ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ދައުވާ ބާތިލުކޮށްފިއެވެ.

އެ ތިން ބޭފުޅުންނަށް ވެސް ރިޝްވަތު ހިފި ކަމުގެ ދައުވާކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރިޝްވަތުގައި ހިފިކަމަށް ބުނެއެވެ. މީގެ ތެރެއިން ހަސަން ސަޢީދު ފިޔަވައި އަނެއް ދެ ފަނޑިޔާރުންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މީގެ ދުވަސްތަކެއް ކުރިންނެވެ. އަދި ހަސަން ސަޢީދުގެ މައްޗަށް މި ދައުވާ އިއްވާފައިވަނީވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ތިން ބޭފުޅުންވެސް ދައުވާއަށް އިންކާރު ކުރުމާއި އެކު އެ ބޭފުޅުންގެ ވަކީލުން ވިދާޅުވީ، މި ދައުވާއަކީ އެއްވެސް އަސާސެއް ނެތް ބާތިލް ދައުވާއެއް ކަމަށެވެ. އެހެންކަމުން މި ދައުވާ ބާތިލު ކޮށްދިނުމަށް ވަކީލުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްގެ އަރިހުގައި އެދުނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދައުވާ ލިބޭ ތިން ބޭފުޅުން ދައުވާއަށް އިންކާރު ކުރުމާއި ގުޅިގެން ގާޒީ ހައިލަމް ދައުލަތުގެ ވަކީލުންނަށް އެނގެވީ މައްސަލައިގައި ވިދާޅުވާނެ ވާހަކައެއް އަދި ހުށަހަޅާނެ ހެކި ހުރިނަމަ ކުރިއަށް ގެންދެވުމަށެވެ. ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ، މައްސަލައިގައި ހުރީ މި ހާދިސާގައި ރިޝްވަތު ދިންކަމަށް ބުނާ ސިޔާދު ޤާސިމްއާ ދެކޮޅަށްވެސް ހުށަހެޅި ހެކި ކަމަށާއި، އިތުރަށް ހުރީ ހަސަން ސަޢީދު ދިރިއުޅުނު ހ.ނިޝާން ޕްލާޒާ ފުލުހުން ބަލާ ފާސްކުރިއިރު ފެނުނު ފައިސާއާ ގުޅުންހުރި ލިޔުން ހޯދާފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށްކަން ސާބިތު ކުރުމަށް ހުށަހަޅާ ހެކި ކަމަށެވެ.

ގާޒީ ހައިލަމް ވަނީ ވަރަށް ސީދާކޮށް ދައުލަތުގެ ވަކީލުންނާ ސުވާލު ކުރައްވާފައެވެ. އެގޮތުން ދައުވާގައި ބުނާ އެއްވެސް ފަރާތަކާ ދެކޮޅަށް ސީދާ ހެކި ހުރިތޯ ގާޒީ ސުވާލު ކުރިއެވެ. ޖަވާބުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ހުރީ ގުޅުވާލެވޭ ހެކި ކަމަށާއި، އެކަންކަން ސިޔާދުގެ މައްސަލައިގައި ހުށަހަޅާފައިވާނެ ކަމަށެވެ.

މި ދައުވާ ބާތިލު ކުރުމަށް ނިންމަވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވީ، މި ހާދިސާގައި ރިޝްވަތު ދީފައިވާކަމަށް ދައުލަތުން ދައުވާކުރި އިބްރާހީމް ސިޔާދު ޤާސިމްގެ މައްޗަށް އުފުލި ދައުވާ އެ ކޯޓުން މިއަދު ބާތިލު ކޮށްފައިވާ ކަމަށާއި، އެހެންކަމުން މި ހާދިސާގައި ރިޝްބަތު ދިން ފަރާތެއް ނެތް ކަމަށެވެ. މިފަދަ ހާލަތެއްގައި ރިޝްވަތު ދިންކަމަށް މި ތިން މީހުންގެ މައްޗަށް ދައުވާ ކުރެވިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

އަލީ ހަމީދު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދައުވާ ބާތިލު ކުރަމުން ގާޒީ ވިދާޅުވީ، މި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިން ކުށުގެ އުންސުރުތައް ފުރިހަމަ ވާކަން އެނގެން ނެތް ކަމަށާއި، ރިޝްވަތު ދިން ފަރާތުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލުކޮށްފައިވާއިރު، މި މައްސަލައަކީ މަޢުލޫއީ ގޮތުން އަދި މަދަނީ މިންގަނޑުންވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން މި ދައުވާ ބާތިލު ކުރާކަމަށް ގާޒީ ހައިލަމް ވިދާޅުވިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ދައުވާ ބާތިލުކުރިއިރު، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ މިހާރުވެސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދުގެ މައްޗަށް މައްޗަށް އުފުލި އަދުލު އިންސާފު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށްސާބިތުވެ ގެންދަވަނީ ހުކުމް ތަންފީޒު ކުރަމުންނެވެ. އެހެންކަމުން މި ނިންމުމާ ގުޅިގެން މިއިން އެއްވެސް ބޭފުޅަކު ޖަލުން މިނިވަން ވެގެން ނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    الحمد لله

  2. އަދިލު އިންސާފު

    ވިސްނާބަލަ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ގެ ބޮޮލަށް ފޯނު ނުދިން މައްސަލާގެ ހުކުމް ކޮށް މަޤާމުން ވަކި ކޮށްފައި ރިޝްވަތުގެ ދައުވާ އަކީ ބާތިލް ދައިވާއެއް ކަމަށް ހެދީއެ ެ

  3. ހުސޭނު

    ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ސިންގަޕޫރުން ބުކް ކޮށްްފައިވާ ވިލާތަކުގެ ޔުނިޓްތަކުގެ ނަމްބަރުތަކާއި ވިލާއިން ފައިސާދެއްކި ކަމަށްބުނާ ވިލާތަކުގެ ޔުނިޓްތައް ދިމާވާ ކަމަށެވެ. ގާޒީ ހައިލަމް ވިދާޅުވީ، ޔުނިޓްތަކުގެ ނަމްބަރު ދިމާވުމަކީ އެއީ އެ ވިލާތަކަށް ފައިސާ ދެއްކިކަން ސާބިތުކޮށް ދިނުން ނޫން ކަމަށެވެ.
    ދެން މިވަރުން ކަމެއް ސާބިތުކޮއްދޭނެ ގޮތެއްނޭގެ. ހަމަގައިމުވެސް މައްސަލަ ރައްދުވާފަރާތުން އަމިއްލަޔަކައް އެއްބަހެއްނުވާ. އެހެންވެ ކަންނޭގެ ގާސިމް މިއަދުބުނީ ހުރުހާ މުއައްސަސާއެއްވެސް ތިބީ ވަރައް ޕޮޒިޓިވްކޮއްކަމައް. ވިސްނައިފި މީހަކައް ގާސިމް އެބުނި އެއްޗެއް ގެޓްވާނެ

  4. ނުޖެހޭ

    ދިރިއުޅުމުގެ ހާލަތު ބެލުން އެއީ މަކަރާއި ހީލަތުން ފުރިގެންވާ ކަމެއްގެ ވާހަކަ ތަމެން ތިޔާ ދައްކަނީ ތިޔާ ގޮތަށް ތަމެން ދިރިއުޅުމުގެ ހާލަތު ބަލާފައި ފްލެޓްސް ދިން މީހުން އެތިބީ ފްލެޓްސް ތައް ކުއްޔަށް ދީފައި ކުރިން ވެސް އެމެން އުޅެމުން އައި މާލޭގައި ހަމަ މިހާރު ވެސް އުޅެނީ ދިރިއުޅުމުގެ ހާލަތަކީ އެއީ މީހަކު ކިޔާދޭ އެއްޗެއް ޖައްސާ ވައްތަރެއް ނުވަތަ ކުރާ އެކްޓެއް ނުވަތަ ދައްކާ ސީން އެކެވެ. އެއީ ފޭކް އޮފް ދަ ފޭކް އެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ނުޖެހޭ

  5. ނަސީމާ

    ޤާސިމް އަކީ މިރާއްޖޭގެ ރިޝްވަތުގެ ބައްޕަ . އަދުލު އިންސާފުހޯދަދޭން އެކި ކަރަކަރައިން ނެރެގެން އައިމީހުން އެތިބީ މިނިވަންވެފަ. ކޮބާ؟ އަދުލު ކޮބާ؟ އިންސާފުކޮބާ؟. މިރާއްޖޭގައި ކިތަންމެ ބޮޑުކުށެއްކޮށްގެން އެކަން ބަލަން އުޅެގެންފިމީހަކު ވިއްޔާ އެވަނީ އަނިޔާވެރިއަކަށް.ޝަރީޢަތެއްކޮށް ކަމެއްނިމިގެން ދާއިރު ދެފަރާތުން ކޮންމެވެސް އެއފަރާތް ތިބޭނީ ހިތްހަމަ ނުޖެހިފައި. މިރާއްޖޭގެ ތިބި ހުރިހާއިދިކޮޅު މީހުން ތިބެނީ މިނުބައި ވަބާ ދިފާޢުކުރަން. މިމީހުން އަދުލޭ އިންސާފޭ މިކީ ވަކި މީހަކު ދެކެ ޙސަދަ ވެރިވެތިބެ. މިރާއްޖޭގެ އަދުލަކީ ކޮބާކަން އިންސާފަކީ ކޮބާކަން މިހާރު ހަމަ އޮޅިއްޖެ ރިޝަްވަތު ދިނުމަކީ ކޮބާ ކަމާ އޭގައި ހިފާމީހުންނަށް ހޯދައި ދެވުނު އިންސާފެއްނެތް. މައުސޫމް މީހުންގެ ގޮތުގައި އެތި ބީ މިނިވަންވެފަ. ހާދަ ހެއްވައޭދޯ؟ ތިމަންނަމެންނަށް ވެރިކަން ހޯދަދޭން ވެރިކަން ވއްޓަން އުޅުނު މީހުން އެއީ މުޖްރިމުންނެއްނުވެ މައުސޫމް މީހުންނަށްވީ. ތީ ތޯ މިރާއްޖޭގައި ރަނަގަޅު އަދުލު އިންސާފު ޤާއިމުކުރުމަށް އެއްރަށުން އަނެއް ރަށަށް އރަމުން ދިޔަ މީހުންގެ ގޮތަކީ؟ އަދުލު އިންސާފު ރަނަގަޅަށް ލިބޭނެ ދުވަހެއް އޮންނާނެ ރިޝްވަތާ ފަސާދައޢި ކަރަޕްޝަނަކީ ހަމައެކަނިޔާމީން ކުރާކަމެއް ނޫންކަން އެނގޭނެ ދުވަހެއް އޮންނާނެ. އެހެކި ގުވަންތަކުން ދޭނެ ދުވަހެއް އަންނާނެ އެދުވަހަށް ތައްޔާރުވޭ.