ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލުމަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފެށުމަށް ހައިކޯޓުން ނިންމައިފިއެވެ.

ގާސިމްގެ އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:15 ގައެވެ. މައުމޫންގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:30 ގައެވެ.

އެއް އަހަރާއި ހަތްމަހުގެ ޖަލު ހުކުމެއް ރައީސް މައުމޫންގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

ގާސިމް ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ މި މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދެ ބޭފުޅުން ވެސް މިނިވަންކުރުމަށް އަމުރުކޮށްފައެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަދ

    ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނަކުން ލިބޭ ޙައްޤެއްބާ ހުކުމަށް ފިލައިގެންގޮސް ހުންނަ މީހާއަށް ކަފާލާތުގެ ފުރުސަތު. އެހެން ވެއްޖެއްޔާ ހާޖަރާގޭ ލުތުފީވެސް ހުންނަންވާނީ މިނިވަންވެފައި

  2. ޢަބްދުﷲ

    އުޞޫލުގެ ތެރެއިން ހުއްދަ ލިބިގެން ބޭސްފަރުވާއަށް ދެވޭނެއެވެ.