ރިޔާސީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ޓީވީން ލައިވްކޮށް ދައްކައިގެން ކުރިއަށްގެންދަން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގޮވާލައިފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިއްޔެ އެ މައްސަލަ ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގަންވާނީ އާއްމުންނަށް ހުޅުވާލައިގެން އަދި ޓީވީން ވެސް ލައިވްކޮށް ދައްކައިގެން ކަމަށެވެ. ސަބަބަކީ މިއީ ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި މައްސަލައަކަށްވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުއޫދު ވަނީ މި މައްސަލައިގެ ޝަރީއަތް ހިނގަމުންދާ ގޮތް ދައުލަތުގެ މީޑިޔާ އިން ލައިވްކޮށް ހަމަޖައްސައިދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލާ އަންނަ އާދީއްތަ ސުޕްރީމް ކޯޓަށް ހުށަހެޅުމެއް ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފައެވެ.

https://twitter.com/hsuood/status/1050370883317989376

މި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި އަންނަ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު އެ ކޯޓުން ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11 ގެ ކުރިން ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ސަސްޕެންޝަންތިބޭމީހުންނަށް ސަރުއީމަރުހަލާގެކަންކަމަށް ގޮތްކިޔުމަކީ ގަބޫލުކުރެވޭނެކަމެއްނޫން ސުޢޫދުމެންބުނާގޮތްހަދާނީ ސުޢޫދުމެންގެ ގޮނޑިކޮށްކޮސަރުކާރުން

  2. ކަންގަނާ

    މީ މޮޔަކުއްޖެއްތަ ހާދަ ނީސްތައްޓަށް
    ޢަރާގެންއުޅޭ ކުއްޖެއްހެން ހީވެެޔޭ