ހުޅުމާލެ އިން 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީ އިން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވައިދޭން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިއަދު އެދިއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް މިކަމަށް އެދިފައި ވަނީ އޭސީސީ އަށް ފޮނުވި ސިޓީއެއްގައެވެ.

ގޯތި ވިއްކާ ގޮތާ ގުޅިގެން ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަކާ އެކު ޝަކުވާތަކެއް ހުށަހަޅާފައިވާ ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ.

އޭސީސީގެ ފަސް މެމްބަރުންގެ ފަރާތުން ވެސް ފެންނަނީ، ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ހައްގު ގެއްލެމުންދާއިރު ފިޔަވަޅު އަޅަން ފަސްޖެހި ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ލިބިދޭ ތަން ބަލަހައްޓައިގެން ތިއްބެވި މަންޒަރު ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ސިޓީގައި ވެއެވެ.

ސިޓީގައި ވަނީ އޭސީސީން އެންގުމުން ވެސް ގޯތި ވިއްކުން ގާނޫނާއި ގަވާއިދާ ޚިލާފަށް ކުރިއަށް ގެންދާކަމަށާއި ދެ ވަނަ ފަހަރަށް އިއުލާން ކުރިއިރު ވަކި ބަޔަކަށް ފުރުސަތު ދޭން ޝަރުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ނުވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވާން ހުށަހަޅާ ފަރާތްތަކަށް ވަގުތީ ލިޔުމެއްދީ އެ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ވާކަމަށާއި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އާދަޔާޚިލާފަށް ގިނައިން، ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ހިމެނޭ ކަމަށް ސިޓީގައި ވެއެވެ.

އާއްމުކޮށް އެންގުމަކާ ނުލައި ދަފްތަރުގައި ޖެހުމުގެ ފުރުސަތު ވަކި ބަޔަކަށް ދިނީ ނާޖާއިޒު މަންފާ ހޯދައިދޭން ކަމަށާއި އޭގެ ސަބަބުން ގޯތި އެންމެ ހައްގުވާ މީހުންނަށް ފުރުސަތު ގެއްލޭނެ ކަމަށް ސިޓީ ގައި ވެއެވެ.

މާލޭގައި ގޯތި ނުލިބި 50 އަހަރު ތިބި މީހުންނާއި ދަފްތަރުގައި މިއަދު ދަފްތަރުގައި ޖެހިގެން ކުރިމަތިލާ މީހުން ޕޮއިންޓުގެ ގޮތުން އެއްވަރުވުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް ވެސް ސިޓީގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބުނެފައި ވެއެވެ.

"ގުރުއަތުލާއިރު ވަކި ބަޔަކު ހޮވޭ ގޮތަށް އެކަން ކުރަން ރޭވިފައިވާއިރު، މިހާރު ވެސް ހޮވޭނެ ފަރާތްތަކުގެ ލިސްޓެއް ހަދައި މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި އުޅޭ އިސް ފަރާތްތަކަކުން އެ ލިސްޓު ބަލަހައްޓަމުން ދެ އެވެ" ސިޓީގައި ވެއެވެ.

ހައުސިން މިނިސްޓްރީގެ މިފަދަ ސިޓީއެއް އޭސީސީ އަށް ހުށަހަޅާފައި ވީނަމަވެސް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ގޯތި ވިއްކާނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ގުރުއަތަކުން ހޮވޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ނުބުޙާނު

  ޢަޖައިބުވެދާނެ! ބަލަ 400 ގޯތި ދޫކުރަނީ 400 މީހުންނަކަންނުތޯއެވެ؟ ކިތަންމެބަޔަކު ގޯއްޗަށް އެދުނަސް 400 ގޯތި 400 މީހުނަށްވުރެ ގިނަމީހުނަށް ދޫކުރެވޭނޭގޮތެއް އޮންނާނެތޯއެވެ؟ އަނެއްކާ އެ ގޯތިތައް ދޫކުރަނީ "އަންކަލެޔަށް އަންކަލެޔަށް" ދޭ ގޮތަކަށްނޫނެވެ. ފޯމެއްލައިގެން މާކުސްދީގެން ޝަރުޠުހަމަވާ މީހުންގެތެރެއިން އެންމެގިނަ މާކުސްލިބޭ ފަރާތްތަކަށްނޫންތޯއެވެ؟

 2. Anonymous

  މިދެން ކިހާ ބޮޑު ކަމެއް އެމް ޑީ ޕީ މީ ހުންނާ ހެދި.. ބަޔަކަށް ހިޔާ ވަހިކަމެއް ލިބިދާނެތީތަ މި އުޅެނީ..

 3. ހެހެހ

  މި އޮތްހާ ދުވަހު މިމީހުންނަށް ބައި އަޅައިގެން ފުލެޓުތައް ލިބޭތީ އޭތި ކަރަޕްޝަނަކަށް ނުވި. މިހާރު މިމީހުންނަށް ނުލިބޭތީ ހޭބަލިވަނީ!

 4. Anonymous

  ދަފުތަރުގައި ރަޖިސްޓިރީވެފައި އެތައް ދިގުމުއްދަތެއް ހޭދަވެ އެއްވެސް ބޯހިޔަލެއްނުލިބި ތިބިމީހުންނަށް އިސްކަންނުދީ ދާދިފަހުން އަދި މިހަފުތާތެރޭގައި ދަފުތަރުގައި ޖެހޭމީހުން މި މަޝްރޫއުގައި ނުހިމެނުމަށް ގޮވާލަން، ޝަރުޠުގައިވެސް އޮންނަންޖެހޭ ދަފުތަރުގައި ޖެހިގެން ދިރިއުޅެމުންދާތާ ކިހާ ދިގުމުއްދަތަކާއި ބެހޭގޮތުންވެސް.

 5. އަލީ އާދަމް

  އަޅެ މިދެން ކިހާބޮޑުބަލާއެއް، ވަގުތުން މި މުއިއްޒުގެ ހަގީގީ ސޫރަ އަދިކިރިޔާ މިފެންނަނީ، ހިތުން މާ ދީންވެރިވެެގެން އުޅޭމީހެކޯ، ރޯމާ ދުވާލު ފާޅުކަންބޮޑުކޮށް ބޮޑެތި ކޮރަޕްޝަން މި ހިންގަން އުޅެނީ. މިވަރުންވެސް ރައްޔިތުން މަޑުން ތިބެންވީތަ؟؟

  • އާންމު އާދުމީ

   މުޢިއްޒުހާ ޤާބިލު ބޭފުޅެއް އަދި ވަޒީރުކަމެއް ނުކުރޭ. މުޅި މޑޕ ގަވެސް ނެތް އެ ފެންވަރުގެ ޕްރޮޑަކްޓިވް މީހެއް. ކޮރަޕްޝަނަށްވާނީ މޑޕ ބުނާހާ ކަމެއްނޫން. ސާބިތުހިފޭ ކަންކަމުގެ ވާހަކަ ދައްކާ!

 6. ތިމަންނަ

  ކައްވަޅު އަދިރިވާހާ ދޮގު ތިޔަ ސޮރު ހަދައިފި

  • ފުތާބެއްޔާ

   ދޮގުހަދައިގެން ކައްވަޅު އަނދިރިވަންޏާ ކެނެރީގޭ އަންނިޔޭ ކިޔާ ލުއްޗާގެ ކައްވަޅުވަރު އަނދިރިކައްވަޅެއް ނުހުންނާނެތާދޯ

 7. ނީރާ

  ސާބަހޭ ކުދިންނޭ ތިކަން ހުއްޓުވާ

 8. ފައުސަލޫ

  ހައުސިންގ ގެ މުވައްޒިފުންނަށް ކުރީގައިވެސް އިގޭނުންތޯ ކަންކަންދަނީ ގޯހުންކަން ދެންކީއްވެ މާރަގަޅުބަޔަކަށްވާން މިހާރު ކުއްލިޔަކަށް މާތެދުވެރިބަޔަކަށްވާންވެގެން އެތަށް ރައްޔިތުންނެއް ރެޔާދުވާލު ދޭހާއި އަތްވެއްގައި ބާތިއްބާފައި ކީއްކުރާނަމޭ ހިތާތޯ ތިއުޅުއްވަނީ ރައްޔެތުންނަށް ކީއްވެތޯ ތިއޮޅުވާލަނީ.. ކުރިންވެސް މައްސަލަ އުޅޭކަން އިގިތިބެ ކީއްވެނުބުނީ.. ފުރަތަމަ ތި މުވައްޒިފުންގެ މައްސަލަވެސް ޖެހޭއެބަ ބަލަން..

 9. ސަލީމް

  ދަފްތަރަކީ އަބަދުވެސް ޖެހުމަށް ހުޅުވާލެވިފައިވާ އެއްޗެއްް. ނުޖެހޭ ދަފްތަރުގަ ނަންޖަހަން އިއުލާނުކުރާކަށް.

  • ކާފަ

   ނޫނޭ. ވަކި ހިސާބަކުން ދަފްތަރު ބަންދު ކުރެވުނު. ދަފްތަރުގެ މީހެއްގެ އުފަން ދަރިއަކަށް ނޫނީ ދަފްތަރުގަ ނުޖެހެވޭ ގޮތަށް. ދެން ފަހުން ތި ހުޅުވާލެވުނީ ފުލެޓު ފޯމުލުމަށް. އެކަމަކު އެއިރު އިއުލާނުކުރި އެކަން.