ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި ޖަލަށް ލާފައިވާ މެޖިސްޓްރޭޓް އަހްމަދު ނިހާން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.

ކަފާލާތުގެ ދަށުން ނިހާން މިނިވަންކޮށްދޭން ހައިކޯޓުން ދެކޮޅު ހަދާފައިވާކަން ނިހާންގެ ވަކީލު ހަސަން ފަލާހު ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ. ނިހާންގެ ވަކީލު ވިދާޅުވީ މިނިވަންކޮށްދެވެން ނެތް ކަމަށް ނިންމި ލިޔުން ކޯޓުގެ ފަރާތުން އަދި ލިބިފައިނުވާ ކަމަށާއި އެ ލިޔުން ލިބޭނީ މާދަމާ ކަމަށެވެ.

ކަފާލާތުގެ ދަށުން މިނިވަންކުރަން ނިހާންގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ހަތަރު ދައުވާގެ ތެރެއިން މިއަދު ބޭއްވި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ރޭވުމުގެ ކުށުގެ ދައުވާގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމުގައެވެ.

މި އަޑުއެހުމުގައި ނިހާންގެ ޤާނޫނީ ވަކީލް ފަލާހް ވިދާޅުވީ ހައިކޯޓުގެ ޤަވައިދުގެ ދަށުން ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ނިހާން އަކީ ޓެރަރިޒަމްގެ އަމަލެއް ހިންގި މީހެއް ނޫން ކަމަށް ވާތީ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ކޯޓުގައި ވިދާޅުވީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުންނާއި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަރީޢަތުގައި ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ އޭނާ ޖަލުގައި އޮންނަ ގޮޅިއަށް ސާފު ވައި ވެސް ނުވަންނަ ކަމަށާއި ގޮޅީގައި ފަންކާ ވެސް ނުހުންނަ ކަމަށެވެ. އެކަށީގެންވާ ވަރަށް ވުރެ ގަދަ ހޫނެއްގައި އޭނާ އޮންނަން ޖެހޭ އިރު އެކަށީގެންވާ ގޮދަޑިއެއް ޑޮކްޓަރު ލިޔުން ދެއްވުމުން ވެސް ފޯރުކޮށްދީފައި ނުވާ ކަމަށް ނިހާން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މައިކަށްޓަށް ގެއްލުން ލިބި މިހާރު ވެސް ފަރުވާ ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ޖަލުގައި އޭނާ އަށް ގެންދަނީ ޓޯޗާ ކުރަމުން ކަމަށެވެ. އެހެން ކުށްވެރިންނާއި އެކު ކޮރިޑޯ އަށް ނިކުތުމުގެ ހުއްދަ ވެސް އޭނާ އަށް ނުލިބޭ އިރު ގޮޅިގައި އޮންނަން ޖެހެނީ އެކަކި ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އޭނަ އަށް ވަކީލަކާއި ބައްދަލު ނުވޭތާ ވެސް ހަމަސް ދުވަސް ވެއްޖެ ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި ކުރިއަށް ގެންދިޔައީ މައްސަލަ އިސްތިއުނާފް ކޮށް ނިހާންގެ ފަރާތުން ހުށަހަޅާފައި ހުރި ކަންކަމަށް ދައުލަތުން ޖަވާބުދާރީ ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންސާފު

    ޥ ސާފު ކޮއް ގާނޫނުގައި އެއޮތީ ޓެރެރިސްޓް ކަފާލަތުގެ ދަށުން މިނިވަން ނުކުރެވޭނެޔޭ

  2. މޮކުޓެއިލް ކޯޅޭޝަން

    ކިހާދެރަ، ކުޑަކަރާ، ބޮޑުކަރާ ސިޔާސަތު ހަމަ