މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ބޭއްވުމަށް އެ ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މި މައްސަލާގައި މީގެ ކުރިން މިދިޔަ މަހު 27 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.

މިދިޔަ މަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީއިން ވަކިވެއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކޮށްފައެވެ. އަދި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރުގައި ކަނޑައެޅި އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން އަމުރުގައިވާ ބައި ބާތިލްކުރުމަށް ބަންޑާރަނައިބު ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ބަންޑާރަނައިބު އެދުނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ، ބަންޑާރަނައިބު އެދުނު ފަދައިން، ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް އަންގައި ފެބްރުއަރީ 18 ވަނަ ދުވަހު އަމުރު ނެރެފައެވެ.