ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި އެއްވެސް ވަރަކަށް ދުސްތޫރީ މައްސަލައަކަށް ވާނެ ކަހަލަ ކަމެއް ހިނގާފައި ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރިފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޕީޕިއެމްއިން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ ދުސްތޫރީ މައްސަލައެއްކަމުން އެ މައްސަލާގެ ޖަވާބުދާރީ ވެވޭނީ އެ މައްސަލަ އެނގިގެން ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑު ޔަގީންކަން މި އަރުވަނީ ވޭތުވެދިޔަ އިންތިހާބުގައި އެއްވެސް ވަރަކަށް ދުސްތޫރީ މައްސަލައަކަށް ވާނެ ކަހަލަ ކަމެއް ހިނގާފައެއް ނުވެސް ނެތް". ޔަގީންކަން ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބުގެ ކަންތައް ހިނގައިދިޔަ ރިޕޯޓްތަކަށް ބަލާއިރުވެސް އިންތިހާބުގެ ނަތީއްޖާއަށް ބަދަލު އަތުވެދާނެ ފަދަ މައްސަލައެއް ހުށަހެޅިފައި ނުވާނެ ކަމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ސްޕްރީމް ކޯޓުން ބަލައިގަންނާނީ ތައާރަޒުވާ ނުވަތަ ގާނޫނާ ހިލާފަށް ކަމެއް އޮތްތޯ ނުވަތަ ނޫންތޯކަމަށެވެ.

އަދި ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ ދުސްތޫރީ މައްސައެއް ކަމުގައިވިޔަސް ނުވަތަ އެނޫން މައްސަލައެއްކަމުގައި ވިޔަސް، އިލެކްޝަން ކޮމިޝަންގެ ގާނޫނީ ޓީމުން ތިބީ ތައްޔާރަށް ކަމަށެވެ.

"އެހެންވެއްޖެކަމުގައި ވަންޏާމުން އެއީކީ އަޅުގަނޑަކަށް ހިއެއް ނުވޭ ސާބިތު ކުރެވޭނެ ކަންތައްތަކެއް ހެންނެއް". ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ވެއްދިއިރު، އިންތިހާބުގައި ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ރައީސް ޔާމީނާއި ސަރުކާރު ހިންގާ ޕީޕީއެމްއިން ވެސް މީގެ ކުރިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް މަރުހަބާ ވިދާޅުވެފައެވެ.

ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރި ފަހުން، ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ލީޑާޝިޕުންނާއި ގެންދަވަނީ އިލެކްޝަން ކޮމިޝަނަށާއި އެ ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. އަދި އެކަމާ ދެކޮޅަށް އަޑުއުފުލައި ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ދަނީ ކުރަމުންނެވެ.

ސުޕްރީމް ކޯޓަށް މިއަދު ވެއްދި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) މިއަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލަތަކުގެ ހެއްކާވެސް އެކުގައި ކަމަށެވެ. ނަމަވެސް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތަފްސީލެއް ނުދެއްވައެވެ.

އިންތިހާބާއި ގުޅިގެން ކުރަމުންދާ ކޮންމެ ޝަކުވާއަކަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުރިކަމަށް ފާހަގަކުރައްވާ އީސީގެ ރައީސް ޝަރީފް ވިދާޅުވީ، އިލެކްޝަންގެ އެއްވެސް މެންބަރަކު ފިލައިގެން ނޫޅުއްވާ ކަމަށާއި އެ ބޭފުޅުން ރާއްޖެއިން ބޭރުގައި އުޅުއްވަމުން ގެންދަވަނީ އާއިލީ ކަންތައްތަކުގައި ކަމަށެވެ.

އަދި އޭނާގެ ވެސް އަމިއްލަ ބައެއް ކަންކަން ހުރިކަމުގައި ވިޔަސް، އިންތިހާބުގެ މައްސަލަތައް ބަލާ ނިމެންދެން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Miadhu

    ކީއްވެތަ ތި ތެޅިގަންނަނީ މިހާރު މައްދަލަ އެއޮތީ ޝަރީޢަތުގެ ދެން ނުތެޅި މަޑުން ހުރެބަލަ ކުރިންވެސްޝަރީފް ބުނީމުއެެްމު ކަމާބެހޭ ގަރާޔަށް ހުށައަޅައިގެން ކުރިއަށް ގެންދާށެ ދެން އެމަގުން ދާންފެށީމަ މަޑުން ނުހުރެވިގެން ތިއުޅެނީ ކީއްވެ

  2. ސައިލެންޓް މެޖޯރިޓީ

    ތިހެން ހާމާނުވެސް ތެޅުނު ފަހު ވަގުތުކޮޅުގަ ފިރުއައުނަށް ދޯކާ ދީފަ

  3. ސަމި

    ޝަރީފު ދެން މަޑުކޮށްލައްވާ ކޯޓުން ގޮތެއް ނުންމާނެ ތިހާ ހާސްވަނީ ކީއްވެ

  4. Anonymous

    ޢެފަދަ މައްސަލައެއްނެތީމަ ކަލޭއާއި ކަލެއާއިއެކުތިބި އީސީސީގެ އެހެން މީހުން ރައްޔިތުންނަށް ޖަވާބުދާރީނުވެ ގައުމުދޫކޮށް ފުރަފުރައިގެން ދިޔައީ ކީއްވީތަ؟؟ ތިމީހުންގެ އެކައުޓުތަކަށް ކިހިނެައް ޖަމާވި ލައްކަލައްކައިގެ ޑޮލަރުތަކެއްތަ؟؟ ކޮމްޕްލެއިންސް ބިއުރޯއިން ކުއްލިގޮތަކަށް 2މެމްބަރުން ކަނޑާލަންޖެހުނީ ކީއްވީތަ؟ އެމެމްބަރުންނަށް ނުފޫޒުކޮށްގެން ނުގަވާއިދުން ލިއުންތަށް ހޯދަން ނުއުޅޭތަ؟؟ނިކަން ޖަވާބުދީބަލަ!!

  5. މޯހަން

    ހާދަ ވަރެއް ތިވަނީ ސަރީފޫ.. ހަމަޖެހިބަލަ މިސްކިތު ހުޅުޖެހިމީހާ ނެހެދި

  6. މަހަށްދޭބަލަ

    ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދައިފި ނަމަ މަމެންގެ ހިތަށް ފިނި ކަން ލިބެއޭ މަމެންގެ ބިގް 96 ގެ ހައްގުތަކޭ ގެއްލިގެން ދަނީ މަމެން ގަބޫލެއް ނުކުރާނަމޭ މިފަހަރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އެނަތީޖާ ޖެހޭނީ ބާތިލް ކޮށް އަލުން ވޯޓަށް ދާންއޭ ތަމެން ތިޔާ ތިބީ އިންތިޚާބުގައި ވަގު ވޯޓް ކަރުދާސް ޗާޕް ކޮށްގެން އިންތިޚާބު ވަގަށް އިންޑިއާ ގެ ވަގުންނާއި ގުޅިގެން ނަގާފައޭ މަމެން ބުނަން ނެތީމު ދޯ އައި ޑޯން ނޯ ވަޓް ޓު ސޭ މަހަށްދޭބަލަ

  7. ވަހީދު

    ޝަރީފު މާބޮޑަށް ޕީޕީއެމާއި ދެކޮޅުވެރިހެން ހީވޭ ވާހަކަތަކުން. ތިމަޤާމުގެ ގޮތުން ހުންނަންވާނީ ސީދާ މެދުގައި. ވަކިއަތަކަށް ނުޖެހި.

  8. ދޮގޭދޮގޭ

    އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު ނަމަ ކަމަށް ތަމެން ބުނި ނަމަވެސް މަމެން އެކަން ގަބޫލުނުކުރާނަމޭ ތަމެން ތިޔާ ދައްކާ ވާހަކައިގައި ވަރަށް ބޮޑަށް ތަމެން އިންތިޚާބުފގައި އޮޅުވާލާފައިވާ ކަމަށް މަމެން ތުހުމަތު ކުރަމޭ ބުއްދި އަށް ގަބޫލު ނުކުރެވޭ އެއްގޮތަކަށް ވެސް ތަމެން ދައްކާ ވާހަކަ އެއް މަމެންނަށް ބޮޑަށް ލަފާ ކުރެވެނީ ތަމެން ތިޔާ ހަދަނީ ދޮގު ކަމަށް.

  9. ވަހީދު

    ބްރޯގެ ޝަރިއްޕެ ކަލޭގެ ބަހެއްނޫން މިހާރު ބޭނުންވަނީކީ. މައްސަލައޮތީ ކޯޓުގައި. އަޅުގަނޑަށް ރަނގަޅީ މައިތިރިވެގެން ހުރިއްޔާ.

  10. ޢަބްދުﷲ

    މިއިންތިޚާބުގައި އީސީގެ ފަރާތުން ޢަމަލު ކޮށްފައިވަނީ، މީގެކުރިން ބާއްވާފައިވާ އެއްވެސް އިންތިޚާބެއްގައި އީސީގެ ފަރާތުން ޢަމަލު ކޮށްފައިވާ ގޮތަކަށްނޫނެވެ. އަދި މިއިންތިޚާބުގައި އީސީގެ ރައީސް ވާހަކަފުޅު ދައްކަވާފައިވަނީ، ވޭތުވެދިޔަ ތާނގައި އީސީގެ ރައީސަކު ވާހަކަފުޅު ދައްކަވާފައިނުވާ ފަދައަކުންނެވެ.