މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޯ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އަދި މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އެލައިސް އިބޫ އާއި ބައްދަލުކުރައްވާފައިވާއިރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ މިދިޔަ ހަފުތާގައި ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފައެވެ.

އިބޫގެ އިތުރުން އެލައިސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނާއި ވެސް ބައްދަލުކުރައްވާފައެވެ. އޭގެތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި ހަފްތާގައި ވަނީ ކަނޑައަޅާފައެވެ.

އެލައިސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި މަދަނީ ޖަމިއްޔާތަކާއި ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ އާއި ސްރީ ލަންކާ އަށް އެލައިސް ކުރައްވާ ދަތުރުފުޅުގައި އޭނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.

ކިޔުންތެރިންގެ ހިޔާލު