ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

އަދީބު މިއަދު މާލެ ގެނެސް އައިޖީއެމްއެޗްގެ ޔޫރޮލޮޖިސްޓަކަށް ދައްކާ އިތުރު ސްކޭންތަކެއް ހެދި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.

އަދީބު އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު 10:00 ހާއިރު އެވެ. މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

އަދީބު މިއަދު ހޮސްޕިޓަލުން އޭނާގެ ސަޕޯޓަރުންނާއި ސަލާމް ކުރައްވާ ވިދާޅުވީ "ވަރަށް ރަނގަޅު" ކަމަށެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބައެއް ވަޒީރުން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އަދީބު ހައްޔަރު ކުރީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ސިންގަޕޫރަށް ވެސް ވަޑައިގެން އެގައުމުގައި މަޑުކުރައްވާ، އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.

އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް އޭރުވެސް ތުހުމަތު ކުރެވެމުން ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދީބު ހައްޔަރުކޮށް ތަޙްޤީޤު ކުރުމުން އެނގިފައިވާ ގޮތުގައި އަދީބު އިސްވެހުރެ އެމްއެމްޕީއާރްސީ އިން ވަނީ ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަަގަށް ނަގާފައެވެ.

އޭގެތެރެއިން ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާރު ޙުކުމް އިއްވާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިރީހަކަށް މައްސަލައިގެ ޝަރީޢަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

އޭގެތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ސްނައިޕަރަކު ގެނެސްގެން ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ސިފައިން ގެއިން ހަތިޔާރު ވަގަށްނެގި މައްސަލައެއް ވެސް ހިމެނެއެވެ.

ނަމަވެސް އަދީބުގެ ވެސް ތާއީދާއި އެކު އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވާތީ އަދީބާއި އަދީބުގެ އާއިލާ އަދި ސަޕޯޓަރުން އުއްމީދު ކުރަނީ އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށެވެ.