ނަފްސާނީ ބަލިތައް ދެނެގަނެ އެފަދަ ބަލިތަކަށް ފަރުވާހޯދާ މީހުންގެ މިންވަރު މަދުކަމަށް ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ނަފްސާނީ ބަލިމީހުންގެ ދުވަހާއި ގުޅުވައިގެން އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެބަލިތަކަށް ހުށަހެޅެނީ ޢުމުރުން 14 އަހަރުގައި ކަމަށެވެ. ނަމަވެސް މިބަލިތައް ދެނެގަނެ މިބަލިތަކަށް ފަރުވާހޯދާ މީހުންގެ މިންވަރު މަދު ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ބަލިތަކާއި އެބަލިތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ތެރެއިން ފުރާވަރު ޢުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަންއެވެ. ދެވަނަޔަށް އެންމެ ގިނައީ ނަފްސާނީ ބަލިތަކާ ގުޅިގެން ދިމާވާ ކަންތައްތައް ތަޙައްމަލު ނުކުރެވި އަމިއްލަޔަށް މަރުވުމެވެ. މި ޢުމުރު ފުރައަކީ 15 އަހަރާއި 29 އަހަރާއި ދެމެދުއެވެ. އަދި މިކަންކަމުގެ ތެރެއިންވެސް އެންމެ ކަންބޮޑުވާ ކަމަކީ ފުރާވަރު އުމުރުގެ ކުދިން މަސްތުވާތަކެއްޗަށް ހުށަހެޅޭ މިންވަރު އިތުރުވެ ނޭދެވޭ ކަންތައްތައް ކުދިންގެ މެދުގައި އިތުރުވުމެވެ". އެ ބަޔާނުގައި ވެއެވެ.

އެޗްޕީއޭ އިން ބުނީ، އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނާއި ފުރާވާރު އުމުރުގެ ކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް ދެނެގަނެ އެކަންކަމަށް އެހީތެރިވެވޭނެ ގޮތްތަކެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ފުރާވަރު ޢުމުރު ފުރައިގެ ކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ނަފްސާނީ ބަލިތަކުގެ ޢަލާމާތްތައް ކުރީ ކޮޅުގައި ދެނަގަތުމަކީ މުހިއްމު ކަމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ، އެކަމުގައި ބެލެވެރިންނާއި ޓީޗަރުންގެ އެހީތެރިކަން ހޯދިދާނެ ކަމަށެވެ. އެގޮތުން ގޭތެރޭގަ އާއި ސުކޫލުތަކުގައި ކުދިންނަށް ދިމާވާ ކަންތައް ދެނެގަނެ އެކުދިން އެކަމުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެވޭނެ ކަމަށާއި، މުޖުތަމަޢުގައި ދިމާވާ ކަންތައްތަކުގައި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުދީންނަށް ސައިކޯ ސޯޝަލްގެ އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށެވެ.

"ހަމަ މިއާއެކު ނަފްސާނީ ބަލި ދެނަގަނެ އެކަމަށް ފަރުވާ ދޭނެ ގޮތްތަކާބެހޭ ގޮތުން ޞިއްޙީ އެހީތެރިން ތަމްރީނުކުރުމަކީވެސް މުހިއްމު ކަމެކެވެ. މިކަންކަމަކީ ސަރުކާރާއި ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމެކެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައީޖް

    ނަފުސާނީ މައްސަލަތަކައް ފަރުވާހޯދަނީ މިހާރު ސިޔާސީ ޕާޓީތަކުންގެ ގާތުން.