ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފިއެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމަށާއި، އެކަމާ ގުޅުންހުރި ކަންކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް އަދި އޭރުގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަށް ރިޝްވަތު ދިންކަމަށް ބުނެއެވެ.

އެގޮތުން ސިޔާދަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ، އޭރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ބެކްޕެކްއެއްގެ ތެރެއިން ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެ ފަނޑިޔާރުގެ ދަރިކަލަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެ ސިޓީން އެނގޭ ކަމަށެވެ. އަދި މެލޭޝިއާއިން ވިލާތަކެއް ރިޒާވްކޮށް އޭގެ ބައެއް ފައިސާ ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

ދައުވާ ބާތިލުކުރަމުން މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ހައިލަމް ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ނުފެންނާތީ ދައުވާ ބާތިލުކުރީ ކަމަށެވެ. އަދި ސިޔާދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި ފައިސާ ދިން ކަމެއް ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް ސާބިތުކޮށް ދިނުމަށްޓަކައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން ނޭނގޭކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދަން ދައުލަތައް އެކަށީގެންވާ ފުރުސަތު ދެވިފައިވީ ނަމަވެސް އެފުރުސަތުގައި ވެސް ދައުލަތުން މި މައްސަލައާ ގުޅުން ހުރި ހެކި ހުށަހަޅާފައިނުވާކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ .ގާޒީ މިހެން ވިދާޅުވި ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މިކަމާ ގުޅުންހުރި ބައެއް ހެކިތައް ޝަރީއަތަށް ހުށަހަޅާފައެވެ. އަދި ހެކިތައް ދިފާއަށް ދިނުމަށް އިންކާރު ނުކުރާތީ ޝަރީއަތުގެ މަޖިލީހުގައ ދިފާއަށްވެސް އެ ލިޔުންތައް ހިއްސާކޮށްފައިވެއެވެ.

ސިޔާދުގެ މައްޗަށް ކުރި ދައުވާ ބާތިލުކުރިއިރު، ގާޒީ ވިދާޅުވީ، ވިލާއަކީ ވިޔަފާރި ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން ވިޔަފާރީގެ މުއާމަލާތްތައް ކުރާނެ ކަމަށެވެ. ނަމަވެސް ވިލާއިން ފައިސާ ދައްކާފައިވާ ފްލެޓްތަކަކީ އަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާ އިން ރިޒާވްކުރި ފްލެޓްތަކަށް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ގަޒީ ވިދާޅުވީ، މައްސަލައިގެ ސީޣާ ބިނާ ކޮށްފައިވަނީ އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓްގެ އަމުރުނެރުުމުގައި އަމުރަށް ނުފޫޒު ފޯރުވުމުގައި ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަމަށާއި އެ އަމުރުގައި އޭނާގެ ބައްޕަ ގާސިމް އިބްރާހިމް މިނިވަން ކުރަން އޮތުމުން ކަމަށެވެ. ނަމަވެސް އެ ހުކުމް ނެރެފައިވަނީ ނުފޫޒު ފޯރުވައިގެންކަން ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށާއި، ހެއްކާ ނުލައި ދައުވާ ސީޣާގައި އެގޮތަށް ނުބުނެވޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ ދައުވާ ލިބޭ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ސިންގަޕޫރްގައި ބުކް ކޮށްފައިވާ ވިލާތަކު ބުކިން ސްލިޕްތަކަކާއި، ވިލާއިން މެލޭޝިޔާއިން ގަނެފައިވާ ފްލެޓްތަކެއްގެ ސެލިން އެންޑް ޕާޗޭސް ސްލިޕްތަކެކެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ބުކިން ސްލިޕްތަކުގައިވާ "ޔުނިކް ނަންބަރުތަކާއި" ވިލާއިން ފައިސާ ދައްކާފައިވާ ޕާޗޭސް އޯޑަރުތަކުގައިވާ "ޔުނިކް ނަންބަރުތައް" ދިމާވާ ކަމަށެވެ. އެހެންކަމުން އެ ލިޔުންތަކުން ސާފުވާ ގޮތުގައިވާ ވިލާއިން ގަނެފައިވާ ޔުނިޓްތަކަކީ ސިންގަޕޫރުން އަބުދުﷲ ސައީދާއި އަލީ ހަމީދުގެ ދަރި އާއި ހަސަން ސައީދު ބުކް ކޮށްފައިވާ ޔުނިޓްތަކެއް ކަމަށް ދައުލަތުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވަމުން ސިޔާދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ވިލާއިން ގަނެފައިވާ ވިލާތަކުގެ ޔުނިޓް ނަމްބަރުތައް އެއްގޮތް ވުމަކީ ދައުވާގައި ބުނާ ބުކް ކޮށްފައިވާ ވިލާތައް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ބުކް ކުރި ކަމަށް ބުނާ ވިލާ ތަކަށް ވިލާ ކުންފުނިން ފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ހެއްކެއް އަދި ލިޔުމެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

ދައުވާ ލިބޭ ފަރާތުގެ ވަކީލުން މިގޮތަށް ވަކާލާތު ކުރަން ފެށުމާއެކު ގާޒީ ހައިލަމް ވަނީ ދައުލަތުގެ ވަކީލުންނަށް ސުވާލު ކުރައްވާފައެވެ. ގަޒީ ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވީ މި މައްސަލައިގެ ދައުވާގައި ބުނާ ގޮތުން ބުކް ކޮށްފައިވާ ވިލާތަކަށް ވިލާ ކުންފުނިން ފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ލިޔުމެއް އޮއްތޯއެވެ. ޖަވާބުގައި ދައުލަތުގެ ވަކީލުން ތަކުރާރުކޮށް ބުނެފައިވަނީ ބުކިންގައިވާ ޔުނިޓް ނަންބަރާއި، ވިލާއިން ފައިސާދެއްކިކަން އެނގޭ ޕަރޗޭސް އޯޑަރުގައިވާ ޔުނިޓް ނަންބަރު ދިމާވާތީ އެކަމުން އެކަން ހާމަވާ ކަމަށެވެ. ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ، އެ ލިޔުންތަކިގައިވާ ޔުނިޓް ނަންބަރުތައް ދިމާވުމަކީ އެއީ އެ ވިލާތަކަށް ފައިސާ ދެއްކިކަން ސާބިތުކޮށް ދިނުން ނޫން ކަމަށެވެ. ދައުލަތާއި އިތުރަށް ސުވާލު ކުރުމުންވެސް ވަނީ ހަމަ އެވާހަކަތައް ތަކުރާރުކޮށްފަ އެވެ.

އެއާއެކު ގާޒީ ހައިލަމް ދައުލަތަށް އެންގެވީ އިތުރު ސާބިތުވާ ހެއްކެއް ވާނަމަ އެކަން ބުނެދިނުމަށެވެ. އެންމެ ފަހުން ދައުލަތުން ވިދާޅުވީ އިތުރަށް އިތުރު ހެއްކެއްނެތް ކަމަށެވެ. މި ކަންކަމަށް ރިއާޔަތްކޮށް ސިޔާދު ޤާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ބާތިލު ކުރުމާއި ގުޅިގެން، މި ހާދިސާގައި ރިޝްވަތު ހިފިކަމަށް ދައުލަތުން ބުނާ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި، ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދުގެ އިތުރުން ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް އުފުލި ރީޝްވަތު ހިފުމުގެ ކުށުގެ ދައުވާތައްވެސް ވަނީ ބާތިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    ޖަލަށްލުމާ، ޖަލުން ދޫކޮށްލުމާ، މައްސަލަ ހުށަހެޅުމާ، މައްސަލަ ބާޠިލުކުރުމާ، މިކަންކަމަކީ، މިރާއްޖޭގައި އެކިފަހަރު އެކިގޮތަށް ހިނގަމުންދާ ކަންކަމެވެ.