ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ، ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ލަންކާގެ ރައީސްއާ އިބޫ ބައްދަލުކުރެއްވީ، މިއަދު ހެނދުނު ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލަންކާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މިއީ ރަސްމީ ބައްދަލުވުމެއް ނޫނެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އިބޫ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މި މަހުގެ ހަތްވަނަ ދުވަހުގެ ރެއެވެ. ނަމަވެސް މި ދަތުރުފުޅުގައި އިބޫ ވަޑައިގެންނެވީ ކޮންމެ ގައުމަކަށްކަން އެމަނިކުފާނު ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ހާމަކުރައްވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އިބޫއަށް ގުޅުއްވާ ސިރިސޭނާ މީގެކުރިން މަރުހަބާ ދެންނެވިއިރު، ދާދިފަހުން ސިރިސޭނާގެ ހާއްސަ މަންދޫބެއް ވަނީ ރާއްޖެ ވަޑައިގެން އިބޫ އާއި ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން އިބޫ ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ވަނީ ދައުވަތު ވެސް އަރުވާފައެވެ.