ޕާސްޕޯޓްގެ ވަރުގަދަކަން އެނގޭނެ އެއް މިންގަނޑަކީ އެޕާސްޕޯޓެއްގެ އެހީގައި ވިސާ ފްރީ ކޮށް ވަދެވޭ ޤައުމުތަކެވެ. ވިސާ ޕްރީގެ މާނައަކީ މާބޮޑު ޕްރޮސީޖާއަކާ ނުލާ ވަކި މުއްދަތަކަށް ވަކި ޤައުމުތަކަކަށް އެތެރެ ވުމުގެ ހުއްދަ އޮތުމެވެ.

ޕާސްޕޯޓްގެ ސަލާމަތީ ކަންތައްތައް ދިރާސާ ކުރާ ވެބްސައިޓަކުން ބުނާ ގޮތުގައި ރާއްޖޭގެ ޕާސްޕޯޓް ފާހަގަ ވެފައިވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 58 ވަނައަށް އެންމެ ބާރު ގަދަ ޕާސްޕޯޓްގެ ގޮތުގައެވެ.

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލް ޕާސްޕޯޓްތަކުގެ މައުލޫމާތު ގެނެސްދޭ ސައިޓެއް ކަމަށްވާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ޕާސްޕޯޓް ފްރީކޮށް 87 ޤައުމަކަށް ދަތުރު ކުރެވެއެވެ. އަދި 139 ޤައުމަކަށް އެތެރެވުމަށް ވިސާ ބޭނުންވެއެވެ.

އަވަށްޓެރި ޤައުމުތަކަށް ބަލާލާއިރު އަވަށްޓެރި އިންޑިޔާ އޮތީ މިލިސްޓްގެ 81 ވަނައިގައެވެ. އެއީ ވިސާ ފްރީ 60 ޤައުމާއި އެކީގައެވެ. މިލިސްޓްގެ 99 ވަނައިގައި އަވަށްޓެރި ލަންކާ އޮތް އިރު، ޕާކިސްތާން އޮތީ 104 ވަނައިގައެވެ. އަދި ބަގްލަދޭޝް އޮތީ 100 ވަނަ ވައިގައެވެ.

ދުނިޔޭގެ ބޮޑެތި އެހެން ބާރު ތަކަށް ބަލާއިރު، މިލިސްޓްގައި ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާ އޮތީ 71 ވަނައިގައެވެ. އަދި އިނގިރޭސި ވިލާތާއި އެމެރިކާ އޮތީ 186 ފްރީ ވިސާ ޤައުމާއިއެކު ލިސްޓްގެ ފަސް ވަނައިގައެވެ. ލިސްޓްގެ އެއްވަނައިގައި އޮތީ ޖަޕާނެވެ. އަދި ދެވަނައިގައި އޮތީ ސިންގަޕޫރެވެ.

ރާއްޖޭގެ ޕާސްޕޯޓަށް ވަރަށް ފަހުން ބަދަލު ގެނެވި ޕާސްޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް

    الحمد لله. އަދި ތިއަށްވުރެވެސް ރަނގަޅު ވަނައަކަށް ދިޔުން އެދެނީ. މި ފަދަ ކަންކަން ހިފެހެއްޓޭނީ ދިވެހިން ބިދޭސީ ޤައުމުތަކަށް ގޮސް އުޅުމުގައި އުޅުނުން ބަހައްޓަން މަސައްކަތް ކުރާނެ ގޮތުގެ މައްޗަށް.