ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޣައިރު ހާޒިރުގައި ޙުކުމް ނީއްވޭނެ ކަމަށް ދައުލަތުން ހައިކޯޓުގައި އެއްބަސް ވެއްޖެއެވެ.

ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އިއްވީ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގަ އެވެ. މިއަދު އޮތީ އެމައްސަލަ ގާސިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި ޝަރީޢަތެވެ.

މިއަދު އޮތީ މިމައްސަލައިގެ ފުރަތަމަ އިސްތިއުނާފް އަޑުއެހުމެވެ. ނަމަވެސް އަޑުއެހުން ނިންމާލަމުން ފަނޑިޔާރުން ވިދާޅުވީ މައްސަލައިގެ އަޑުއެހުން ނިމުނީ ކަމަށާއި ދެން އޮންނާނީ ޙުކުމް ކުރުން ކަމަށެވެ.

ގާސިމްގެ ފަރާތުން ހައިކޯޓުގައި ވަނީ 13 ހުށަހެޅުމެއް ހުށަހަޅާފައެވެ.

އެންމެ މައިގަނޑު ނުކުތާއެއްގެ ގޮތުގައި ގާސިމްގެ ވަކީލުން ހައިކޯޓުގައި ފާހަގަ ކުރީ ޣައިރު ހާޒިރުގައި ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާ މައްސަލައެވެ.

ޣައިރު ހާޒިރުގައި ކުރިއަށް ގެންދިއުމުން ޤާނޫނު އަސާސީ އިން ލިބިގެންދާ ދައުވާއިން ދިފާޢު ވުމުގެ ޙައްޤު ގާސިމަށް ގެއްލިފައިވާ ކަމަށާއި އަދި ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ވެސް ހަނި ކުރޭވެނެ ކަމެއް ނޫން ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވިއެވެ.

ގާސިމްގެ ވަކީލުން ބުނީ ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންދެވޭނީ އިބްތިދާއީ އަޑުއެހުމަށް ހާޒިރު ނުވެއްޖެ ހާލަތެއްގައި އެކަނި ކަމަށާއި ނަމަވެސް މިމައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ އެގޮތައް ނޫން ކަމަށެވެ.

އޭގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާ ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ޝަރީޢަތް ކުރިއަށް ގެންދިޔަ ކަމަށް ވެސް ވަކީލުން ބުންޏެވެ. ޕާސްޕޯޓް ހިފެހެއްޓީ ކްރިމިނަލް ކޯޓުން ކަމަށާއި އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވަކީލުން ވިދާޅުވިއެވެ. ވަކީލުން ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓޭނީ ތަންފީޒީ އިދާރާ އަކުން އެކަމަށް އެދުމުން ކަމަށާއި ނަމަވެސް ތަންފީޒީ އިދާރާ އަކުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ނުވާ ކަމަށެވެ.

ދައުލަތުން ވެސް ވަނީ ކޯޓަށް ޕާސްޕޯޓް ނުހިފެއްޓޭނެ ކަމަށް އެއްބަސް ވެފައެވެ.

ދެން ގާސިމްގެ ވަކީލުން ފާހަގަ ކުރީ އެކަށީގެންވާ ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްގެން ޝަރީޢަތް ކުރިއަށް ގެންދިޔަ ކަމަށެވެ. ޖަވާބުގައި ދައުލަތުން ބުނީ ގާސިމްގެ ސިއްހީ ހާލަތައް ކޮންމެވެސް ވަރަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރެއްވި ކަމަށެވެ.

ކުރިން ކޯޓަށް ހުށަހަޅާ ބާތިލް ކޮށްފައިވާ މައްސަލައެއް އަލުން ހުށަހެޅީ އިޖުރާޢަތާއި ހިލާފަށް ކަމަށް ގާސިމްގެ ވަކީލުން ފާހަގަ ކުރި ނުކުތާ އަށް ރައްދު ދެމުން ދައުލަތުން ބުނީ ދައުލަތުން ހާޒިރު ނުވުމުން ދައުވާ ބާތިލް ކުރެވޭނެ ކަމަށް ދައުލަތުން ގަބޫލު ނުކުރާ ކަމަށެވެ.

ދިފާޢު ވުމުގެ ޙައްޤު ގާސިމަށް ނުދީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ އާއި ހިލާފަށް ތަޙްޤީޤު ހިންގާފައިވާ ކަމަށާއި ތަޙްޤީޤު ހިންގުމުގައި އިހްމާލް ވެފައިވާ ގާސިމްގެ ވަކީލުން ބުންޏެވެ. އަދި މިއީ ކޮރަޕްޝަންގެ އަމަލެއް ހިމެނޭ މައްސަލައެއް ކަމަށް ވާއިރު މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ޖެހޭނީ އޭސީސީގެ ލަފާ ހޯދައިގެން ކަމަށް ވެސް ގާސިމްގެ ވަކީލުން ބުންޏެވެ. ނަމަވެސް ދައުލަތުން ބުނީ ފުލުހުންނަކީ ޖިނާޢީ ކޮންމެ މައްސަލައެއް ވެސް ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއެއް ކަމަށެވެ.

ގާސިމް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ގާސިމް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ބުނާ ބަހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާނެ ކަމަށާއި ކުށެއް ސާބިތުވާނީ ޖިނާޢީ ނިޔަތެއް އޮތްކަން ސާބިތުވެގެން ކަމަށް ގާސިމްގެ ވަކީލުން ބުންޏެވެ.

ނަމަވެސް ދައުލަތުން ބުނީ ގާސިމްގެ މައްޗަށް ކުރީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކަމަށާއި އެއީ އަނބަހުން ބުނުމުން ސާބިތު ކުރެވޭނެ ކުށެއް ކަމަށެވެ.

ހުސާލާ ބަޔާން ހުށަހަޅަން ފުރުސަތު ނުދޭ ކަމަށް ގާސިމްގެ ވަކީލުން ބުނި ނަމަވެސް ދައުލަތުން ބުނީ ގާސިމަށް ޝަރީޢަތުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެންކަމުން ހުލާސާ ބަޔާން އިއްވަން ފުރުސަތު ނުލިބުމަކީ ދައުވާ ބާތިލް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ނުގެންދޭވޭނެ ކަމަށް ދައުލަތުން އެއްބަސްވުމުން ގާސިމްގެ ވަކީލުން ކޯޓުގައި އެދުނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލް ކޮށްދިނުމަށެވެ.

ދައުލަތުން ބުނީ ދައުލަތުން ބޭނުންވަނީ އަދުލްވެރި އިންސާފުވެރި ނިންމުމެއް މިކަމުގައި ނިންމައި ދިނުމަށް ކަމަށެވެ. ދައުލަތަކީ މައްސަލައިގެ ހަސްމަކަށް ވާއިރު ދައުލަތުން ބޭނުންވާ ގޮތެއް ބުނެދޭން ތަކުރާރުކޮށް ފަނޑިޔާރުން ސުވާލު ކުރުމުން ދައުލަތުން ބުނީ ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލް ކޮށްދިނުމަށް ދައުލަތަކުން ނޭދެއެވެ.

މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ޙުކުމް އިއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަވޭ

  ރައީސް ޔާމީން ހުށަހެޅުއްވީ އިންތިޚާބު ބާތިލް ކުރަން، ޖަވާބުދާރީވާން އީސީއަށް އަންގައިފި ނަމަ މިކަމަކީ މީ 96 ހާސް މީހުންގެ ހައްގުގައި މަމެން ޕިންކީންގެ ސަރުކާރުން ކުރައްވާ ވަރަށް އަގުހުރި ގައުމީ މަސައްކަތެކޭ އެމެރިކާގެ އިންތިޚާބު ވެސް ވަނީ ވަގަށް ނަގާފައޭ ހަމަ އެވަގުން ނޫންތޭ މިހާރު ރާއްޖެ އައިސް އެ މީހުން ވައްކަން ކުރާ ގޮތް އެއީ އެންމެ ރަނގަޅު ޑިމޮކްރަސީ ކަަމަށް ބުނަނީ ބަލާދީ މައްސަލަ އަވަހަށް ބަލާ ބަލާދީ އަވަހަށް.

 2. ހަސަނު

  މީދެން ކިހާބޮޑުބަލާއެއްތަ؟ މިއެއްޗަކާހެދި ފޮރުއްޕާކަށްނެތޭ. މީނަގެ އުދަގޫ މިދިޔަ ވިއްސަކަށް އަހަރު މިގައުމާކުރިމަތިވެގެންމިއުޅެނީ. ބޮޑުބަލާއެއްނޫންތަ.

 3. ބޮކި ބޮކި ބޮކި

  ކޮބާތަމެންނަށް ފެނޭތަ ފެނޭދޯ ފެނޭތޭ މިހާރު ތަމެންތިބޭނީ ރަގަޅަށްވެސް ރާކަނިމަސް ކެވިފަ !

 4. ޢަބްދުﷲ

  މީހުން ބަދަލުވެއެވެ. ޙާލަތު ބަދަލުވެއެވެ. މޫސުމް ބަދަލުވެއެވެ.