ހުޅުމާލެ އިން ވިއްކުމަށް ނިންމާފައިވާ 400 ގޯތި ހޯދުމަށް ފޯމް ހުށަހަޅަންށާއި ފޯމް ނަގަން އެތައް ސަތޭކަ ބަޔަކު ހައުސިން މިނިސްޓްރީ ކައިރީގައި ކިއު ހަދައިފިއެވެ.

މިއަދު ހެނދުނު އޮފީސް ހުޅުމުގެ ކުރިން ފެށިގެން އެތައް ސަތޭކަ ބަޔަކު ކިއު ހަދާފައި ވާއިރު އަދިވެސް ކިއު ހަދާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ގޯއްޗެއްގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ހަމަޖައްސައިގެން ފޯމު ބަލައިގަތުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދަނިކޮށް އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެވެ. ނަމަވެސް ގޯތި ވިއްކުމުގެ ހުއްދަ އޭސީސީ އިން ފަހުން ދިނުމުން އިއްޔެ އިން ފެށިގެން ވަނީ އަނެއްކާވެސް ފޯމް ދޫކުރުމާއި ފޯމް ބަލައި ގަތުމުގެ މަސައްކަތް ފަށާފައެވެ.

ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވީ، ހުޅުމާލޭ 2 ވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ހުއްދަ އޭސީސީ އިން ހައުސިން މިނިސްޓްރީއަށް މިހާރު ދީފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ޕޮއިންޓް ލިބޭ ހުރިހާ ފަރާތެއްގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށެވެ. އަދި މި ގުރުއަތުގައި ނެގޭ 400 ފަރާތުގެ ތެރެއިން އެއްވެސް ސަބަބަކާހުރެ، އެއްވެސް ފަރާތެއްގެ ނަމެއް އުނިވެއްޖެނަމަ، އެ ލިސްޓަށް އިތުރު ކުރުމަށްޓަކައި ރިޒަރވް ކުރުމަށް 100 މީހެއްގެ ނަންވެސް އިތުރަށް ގުރުއަތުން ނެގެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށް ނިންމަވާފައިވަނީ، އަކަފޫޓެއް 400 ރުފިޔާގެ މަގުންނެވެ. އެހެންކަމުން ކޮންމެ ގޯއްޗެއްގެ އަގަކީ ހަތަރު ލައްކަ ރުފިޔާއެވެ.

މި ގޯތިތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ އިންތިޒާމްގެ އިތުރުން ބައިބަޔަށް ބަހާލައިގެންވެސް ފައިސާ ދެއްކޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.