މާލެ އާއި އައްޑޫ ސިޓީގައި މިފަހަކަށް އައިސް ހިންގި މާރާމާރީތަކުގައި ސިޔާސީ ފަރާތްތަކުގެ ބައިވެރިވުމެއް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އައްޑޫ ސިޓީގައި ދެ މާރާމާރީއަކާއި މާލޭގައި ހަތަރު މާރާމާރީއެއް ވަނީ ހިންގާފައެވެ. އޭގެތެރެއިން ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖަކު ވަނީ މަރާލާފައެވެ.

މާރާމާރީތަކާ ގުޅޭގޮތުން މީޑިއާތަކަށް ދެއްވި ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އައްޑޫ ސިޓީ އާއި މާލޭގައި ހިންގި މާރާމާރީތަކުގައި 32 މީހަކު ހައްޔަރުކުރި ނަމަވެސް، މިހާރު ބަންދުގައި ތިބީ 17 މީހަކު ކަމަށެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެ މާރާމާރީތަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއްކަމަށް މީސް މީޑިއާގައި އެކި ފަރާތްތަކުން އެކި ނަޒަރިއްޔާއިން ދައްކާ ވާހަކަތައް ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ގައުމު ހަލަބޮލި ކުރުމުގެ ގޮތުން އެފަދަ ވާހަކަތައް ނުކުރުމަށް ފުލުހުން ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

"މިހާ ހިސާބަށް ފުލުހުން ބެލި ބެލުމުން މިކަންކަމަކީ ސިޔާސީ އެއްވެސް ފަރާތަކުން އިސްވެ ނުވަތަ ސިޔާސީ އެއްވެސް ބަޔަކު ކުރުވާ ކަމެއް ކަމަަކަށް ފާހަގަކުރެވިފައެއް ނުވޭ،". ޝިފާން ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަފްތާތެރޭގައި އައްޑޫ ސިޓީ އާއި މާލޭގައި ހިންގި މާރާމާރީތަކުގައި ހަތަރު ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އެގޮތުން އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީއެއްގައި ދެ ޒުވާނަކު ޒަހަމްކޮށްލިއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އަދި އިއްޔެގެ ރޯމާދުވާލުގައި ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

އަދި ރޭ ދަންވަރު ދޭއް ޖަހާކަންހާއިރު، މާލޭގައި ވަޅިން ހަމަލާދިނުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް، 14 އަހަރު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު