ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު - ވަގުތު އިމޭޖެސް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފާއިވާ 400 ގޯއްޗަށް އެދި މިހާތަނަށް 5100 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށާއި، އެ މަސައްކަތް ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލެއިން 400 ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމާއި ބަލައިގަތުމުން ހައުސިން މިނިސްޓްރީން ކުރިއަށްގެންދެވި ނަމަވެސް، މިހާރު އެ މަސައްކަތް ކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ ކުރިން ހައުސިންގ މިނިސްޓްރީން ބަލައިގަތް ފޯމްތައް ބާތިލްނުކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކާ 100 ގޯއްޗާއި އިޖްތިމާއީ ބޯހިޔާވެހިކަމުގެ ދަށުން ދޫކުރާ 400 ގޯއްޗަށް ފޯމްލުމާއި ބަލައިގަތުމާއި އެ ފަރާތްތައް ހޮވުމުގެ ކަންކަން ކުރިޔަށްދާނީ އެޗްޑީސީ އިން ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގެ މަސައްކަތް ފެށިތާ ދެ ދުވަސް ތެރޭގައި އެކަމަށް އެދި 5100 މީހުން ކުރިމިލާފާއިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ، އެ ގޯތިތަކަށް އެދި އެތައް ސަތޭކަ ރައްޔިތުންނެއް ރެއާއި ދުވާލު ކިއުގައި ތިއްބެވިތަން ފެނިގެން ދިޔަކަމަށެވެ. އަދި އެކަމަށް އެދުމުގެ ފުުރުސަތު ގިނަބަޔަކަށް ދިނުމުގެ ގޮތުން ކައުންޓަރުތައް 20 އިން 60 އަށްވެސް މިއަދު ބަދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، އިތުރަށް މަޝްވަރާތަކެއްކޮށް އެކަން ކުރުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް އެ މަސައްކަތް ބަދަަލު ކުރުމަށް ނިންމީކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށްފައި އަޅުގަނޑުމެން ނިންމީ ހުޅުމާލޭގެ ޖާގަބޮޑުތަނެއްގައި ފަސޭހަވާނެއޭ މިކަން ކުރިއަށްގެންދަން". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، ފޯމްތަކާއި، ޝަރުތުތަކަށް ބަދަލެއް ނައިސް އެޗްޑީސީން ފޯމްތައް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނެއެވެ. އަދި އެކަން އެޗްޑީސީން ފަށާ އެކަން އިއުލާނުވެސް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ، މި ފޯމްތައް ހުށަހަޅަން ބޭނުންވާ މުއްދަތު އެޗްޑީސީން ބޭނުންފުޅުވާނަމަ އިތުރުކުރެވޭނެކަަން އަންގާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއަށް އަޅުގަނޑުމެން އެބޭފުޅުންނަށް އެއްޗެއް ނުދަންނަވާނެ، އަޅުގަނޑުމެން އެދޭނީ އަޅުގަނޑުމެންގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދިއުމަށް". މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

އަދި ހައުސިންގ މިނިސްޓްރީން ދޫކޮށްފައި ހުރި ނަމްބަރުތަކުން ފެއްޓެވުމަށްވެސް އެޗްޑީސީއަށް އަންގާފައިވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ގޯތިތަކަށް އެދި ހުށަހެޅުމުގެ ޝަރުތަކީ 18 އަހަރު ފުރި، ކައިވެނި ކޮށްގެން އުޅޭ ދިވެހި ރައްޔިތަކަށް ވުމާއި، މާލޭގެ ރައްޔިތަކަށް ނުވަތަ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ރައްޔިތަކަށް ވުމާއެކު، 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް، ނުވަތަ ފްލެޓެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތުން އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އެއްވެސް އިރެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.

މި ގޯތިތައް ދޫކުރުން މަޑުޖައްސާލުމަށް އޭސީސީން ކުރިން އެންގި ނަމަވެސް، މިހާރު އެކަން ކުރުމުގެ ހުއްދަ ދީފައިވާކަަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯމްތައް ސަބްމިޓް ކުރަން ދޫކުރި ނަމްބަރުތަކުގެ ތެރެއިން ހުއްޓާލިއިރު ސަބްމިޓް ކުރެވިފައިވަނީ 64 ވަނަ ނަމްބަރެވެ. އެހެންކަމުން އަލުން ފަށާއިރު 65 އިން ފެށިގެން ފޯމްތައް ބަލައިގަތުން މުހިންމެވެ. ޢިއްޔެއިން ފެށިގެން ނުނިދާ އެމީހުން ތިބީ ކިޔޫގައެވެ.

  2. ތިޔަކަމަކީ، ޕީޕީއެމުގެ އަމިއްލަ މަޞްލަޙަތެއް އޮތް ކަމެއް! ދެންއޮތީ، އެމް.ޑީ.ޕީ.ގެ އަމިއްލަ މަޞްލަޙަތެއް އޮތް ކަމެއް! މިފަހަރު ޕީޕީއެމަށް! ދެންފަހަރަކު އެމް.ޑީ.ޕީ.އަށް! އެންމެފަހުން ދޫކޮށްފައިވާ 704 ފްލެޓް ދޫކޮށްފައިވަނީވެސް މިބީދައިންނެވެ. މިފަހަރު ދޫކޮށްފައިވާ 7000 ފްލެޓް ލިބިފައިވާ މީހުންގެ ތެރޭގައިވެސް ދަތުރުވަރެއްގައި މާލެ، އައިސް ފޯމުލާފައި ރަށަށްގޮސް ރަށުގައި ތިބި މީހުންވެސް ހިމެނެއެވެ. ކުއްލިއަކަށް ދަފުތަރުގައި ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، މިބޭނުމުގައެވެ. 1996 ގައި ދަފުތަރުގައި ޖެހިފައިވާ ގިނަޢަދަދެއްގެ ބަޔަކު ފްލެޓް ނުލިބޭ މީހުންގެ ތެރޭގައިވެއެވެ. 18 އަހަރުން ދަށުގެ 3 ކުދިން ހުރެފައި ފްލެޓް ނުލިބުނުއިރު، 18 އަހަރުން ދަށުގެ 1 ކުއްޖަކު ހުއްޓާ ފްލެޓް ލިބިފައިވެއެވެ.