެ ވެރިކަމުގައި އެކަނިއޭ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކުރީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް ސްޕިންގް ސްޕިންގް އެން ޑާންސް..

  3. ބޭބެ

    ޝުކުރިއްޔާ ރައިސް ޔާމީން!! ތިވަރުގެ ރައިސެއް މިރާއްޖެއަކަށް ނާދޭ

  4. އަވަރސް

    ގޯތި ވިއްކުން ކުރިއަށް ގެންދަން އޭސީސީން ވަނީ ހުއްދަދީފިނަމަ އޭސީސީ އަކީ ރާއްޖޭގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި އުސޫލުން މަސައްކަތް ކުރާ ހަމައެކަނި މިނިވަން މުވައްސަސާ ކަމަށް މަމެން މިދެކެނީ ގެޓް އަޕް ސްޕްރީމް ކޯޓް ފެނޭތޭ މިގައުމުގައި ތިބި ގައުމަށް ވަފާތެރި ތެދުވެރި ދަރިންތައް އޯއް ޓްރައި ޓު އަންޑަރސްޓޭންޑް އިޓް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ޓޯކް ޓު މީ ލައިކް އަ ލޯޔަލް މޭން އައި ޑޯންވޮނާ ކޮރަޕްޓް ކާރޓެލްސް ފްރޮމް އަވަރސް..

  5. Anonymous

    އަލްހަމްދު ލިﷲ

  6. ޙައްވަ

    ފޯރމް ތައްއިވެލުއޭޓު ކުރަން އެހާވަގުތު ލިބުނުބާ؟

  7. ޝީނު

    ގޯތި ގަތުމަށް އެދޭ ފޯރމްގެ ލިންކެއް ޚަބަރާއެކު ހިއްސާކޮއްލަދެއްވަބަލަ ނޫނީ ޕީޑީއެފް ކޮޕީއެއް

  8. ނީމް

    އަދިވެސްް ނެގި ނަންބަރު ނުޖެހޭ ! ފޯމް ލެވޭނެ ވާހަކަ ބުނި

  9. ޣހ

    ކޮބާ ސިވިލް ސަރވިސް އަށް ދިން ފްލެޓް

  10. ހަސީ

    މި ފޯމް ލެވޭ ގޮތެއް ހަދައި ދީބަލަ . ނަންބަރު ނުޖެހިގެން މިއުޅެނީ

  11. ދެރަ

    ދަފްތަރުގެ ބައިން އަޅުގަނޑަށް ލިބޭ 60 ޕޮއިންޓް. އެއީ ދިރިއުޅުމުގެ ހާލަތުގެ ބައި ނުލާ، އެކަމަކު 20 ޕޮއިންޓް ލިބުނު ފަރާތްތައްވެސް އެބަުރރި ލިސްޓަށް އަރާފަ.....ވަރަށް ދެރަ ވެއްޖެ.

  12. ވަގުކަލޭގެ

    ޝުކުރިއްޔާ ރައީސް ޔާމީން. ފުލެޓް ލޮލަށް ފެންނާނެ ދުވަހެއް ނޭނގެނީ