އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 29 އަހަރުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ޓެލެކާސްޓު ކުރަން ހުށަހަޅައިފިއެވެ.

މި މައްސަލައިގެ 8 ވަނަ އަޑުއެހުމުގައި، މިއަދު އެގޮތަށް ހުށަހެޅީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ ހަ މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދުގެ ވަކީލް، މައުމޫން ހަމީދެވެ. މަޢުމޫން ހަމީދު މި ހުށަހެޅުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝަރީޢަތުގެ ކުރިން ހުށަހަޅަން ދިން ފުރުސަތުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ހުށަހަޅާފައި ވަނީ ދައުލަތުގެ އިތުރުން، އިސްމާއިލް ރަޝީދާއި އަހުމަދު ޒިހާން އަދި އިސްމާއިލް ހައިޝަމްގެ ފަރާތުންނެވެ.

ނަމަވެސް އަހުމަދު ޒިހާން އަދި އިސްމާއިލް ހައިޝަމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް މިއަދުގެ އަޑުއެހުމުގައި ވަނީ އަނބުރާ ގެނެސްފައެވެ.

އެ ހުށަހެޅުންތައް އަނބުރާ ގެނައުމުން އެ މުވައްކިލުންގެ ވަކީލު ވިދާލުވީ، ހުށަހެޅުން އަނބުރާ ގެނައީ ހުށަހެޅުމަށް ޢަމަލުކުރަން ވެއްޖެނަމަ ޝަރީޢަތް ދިގުލައިގެންދާނެތީ ކަމަށާއި، ބޭނުންވަނީ ޝަރީޢަތް އަވަސްކުރަން ކަމަށެވެ.
ދައުވާލިބޭ އިސްމާއީލް ރަޝީދުގެ ފަރާތުން ޝަރީއަތުގެ ކުރިން 32 ހުށަހެޅުމެއް ލިޔުމުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، މިއަދުގެ އަޑުއެހުމުގައި ޝަރީއަތަށް ހުށަހެޅުއްވީ ދެ ހުށަހެޅުމެވެ. ބާޚީ ހުށަހެޅުންތަކަށް ދެން އަންނަ އަޑު އެހުމެއްގައި ފުރުޞަތު ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ފުރަތަމަ ހުށަހެޅުމެއްގެ ގޮތުގައި އިސްމާއީލް ރަޝީދުގެ ވަކީލު މަޢުމޫން ހަމީދު ހުށަހެޅީ މިހާރަށްވުރެ ބޮޑަށް ހުޅުވާލައިގެން މި ޝަރީއަތް ކުރިއަށް ގެންގޮސް ދެއްވުމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށްވުރެ ޖާގަ ތަނަވަސް، ގިނަ ބަޔަކަށް ޝަރީއަތް އަޑުއަހަން ވަދެވޭނެ ތަނެއްގައި ޝަރީއަތަތައް ކުރިއަށް ގެންގޮސްދެއްވުމަށް މަޢުމޫން ހަމީދު އެދިލެއްވިއެވެ. އެގޮތުން ހައިކޯޓުގެ ބޮޑު ކޯޓު ރޫމެއް ހަމަޖެއްސެވުމަށް މަޢުމޫން ހަމީދު ހިޔާލު ދެއްވިއެވެ.

މި ހުށަހެޅުމާ ގުޅިގެން ގާޒީ ވިދާޅުވީ، ބޮޑަށް ހުޅުވާލައިގެން، ގިނަ ބަޔަކަށް ވަދެވޭ ގޮތަށް ޝަރީއަތް ކުރިއަށް ގެނދިއުމާމެދު ގާޒީގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެހެން ނަމަވެސް އެއީ އިދާރީ ކަމަކަށްވާތީ ކަންކަން ބެލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.
ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި މަޢުމޫން ހަމީދު ހުށަހެޅުއްވީ މި މައްސަލައިގެ ޝަރީއަތްތައް ބޮޑު ރޫމެއްގައި ގެންދިއުމާއެކު، ޝަރީއަތުގެ އަޑުއެހުންތައް ޓެލެކާސްޓް ކުރުމަށެވެ. މަޢުމޫން ހަމީދު ވިދާޅުވީ، މިކަން ކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށާއި، އަދުލު އިންސާފު ޤާއިމު ކުރެވޭކަން ހާމަކުރުމުގެ ގޮތުން މިއީ ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މައްސަލައިގައި ހުށަހަޅަން ބޭނުންވާ ކަންކަން އިތުރަށް ހުށަހަޅަން ބޭނުންވަނީ މިދެންނެވި ދެ ކަންތައް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހުށަހެޅުމާމެދު ގާޒީ ވިދާޅުވީ، ޝަރީއަތް ޓެލެކާސްޓް ކުރުމުގެ ހުއްދަ އަދި ނެތް ކަމަށާއި، މި ޝަރީއަތް ޓެލެކާސްޓް ކޮށްދެވެން ނެތް ކަމަށެވެ. އަދި ޝަރީއަތް ޓެލެކާސްޓް ކުރެވޭނީ އެކަމަށް ބޭނުންވާ އުޞޫލުތައް އެކުލަވާލައިގެން ކަމަށާއި، މި ޝަރީއަތް ޓެލެކާސްޓް ކުރުމުގެ އަމުރެއް މިފަދަ ވަގުތެއްގައި ނެރެދެވެން ނެތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި ކަންކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ، މި މައްސަލައަކީ ހުކުމް އިއްވާ ގޮތަކުން ބައެއްގެ މަރު ހިފުމުގެ ހުކުމެއް އަތުވެދާނެ މައްސަލައަކަށްވާއިރު، ޝަޜީއަތް ހިނގަމުންދާގޮތް، މި ހާދިސާގައި މަރާލި ޔާމީން ރަޝީދުގެ ވާރިސުންނަށް ލިބިދޭންޖެހޭ ކަމަށާއި، ދައުވާ ލިބޭ ފަރާތްތަކުގެ އާއިލާއަށްވެސް ޝަރީއަތުގެ ކަންކަން ހިނގާގޮތް އެނގެންޖެހޭ ކަމަށެވެ. ކޮންމެ ޝަރިއަތަކަށް ނޫސްވެރިން ވަންނާނެކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް މަޢުމޫން ހަމީދު ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ އާއިލާގެ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން އެދިލެއްވިއެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ދައުވާ ލިބޭ ފަރާތްތަކާއި، ޔާމީން ރަޝީދުގެ އާއިލާގެ ހުރިހާ ފަރާތްތަކަށް ޖާގަ ދެއްވާނެކަމަށް ދަންނަވަން ދަތި ކަމަށެވެ. ޖާގަ އޮންނަ މިންވަރަކުން އާއިލާއަށްވެސް ފުރުޞަތު ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރިން ތިން ހުށަހެޅުމެއް ހުށަހެޅުއްވިއިރު، ފުރަތަމަ ހުށަހެޅުއްވީ، ހެކިވެރިންނަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމުގެ އަމުރެއް ނެރެދެއްވުމަށެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ، މިފަދަ އަމުރަކަށް އެދިލެއްވީ މި މައްސަލައިގެ ބައެއް ހެކިވެރިން އެ ފަރާތްތަކުގެ ބަޔާންތައް ސިއްރުކޮށްދިނުމަށް އެދިފައިވާތީ ކަމަށެވެ. އެހެންކަމުން އަޑު ބަދަލުކޮށް، ދައުވާ ލިބޭ ފަރާތްތަކާ އެއްހާޒިރު ނުވާނެ ގޮތަކަށް، ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން ޝަރީއަތުގައި އެދިލެއްވިއެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން އެދިލެއްވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކި ހާމަ ނުކުރުމުގެ އަމުރެއް ނެރެދެއްވުމަށެވެ. މިފަދަ އަމުރަކަށް އެދިލެއްވީ ހެކި ހާމަކޮށްފިނަމަ ހެކީގެ އަސްލު ނައްތާލައި، ހެކި ބަދަލު ކުރުމުގެ ފުރުޞަތު އޮތުމުން ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އިތުރަށް ވަކީލުން ވިދާޅުވީ، ހެކިވެރިންގެ ބަޔާންތައް ދިފާއަށް ދޫނުކުރި ނަމަވެސް، ހެކިވެރިންނާ ސުވާލުކުރުމުގެ ފުރުޞަތު ދައުވާ ލިބޭ ފަރާތްތަކަށް ލިބިގެންދާނެތީވެ، ދިފާއުވުމުގެ ހައްޤަށް އުނިކަން އަންނާނެކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

ތިންވަނައަށް ދައުލަތުން ޝަރީއަތުގައި އެދިލެއްވީ ވަކި މިންވަރަކަށް މަޢުލޫމާތު ހާމަކުރުމުގެ އަމުރަކަށެވެ. ދައުލަތުން ވިދާޅުވީ، މިފަދަ އަމުރަކަށް އެދިލެއްވީ މި މައްސަލައިގައި ރިޕޯޓްތައް ޔައްޔާރުކުރި ފަރާތްތަކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށެވެ. އެގޮތުން ހުރިހާ މަޢުލޫމާތެއް ހާމަކޮށްފިނަމަ، ޑޮކަޓަރުންނާއި، އެނަލިސްޓުންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އެހެންކަމުން މެޑިކަލް ރިޕޯޓްތަކުގައިވާ ޑޮކްޓަރުންގެ ނަންތަކާއި، އެނަލިސްޓުންގެ ނަންތައް އުނިކުރުމަށާއި، ބައެއް ރިޕޯޓްތަކުގައިވާ ޔާމީން ރަޝީދުގެ ފޮޓޯތައް އުނިކުރުމަށް ދައުލަތުން އެދިލެއްވިއެވެ. ދައުލަތުން ވިދާޅުވީ، އެ ފޮޓޯތައް އާއްމު ވެއްޖެނަމަ ޔާމީން ރަޝީދުގެ ހައްޤުތަކަށް އަރައިގަތުން ކަމަށް ބެލެވޭނެ ކަމަށާއި، އެ ފޮޓޯތައް ޝަރީއަތުގައި ދައުވާ ލިބޭ ފަރާތްތަކަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވުން އެދޭ ކަމަށެވެ.

މި ހުށަހެޅުންތަކާ މެދު މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ހެކިވެރިންނަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމުގެ އަމުރާއި، ހެކި ހާމަ ނުކުރުމުގެ އަމުރު ދެން އޮންނަ ޝަރީއަތެއްގައި ނެރެދެއްވާނެ ކަމަށާއި، ދައުލަތުން އެދިލެއްވިގޮތަށް ޔާމީން ރަޝީދު މަރާލާފައިވަނިކޮށް ނަގާފައިވާ އެ ފޮޓޯތައް ޝަރީއަތުގެ މާލަމުގައި ދައުވާލިބޭ ފަރާތްތަކަށާއި، ވަކީލުންނަށް ދެއްކޭނެ އިންތިޒާމް ކްރިމިނަލް ކޯޓުން ހަމަޖައްސަވާނެ ކަމަށެވެ.

މި މައްސަލައިގައި މިއަދުން ފެށިގެން، މެދުކެނޑުމެއްނެތި، ކޮންމެ ހަފްތާއަކު އެއް ޝަރިއަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ގާޒީ ވަނީ މިއަދުގެ ޝަރީއަތުގައި އިއުލާން ކުރައްވާފައެވެ. މިއަދުގެ ޝަރިއަތުގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނީ 2018 އޮކްޓޯބަރ 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ކަމަށާއި، އެ އަޑުއެހުމުގައި މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޔާމިން ރަޝީދު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭނާ މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެއަށްވަތް ވަގުތު ތޫނު އެއްޗެހިން ޙަމަލާ ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޏަވިޔަނި

  ﷲ ތަޢާލާ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް އުޅުނު މި ކަލޭގެ ދިފާޢު ކުރާ ބަޔަކަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

 2. ޢަފްލާ

  ތިކަން ސާބިތެއްނުވާނެ މިހާރުވެސް މައުމޫން ހަމީދުމެން ތިބޭނީ ރިޝްވަތު ނަގައިފަ ކައިފަ ހުސްކޮހފަ

 3. ސޯލިހު

  މައުމޫންހަމީދުގެ އަންހެނުން ނުޒުހާގެ އެއްބަނޑު ކޮށްކޮ އިސްމާލްރަޝީދަކީ މިޝަރީއަތުގެވަކީލު ވަކިފަރާތަކަށްނުޖެހިވަކީލުކަންކޮށްދެވިދާނެބާ

 4. ރުޒާނާ ޗޮއްޕަޓު

  މައުމޫނު ހަމީދުވެސް މިހާރު ހަސީން ގްރޫޕަށް ވަނީ؟؟؟!!!!!

 5. ޙަސަން މުހައްމަދު

  ފުރާނައެއް ވަކިވެ ދިޔުމަކީ ހިތާމަ ކުރާ ކަމެއް، އެކަމު ޔާމީން ރަޝީދަކީ އިސްލާމް ދީނަށް ފާޅުގައި ހަޖޫ ކީ މީހެއް. ﷲ ގެ ހަސުރަތުގައި މީނައަށް ވާނީ ކިހިނެއް ބާއޭ ހިތަށް އަރަނީ