ގާނޫނީ ވަކީލު ހުސްނުއް ސުއޫދުގެ ސަސްޕެންޝަނުގެ މުއްދަތު ސުޕްރީމް ކޯޓުން އިތުރުކޮށްފިއެވެ.

މުއްދަތެއް ނެތް ގޮތަށް ސުއޫދު މިހާތަނަށް ސަސްޕެންޑްކޮށްފައި ހުންނެވީ ޖުޑިޝަރީއާ ގުޅޭގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ސުއޫދު ކޮށްފައިވާ ޓްވީޓަކާ ގުޅިގެން އަދި ސުއޫދުއާ ހަވާލާދީ "ވީނިއުސް" ގައި ލިޔެފައިވާ ލިޔުމެއްގެ މައްސަލަ ބަލަމުންދާތީއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ އެ ލިޔުމާ ގުޅޭގޮތުން ސުޢޫދުއާ ސުވާލުކުރުމަށްފަހު އަދި އޭނާ ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލިބެލުމުން ސުޢޫދުގެ މި ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލެއްކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން ސުއޫދު އަށް މިއަދުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

މީގެކުރިން ވެސް ބައެއް މައްސަލަތަކުގައި ސުއޫދު ސަސްޕެންޑް ކޮށްފައިވެއެވެ.

ސުއޫދު ސަސްޕެންޑް ކުރިއިރު ޖުޑިޝަރީއާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެން ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވެސް ވަނީ ތިން މަހަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.