ރިޔާސީ އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުމާއެކު، ގާނޫނީ ޓީމަށް އިންޒާރުތައް ލިބެމުން އަންނަ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިއްޔެ އެ މައްސަލަ ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ވެއްދުމާއެކު އެ ޕާޓީގެ ގާނޫނީ ޓީމަށް އިއްޔެ އިން ފެށިގެން ލިބެމުންދާ ތަފާތު އިންޒާރުތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މަރުގެ އިންޒާރު ދިނުމާއި އަދި ބިރުދެއްކުމާއި ފުރައްސާރަކުރުމާއި އަބުރު ކަތިލުމަށް ހަގީގަތާއި ހިލާފު ވާހަކަ ފެތުރުންފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަގުސަދު ހާސިލުނުވާނެ ކަމަށާއި އެ ކަންކަން ވަގުތުން ހުއްޓާލުމަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.

"މި ޕާޓީގެ އިންޒާރުތައް ދެމުންދާ ފަރާތްތަކަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެކްޓިވިސްޓުން ކަމުގައިވާނަމަ، އެ ޕާޓީތަކުން އެ ފަރާތްތަކުގެ މި އަމަލު ހުއްޓާލުމަށް ވެސް ގޮވާލަމެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކަކީ ޑިމޮކްރެސީގެ ވާހަކަ އެންމެ ގިނައިން ދައްކާ ބަޔަކަށް ވީހިނދު، ޑިމޮކްރެސީގައި ހުންނަ ރިވެތި އުސޫލުތައް އަމަލުން ދެއްކުމަށް ވެސް ގޮވާލަމެވެ" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޕީޕީއެމުން ވަނީ އެ ޕާޓީގެ ގާނޫނީ ޓީމުގެ މެމްބަރުންގެ ހިމާޔަތުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައެވެ. އަދި މަރުގެ އިންޒާރުތަކާއި މިފަދަ ސީރިއަސް މައްސަލަތައް ވަގުތުން ވަގުތަށް ފުލުހުން މެދުވެރިކޮށް ތަހުގީގު އެ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަ އިންތިހާބާއި ބެހޭ މައްސަލައިގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފެށުމަށް އެ ކޯޓުން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތުން

    އަބަދު ވިކްޓިމް ވެފަ ތިބެބަލަ

  2. ޚކކ

    ކީއްކުރަން މައްސަލަ ހުށަހަޅަންވީކީ، ވެރިކަމުގައި މަރުވަންދެން ހުރީމަ ނިމުނީނުން ، އަހަރުންނެއް ނޫޅޭނަން އޭރުން މިރާއްޖެއަކު. ބޮޑު މުސީބާތެއް.

    • ޒަކަރި

      މައްސަލައެއްނެތް އަދިމާރަންގަޅުތިހެންވއްޔާ. އަވަހަށް އެމެރިކާއަށްފެއްސެންވީނު؟

  3. ޢަބްދުﷲ

    ތިޔަޓީމަކީ، ޤާނޫނީ ޓީމެއްތޯ ނުވަތަ ޣައިރު ޤާނޫނީ ޓީމެއްތޯ ސުވާލުއުފެދެއެވެ. އެހެނީ، ފެބުރުއަރީ އެކެއްގެ މައްސަލާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ފަޚުރުވެރިވެ، ތިޔަޓީމުން ބުނެފައިވަނީ، އެކަންކަމަކީ، ލިބިފައިވާ ޢިލްމާއި މަޢުލޫމާތާއި ތަޖުރިބާގެ މައްޗަށް ހޯދިފައިވާ ކާމިޔާބެއް ކަމުގައެވެ. އެހެންކަމަށްވާނަމަ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ސުޕުރީމު ކޯޓުގެ ފުރާޅުން ޓިނުނަގައި، އުއްތަމަފަނޑިޔާރު ޖަލަށްލުމަކީ، ހޯދިފައިވާ ކާމިޔާބެއެް ކަމަށް ދެކޭނަމަ، ތިޔަޓީމުގައި ޢާންމު މަޞްލަޙަތާއި އަމަންއަމާންކަމަށް ލޯބިކުރާ އެއްވެސް ބޭފުޅަކު އެބަހުރިތޯ ސުވާލުއުފެދެއެވެ. ޔަޢުނީ، އުއްތަމަފަނޑިޔާރުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ތުހުމަތަކީ، އެއްވެސް ތާކުންތާކުނުޖެހޭ ޒާތީ ތުހުމަތެއް ކަމަށްވެ، އެމައްސަލަ ނިމިއްޖެއެވެ. ދެންއޮތީ، އިންތިޚާބު ބާޠިލުކުރުމުގެ މައްސަލާގައި އުފެދޭ ސުވާލެވެ. ތިޔަފަރާތުގެ ކެނޑިޑޭޓުގެ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި ޤަބޫލުކޮށް ބަލައިގެންފައިވާ އިންތިޚާބެއް(ނަތީޖާ) އެއް، ބާޠިލުކުރެވޭނެ އެއްވެސް ހަމައެއް އުޞޫލެއް އޮންނާނެތޯ އުފެދޭ ސުވާލެވެ. އެހެނީ، އެނގިގެން ނުބައިކޮށް ކަންތައްތައް ކުރުމަކީ، ވަރަށްބޮޑު ގޯހެކެވެ.

  4. Anonymous

    ދެން ކީއް ކުރާނީ. މަގުމަތީ ލާދީނީ ބައިގަނޑެއްނު. އެނޫން ކަމެއް ކުރާކަށް ނޭނގޭނެ.

  5. ޢަބްދުﷲ

    ދައުވާކުރާ ފަރާތުން، ދަޢުވާ ބިނާކުރުމުގައި ދަޢުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް، ރެޖިސްޓްރޭޝަން މަރްޙަލާގައި އެކަނި ގޮތެއް ކަނޑައަޅައި ހުކުމެއްހޯދައި ޖަވާބެެއްނުދެވޭނެއެވެ. އެހެންކަމަށްވާނަމަ، ޝަރީޢަތުގެ މަރްޙަލާ ކަޑައްތުނުކޮށް ފަރުޖެހޭކަށް ނޯންނާނެއެވެ. މިއީ މިރާއްޖޭގައި މިކަންކަން ހިނގަމުންދާ އުޞޫލެވެ. މިކަންކަމަށް ދެބަސް ނުވެވޭނެއެވެ. ދީފައިވާ މެންޑޭޓުގެ ތެރޭގައި ނުވަތަ ލިބިފައިވާ އިޚްތިސާސްގެ ތެރޭގައި ކުރެވޭ ކަންކަމަށް ފާޑުވިދާޅުމުގައި އިޙްތިރާމު ކުރަންޖެހޭ އުޞޫލަކީ، ހަމަ މިއުޞޫލެވެ.