ކުރީގެ ރައީސް، މުޙައްމަދު ނަޝީދާއި ވާދަކުރުމަށް ނިކުތަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް 5 އިންސައްތަ ތާއީދުވެސް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވެފައިވަނީ، ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެއް ގާސިމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ރީ-ޓްވީޓު ކުރުމާއި ގުޅިގެން މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ހިތްހަމަނުޖެހިފައި ހުންނެވި މެމްބަރު ނިޒާރު ވިދާޅުވީ، ނަޝީދަށް ޖއްސުން ކުރުމުގެ އަމަލުތަކުން ސިޔާސީ ލީޑަރުން ދުރުވާން ޖެހޭ ކަމުގައެވެ.

"ރައީސް މުޙައްމަދު ނަޝީދަށް ޖެއްސުން ކުރުމުގެ ޢަމަލުތަކުން ސިޔާސީ ލީޑަރުން ދުރުވާންޖެހޭ. ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަކީ މިހާރު ވާދަކުރަން ނިކުތަސް ނަޝީދާއި ވާދަކޮށް %5 ވެސް ތީގެއިން މީހަކަށް ނުލިބޭނެކަން،" ނަޝީދު ޓެގު ކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް މަލާމާތްކޮށް ނިޒާރު ކުރެއްވި ޓްވީޓުގައި ވެއެވެ.

އަލްހާންގެ ޓްވީޓު، ގާސިމް ރީ-ޓްވީޓު ކުރެއްވުމާއި އެކު އެމްޑީޕީން "ރަތަށްއަރާފައި" ވާއިރު، ނިޒާރުގެ އިތުރުންވެސް ގާސިމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ދަނީ މަލާމާތްކޮށް ފާޑު ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ގާސިމް ފަހުން ވަނީ ނަޝީދަށް ފާޑުކިއުން އަމާޒުކޮށް އާންމުކޮށްފައިވާ ޓްވީޓުގެ ދިފާޢުގައި އިތުރު ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.

"ކީރިތި ރަސޫލާގެ ހަދީޡް ބަސްފުޅެއްގެ މާނައިގައި ވަނީ، ބަސްބުނި މީހާއަށް ނުބަލާށޭ. ބުނި ބަހަށް ބަލާށޭ" ގާސިމް ވިދާޅުވެފައިވެއެވެ.

ނަޝީދުއާ ދެކޮޅު ޓްވީޓެއް ގާސިމް މިއަދު ރީޓްވީޓް ކުރެއްވިއިރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އިބޫގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ނަހުލާ އަށް ފާޑުކިޔަމުންނެވެ. ބައެއް އެކްޓިވިސްޓުން ނަހުލާގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ހިމަނައިގެންވެސް ޓްވީޓު ކުރަމުންދެއެވެ. އެއާއި އެކު ޖޭޕީގެ އެކްޓިވިސްޓުން ގެންދަނީ އެކަމަށް ވަރަށް ވަރުގަދަ އަށް ރައްދު ވެސް ދެމުންނެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޜަށުމީހާ

  ހެެއްހެއް ތިއޮތީ ދެގެރި ޖެހިފާ

 2. ދޮންކޮ

  މިއޮތީ މިހާރުވެސް ކުރިމަގު ވަރަށް ސާފްކޮށް ފެންނަން ފަށާފަ. އަހަރެމެން އަނެއްކާވެސް ހޭދަކުރަންވީ 5 އަހަރުގަ ގަޑަތެޅެންތަ

 3. Abdul Latheef

  5% އަކީ 13000 ވޯޓެވެ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެ ކަން ނުވިސްނޭ ޖާހިލުން މިކަހަލަ ފޯރަމް ތަކުގަ ޝުޢޫރު ފާޅު ނުކޮށް ހިމޭން ވާށެވެ.

 4. މޮޔަނުގޮވާ

  ގާސިމާ ނުލެޑެއްޗޭ ކަލޭމެން އެމްޑީޕީން. ނަޝީދު ޖެހޭނީ މިހާރު މަހަށްދާން ގާސިމާ ޖެހިފަ.

 5. ބޮންދު

  މިރުހާ، ހަކުރާ، ލޮނާ، ކޮނތަބިރިއާ، އިނގުރާ، ފުށާ، ހިކަނދިފަތާ އަޅައިގެން ފާރޮށިގަނޑެއް މޮޑުނީމަ ވާނެ ގޮތް ތިހިރަވަނީ. ނުކެރޭނެ ކާކަށް. އުކާލަންޖެހޭނީ.

 6. ވަހީދު

  ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް ނުހިނގާނެ. ޖުމްހޫރީ ޕާޓިން އެއްފަރާތަކަށް ނުޖެހި ސާބިތު ކަމާއި އެކުތިބެގެންވާނީ.

 7. ވަހީދު

  ނިޒާރުމެން މައިތިރިވެގެން ތިބެބަލަ އިބޫ ހުވާކުރަންދެން. ގާސިމާއި ޔާމީން އެއްކޮޅަށް އަރައިގެން ވޯޓަކަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތް. އެދުވަހުން މައުމޫނުގެ ތާއީދު ވެސް އޮންނާނީ ޔާމީނަށް. މައްސަލަ މިއަދު ސްޕްރިމްކޯޓަށް ވައްދާފަ އޮތީ.

 8. ބުރުމާ

  ހުރިހާ ވޯޓެއްވެސް ލިބޭނީ ގާސިމަށް.. ދެން ލަލަލާ

 9. ނާއްޕެ

  20،000 ވޯޓު އިތުރަށް ޔާމީނަށް ލިބިއްޖިއްޔާ އިބޫ އާއި ހަމަހަމަ ވާނެ. %5 އޭ ނުކިޔައި މަޑުން ތިބެބަލަ.

 10. ޢަބްދުﷲ

  ޕިޕީއެމުގެ ފަރާތުން މައްސަލަ ހުށަހެޅި ކަމުގައިވިޔަސް ތިޔަމައްސަލާގައި ތަދައްޚުލުވުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނެ ނޫންތޯއެވެ. އެހެނީ، ކޯލިޝަނެއްގައި ހިމެނޭ ކޮންމެ ޕާޓީއަކަށްވެސް ބަސްބުނުމުގެ ޙައްޤު، ފުރުޞަތު ލިބެން އޮންނަ ކަމެއްގައި ޕާޓީތަކުންވެސް ބަސްބުނެވޭނެއެވެ.

 11. އިންސާނާ

  ނަށީދާ ވާދަކޮށް ގާސީމައް %5 ވޯޓު ނުލިބުނަސް ގާސިމުގެ ތާއީދާ މައުމޫނުގެ ތާއީދާ އަދާލަތުގެ ތާއީދާ އަދި ނުވިތަނަކައް އިލެކްށަންގެ ތާއީދު ނުލިބިނު ނަމަ ދެންވާނީ ކިހިނެއް؟ ?