ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމާއި، ކުރީގެ އުއްމަތަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދު އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާތަކުގެ ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވަނީ އިބްރާހީމް ސިޔާދު ޤާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އަދި ކުރީގެ އުއްމަތަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ އަޑު އެހުންތަކެވެ. މި ހުރިހާ ދައުވާއަކީވެސް 1 ފެބުރުވަރީގެ ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިފައިވާ ދައުވާތަކެކެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމަށާއި، އެކަމާ ގުޅުންހުރި ކަންކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް އަދި އޭރުގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަށް ރިޝްވަތު ދިންކަމަށް ބުނެއެވެ. މީގެ ކުރިން އެ މައްސަލައިގައި ބޭއްވުނު އަޑު އެހުންތަކުގެ އެ ކުށް ސާބިތު ކުރުމަށް 33 ހެކި ހުށަހަޅާފައިވެއެވެ. ނަމަވެސް މައްސަލައާއި ގުޅުންހުރި އަސާސީ ހެކި ދައުލަތަށް ހޯދިފައި ނުވާކަން އަޑު އެހުންތަކުގައި ވަނީ ހާމަވެފައެވެ.

އެއާއެކު ސިޔާދުގެ ވަކީލުން ވަނީ ސިޔާދު ބަންދުން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ ތިން ޝަރުތަކާއެކު ސިޔާދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ސިޔާދު ދޫކޮށްލުމަށް ކުރި ޝަރުތުތަކަކީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.

ސިޔާދު މިނިވަންކޮށް ޖަލު ބަންދުން ދޫކޮށްލާފައިވީ ނަމަވެސް، ކުރީގެ އުއްމަތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދު އަދިވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ޖަލު ބަންދުން މިނިވަން ކުރުމަށް ސެޕްޓެމްބަރ 24 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމަށްފަހު ވެސް ނިންމަވާފައިވަނީ މިނިވަން ނުކުރުމަށެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކުރީ އާދަޔާއި ހިލާފު އަމުރެއް ސުޕްރީމް ކޯޓުން ނެރެ ކުށްވެރިންތަކެއް ވަގުތުން ދޫކޮށްލި މައްސަލައެއްގައެވެ. ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ވެފައިވާ ގޮތުގައި އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުމަށް އެތައް މިލިއަން ރުފިޔާއެއްގެ ރިޝްވަތުގެ ފައިސާގައި ހިފާފައެވެ.

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން ތާވަލުކުރިއިރު، އޭނާގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ މިހާރުވެސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މި ހަތަރު ބޭފުޅުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 13:00 ގައި ކްރިމިނަލް ކޯޓުގައެވެ.