ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނާ މަގުމަތިން ދިމާކޮށް، ބިރުދައްކަމުންދާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ރޭގެ އިރާކޮޅުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނާ މަގުމަތިން ދިމާކޮށް، ބިރުދައްކަމުންދާ ކަމަށާއި، އެ އަމަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް މުވައްޒަފުން ވަނީ ވެއްޓިފައި ކަމަށެވެ.

"ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނާ މަގުމަތިން ދިމާކޮށް، ބިރުދައްކާ، ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް އެ މުވައްޒަފުން ގެންގޮސްފައިވާތީ މި ނާތަހުޒީބު އަމަލު ހިންގާ ފަރާތްތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން" މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު، މި ފަހަކަށް އައިސް މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ވިއްކުމުގައި އެ މިނިސްޓްރީން އަމަލު ކުރާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ފްލެޓާއި ގޯތި ވިއްކުމުގައި ގާނޫނާއި ހިލާފު ބައެއް ކަންކަން ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނައިރު މިނިސްޓަރ މުއިއްޒު ވިދާޅުވީ ހައުސިންގް މިނިސްޓްރީއިން ކަންކަން ކުރަމުން އަންނަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށާއި ކޮރަޕްޝަންއަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް އެ މިނިސްޓްރީއިން ނުކުރާނެ ކަމަށެވެ.

ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން އިން 400 ގޯތި ވަކި ބަޔަކަށް ވިއްކަން ނިންމައި ހައުސިން މިނިސްޓްރީން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ވެސް މިފަހަކުން ހުށައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    ޤާނޫނާ ޚިލާފޭ ވަގޭ އަނިޔާއޭ ބިރުވެރިކަމޭ މިހެންކީދާނެ، ކޮންޤާނޫނަކާތޯ ޚިލާފުވީ ކޮންތާކުންތޯ ވައްކަންކުރީ ކޮންއަނިޔާއެއްތޯދިނީ، މިވަރު އެނގެންޖެހޭނެދޯ؟ ކީއްވެތޯ ހުޅުމާލޭ ފޭސް 1 ން ޕްލޭނާ ޚިލާފަށް މާލޭގެ ރައްޔިތުންނަށް (50 އަކަފޫޓު ލިބޭމީހާއަށްވެސް 1100 އަކަފޫޓުގެ ބިންދޭން އެމްޑީޕީ ސަރުކާރުން ނިންމިއިރު އެއްޗެއް ނުބުނީ، ކާކުތޯ އެކަން ދެނަހުރީ. ހަނދާނެއްނެތްދޯ އެ ބިންތައް ލިބުނުމީހުންވެސް ހަނދާނެއްނެތް. އެއްގޭގެ 2 ކުދިން 3 ކުދިންނަށް އެތަނުން ލިބިފައިހުރި. އެއީ ސަރުކާރުގެ ޕޮލިސީދޯ އެހެންވީމާ ކޮބާ ތަފާތަކީ. އަދި ސަރުކާރު ބަދަލުވީކީނޫން އަދިވެސް ދުވަސްކޮޅެއް އެބައޮތް

  2. ޢަބްދުﷲ

    މިހާރު މިއުފެދޭ ސުވާލަކީ، ބަސްޤަބޫލު ނުކުރަނީ، އޮފީސް އޮފީހުންތޯ ނުވަތަ ރައްޔިތުންތޯ މިސުވާލެވެ. އެހެނީ، ޤާނޫނެއް އޮތް އިރު ޤާނޫނާއި ޚިލާފަށް މެންޑޭޓެއް އޮތް އިރު މެންޑޭޓާއި ޚިލާފަށް ކަމެއް ހިނގަމުންދާއިރު، އެކަމެއް ބަލައި ތަޙްޤީޤުކޮށް ޤާނޫނުގެ ކުރިމައްޗަށް ނެރެވޭތަން މިފެންނަނީ މަދުފަހަރަކުއެވެ.

  3. ރޯޒްމީ

    ކުރީގައި ސަރުކާރުން ފްލެޓާއި ގޯތި ބެހީ އިންސާފުންތަ؟ މައިންބަފައިންގެ 2 ގޯތި، ކުދިންގެ ބައްޕަގެ ފްލެޓު، ގޯތިވެސް..އުޅެނީ ވެސް ފުލެޓެއްގަ، އަދި ވެސް ދަތިހާލުގައިތަ؟ ބަލަ ޝުކުރުކޮށްބަލަ، މާހާލުގަ އުޅޭ މީހުންވެސް އުޅެއޭ!! މީހަކަށް އެއްޗެއް ލިބުނީމަ ހާދަ ދެރައެކޭ ތިޔަވަނީ..