ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުން އައްޔަންކުރުމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި އެކަށީގެންވާ ފުރުސަތެއް ނުދޭކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނުގެ މައްޗަށް ކުރި އަދު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިކަމުގެ ދަޢުވާގެ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ މިއަދު ހައިކޯޓުގައި ބޭއްވި އިސްތިއުނާފު އަޑުއެހުމުގައި އަޑުއެހުމުގައި، މައުމޫނުގެ ފަރާތުން ވަނީ 36 ނުކުތާއެއް ހުށަހަޅާފައެވެ.

މަޢުމޫންގެ ވަކީލުން ހައިކޯޓުގައި ފާހަކަކުރި ނުކުތާތަކުގެ ތެރެއިން އެއް ނުކުތާއަކީ ރައީސް މައުމޫނުގެ ވަކީލުން މައްސަލައިން ތަނާޒުލު ވުމުން ވަކީލުން އައްޔަންކުރަން ފުރުސަތު ނުދީ މައްސަލައި ކުރިއަށް ގެންގޮސްފައިވުމެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ވަކީލުން އައްޔަންކުރަން ރައީސް މައުމޫނަށް ކޯޓުން ދީފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއް ކަމަށެވެ.

ރައީސް މަޢުމޫނަށް ދިނީ "ވަރަށް ކުޑަ ވަގުތުކޮޅެއް" ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވުމާއެކު އެއީ އެކަށީގެންވާ ވަގުތެއް ކަމަށް ދެކެންތޯ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވިއެވެ. ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މަޢުމޫނަށް ވަކީލުން އައްޔަން ކުރަން ދެއްވީ އެކަށިގެންވާ ވަގުތެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ވަކީލުން އައްޔަން ކުރުމަށް އޮތް ފުރުސަތު އެއްކޮން ހަނިކޮށްފައިވާ ކަމަށް ނުދެކޭ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މުހިންމު އިތުރު ނުކުތާއެއްގެ ގޮތުގައި މަޢުމޫން ފަރާތްޕުޅުން ފާހަގަކުރެއްވީ، ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތައް އަޑުއެހުންތައް ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާ ނުލައި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވުމެވެ. މި ހުށަހެޅުމަށްވެސް ދައުލަތުގެ ވަކީލުން ވަނީ އިއުތިރާފު ވެވަޑައިގެންފައެވެ. އެގޮތަށް ތާވަލު އެކުލަވާ ނުލައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް ރައީސް މައުމޫނުގެ އެއްވެސް ހައްގަކަށް އުނިކަން އައިސްފައިނުވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން، އިޖްރާއަތުގެ ގާނޫނުގައި ހެކިބަސް ނަގަން ވާނީ ހެކިބަސް ނެގުމާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެފައިވީ ނަމަވެސް އެ ގާނޫނުގައި ސިއްރު ހެކިބަސް ނަގާނެ ގޮތެއް ބަޔާން ކޮށްފައި ނެތުމާއި، ކުރީގެ ރައީސް މައުމޫނުގެ ޢައިރު ހާޒިރުގައި ބައެއް އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ކަންތައްތަކާމެދު ޝަރީއަތް ފެށި މަޖިލީހުގައި ގޮތެއް ކަނޑައެޅުން ފަދަ ކަންމަކީ ރައީސް މައުމޫނުގެ ޝަރީއަތް ހިންގިއިރު ހިނގާފައިވާ ގާނޫނާ ހިލާފުކަންތައްތައް ގޮތުގައި ދިފާއީ ވަކީލުން ވަނީ ފާހަގަ ކުރައްވާފައި އެވެ.

އޭގެ އިތުރުން މައުމޫނު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އަދި އަދި ދޮގު ހެކިބަސް ދިން މީހެއްގެ ހެކިބަސް ބަލައިގެންފައިވާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. ހަމައެއާއެކު، ސިއްރު ހެކިވެރިޔަކަށް ނުފޫޒު ފޯރުވާފައިވާކަމަށާއި އެހެންކަމުން އެ ހެކި ބަލައި ނުގަނެވޭނެ ކަން އަދި ދީނީ ނަޒަރުން ބަލާއިރު ސިއްރު ހެކި ބަލައި ނުގަނެވޭނެކަމަށްވެސް ވަކީލުން ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ދައުލަތުން އެދެނީ ކޮން ގޮތަކަށްތޯ ހައިކޯޓުގެ ފަނޑިޔާރުން، ދައުލަތުގެ ފަނޑިޔާރުންނާ ސުވާލު ކުރުމުން ވިދާޅުވެފައިވަނީ، އަދުލުވެރި އަދި އިންސާފުވެރިކަމާއެކު މި މައްސަލަ ހައިކޯޓުން ނިންމަވައިދެއްވުން އެދޭ ކަމަށެވެ. ދައުލަތުން ސީދާ ވަކި ގޮތަކަށް ނިންމަވައިދެއްވަން އެދިފައި ނުވުމާއެކު މައުމޫނުގެ ވަކީލުން ވިދާޅުވީ ދައުލަތުން ވެސް އެ ހުކުމް ބާތިލް ކުރުމަށް އިއުތިރާޒް ނުކުރައްވާ ކަމަށެވެ.

އެއް އަހަރާއި ހަތްމަހުގެ ޖަލު ހުކުމެއް ރައީސް މައުމޫންގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް، އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތްތައް ފަށާފައިވާއިރު މައްސަލަ ހައިކޯޓުގައި ނިމެންދެން ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލުމަށް ހައިކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ. ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް މައުމޫން ވެސް އެއްބަސްވެވަޑައިގެން އެމަނިކުފާނުގެ ފަރާތުން 60،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުންނެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ާއިޖުރާއަތު ފުރިހަމަ ނުވަންޏާ މައުމޫން ފޯނު ދިންކަމަށް ވާނެބާ؟ އިޖުރާއަތޭ ކިޔާފައި މީހަކު މަރާލިޔަސް މަރާލި ކަމަކަށް ނުވޭދޯ؟ ތިޔައީ އިސްލާމީ ޝަރީޢަތްތަ؟ ކުށެއް ކުރިކަން ޔަޤީންކަމާއެކު އެނގުނަސް، އިޖުރާއަތު ފުރިހަމަ ނުވަންޏާ އިސްލާމީ ޝަރީޢަތުގައި ކުށަކަށް ނުވޭތަ؟ މީހަކު މަރާލިޔަސް ޢަޛާބެއްވެސް ނުލިބޭނެދޯ؟