ތަފާތު ކުށްތަކުގައި ބަންދުގައި ބަހައްޓާފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ދިފާއީ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމަށް ހުރަސް އަޅާނަމަ ބަންދުން މިނިވަން ކުރަންޖެހިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ދީފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ހިންގި ޝަރީއަތުގެ މަޖިލީހުގައި، ދައުވާލިބޭ ފަރާތްތަކުގެ ދިފާއީ ވަކީލުންގެ ފަރާތުން ޝަރީއަތުގައި ކުރި އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވީ ކޯޓަށް ހާޒިރުވުމުގެ ޗިޓެއް ނެތި މުވައްކިލުންނާ ބައްދަލު ނުވުމާއި، ޗިޓާ އެކުވެސް ބައްދަލު ކުރުމަށް ކުރިމަތި ކުރުވާ އިދާރީ ހުރަސްތަކެވެ.

އެ ޝަކުވާތަކަށް ޖަވާބުދެއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޢަލީ ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް އަވަސްކަމާއެކު ހިންގުމަށް ބޭނުންވާތީ ވަކީލުންނާ ބައްދަލުކުރުމަށް ފަހި ކޮށްދިނުމަށް މީގެ ކުރިންވެސް ކަރެކްޝަންސް ސަރވިސްގައި ކޯޓުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ތަކުރާރުކޮށް ބުނަމުންދިޔައީ ކޯޓުން އެދުނު ނަމަވެސް އެކަން އެގޮތަށް ނުވާ ކަމަށެވެ.

މި ޝަކުވާތައް އިންތިހާއަށް ބޮޑުވުމުން ގާޒީ އިބްރާހީމް ޢަލީ ވިދާޅުވީ، އަދިވެސް މި މައްސަލަ ހައްލު ކޮށްދިނުމަށް ކަރެކްޝަންސްގައި އެދޭނެ ކަމަށާއި، އެކަން ހައްލު ނުކޮށްދިނަމަ ތުހުމަތުގައި ހައްޔަރުކޮށްފައިތިބި ފަރާތްތަށް "ޖަލު ބަންދުން މިނިވަންކޮށްގެން" ވިޔަސް ޝަރީއަތް ހިންގާނެ ކަމަށެވެ. ގާޒީ ވިދާޅުވީ، ޝަރީއަތަށް ދަތިވާގޮތަށް ކަރެކްޝަންސް އިން އަމަލުކުރާނަމަ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ބަންދުގައި ތިބޭ ފަރާތްތަށް ދޫކޮށްލުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

ދިފާއީ ވަކީލުން މި ޝަކުވާ ކުރަނީ ހަމައެކަނި ކްރިމިނަލް ކޯޓަކުވެސް ނޫނެވެ. އިސްތިއުނާފު އަޑުއެހުންތަކުގައި ހައިކޯޓުގައިވެސް ދިފާއީ ވަކީލުން މި މައްސަލަ ދިޔައީ ފާހަގަކުރަމުންނެވެ. ނަމަވެސް ހުރަހަކަށް ވެފައިވީ ބަންދުގައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމުގައި އަމަލުކުރަން މީގެ ދުވަސްކޮޅެއް ކުރިން ކަރެކްޝަންސް އިން އެކުލަވާލު އައު އުޞޫލެވެ. އެ އުޞޫލުގައިވާގޮތުން ބަންދުގައި ހުންނަ މީހަކާ ޤާނޫނީ ވަކީލަކަށް ބައްދަލުކުރެވޭނީ ކޯޓެއްގައި އެމީހެއްގެ މައްސަލަ ތާވަލުކޮށް ކޯޓުން ޗިޓު ހަވާލުކުރުމުން ޗިޓުގެ ކޮޕީއަކާ އެކު ކަރެކްޝަންސް އަށް ހުށަހަޅައިގެނެވެ. އެހެންކަމުން އެ ނޫން ހާލަތެއްގައި ބަންދުގައި ހުންނަ ފަރާތްތަކަށް ޤާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭނެ ފުރުޞަތެއް ނޯވެއެވެ.

ކަރެކްޝަންސްގެ އުޞޫލު ދައުލަތަށް ކަމަކު ނުދޭ:

މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން އަމަލު ކުރަމުންދާ ބަންދުގައި ހުންނަ ފަރާތްތަކާ ބައްދަލުކުރުމުގެ އުޞޫލު ރަނގަޅު ނޫންކަމަށް ނިމިދިޔަ ހަފްތާގައި ދައުލަތުގެ ވަކީލުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ވިދާޅުވެފައެވެ. މިވަގުތު ބަންދުގައި ހުރި ކުރީގެ ގާޒީ ނިހާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އިސްތިއުނާފު އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ފަރާތުން މި ޝަކުވާ ކުރުމުން ހައި ކޯޓުގެ ފަނޑިޔާރުން ވަނީ އެ އުޞޫލާމެދު ދައުލަތާ ސުވާލުކުރައްވާފައެވެ.

ދައުލަތުގެ ވަކީލުން ހައިކޯޓުގައި ވިދާޅުވީ، ޗިޓު އޮވެގެން ނޫން ގޮތަކަށް ވަކީލުންނާ ބައްދަލު ނުކުރެވޭގޮތަށް އެކުލަވާލާފައިވާ އުޞޫލު ރަނގަޅުކަމަށް ދައުލަތަށްވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ އުޞޫލު ރަނގަޅު ނޫންކަމަށް ދެކޭތީވެ، އުޞޫލު ދިރާސާ ކުރުމަށް އެ އުޞޫލުގެ ކޮޕީއެއް ފޯރުކޮށްދިނުމަށް ކަރެކްޝަންސްގައި އެދިފައިވީ ނަމަވެސް މިހާތަނަށް އެ އުޞޫލުގެ ކޮޕީއެއް ކަރެކްޝަންސް އިން ފޯރުކޮށްދީފައި ނުވާކަމަށެވެ.

ބަންދުގައި ތިބޭ ފަރާތްތަކާއި، ދައުލަތުގެ ކަންބޮޑުވުމާއެކު އެ އުޞޫލުގެ ކަންކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދައުލަތުގެ ވަކީލުންގެ އަރިހުގައި އެދިލެއްވިއެވެ. އަދި އެކަން އަވަސް ފުރުޞަތެއްގައި ބައްދަލަވާނެކަމަށް ދައުލަތުންވެސް ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދުގައި ބަހައްޓާ ފަރާތްތަކާ ބައްދަލު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ފުންނާބު އުސް ޤާނޫނީ ވަކީލުންވެސް މިކަމާ އިންތިހާއަށް ކަންބޮޑުވެލައްވައެވެ. ޤާނޫނީ ވަކީލުން ވިދާޅުވަނީ، ކަރެކްޝަންސްގެ އުޞޫލު އޮތްގޮތުން ހުކުމެއް އިއްވާފައިވާ ފަރާތަކާ ޤާނޫނީ ވަކީލަށް ބައްދަލު ކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ނަމަވެސް އެ ފަރާތްތަކަށްވެސް ޤާނޫނީ އެހީތެރިކަން ބޭނުންވާނެ ވިޔަފާރިއާއި، އާއިލީ މައްސަލަތައް ހުންނާނެ ކަމަށް ވަކީލުން ފާހަގަކުރައްވައެވެ.

ފުންނާބު އުސް ޤާނޫނީ ވަކީލުން ވިދާޅުވަނީ، ކަރެކްޝަންގެ މި އުޞޫލަކީ ޤާނޫނު އަސާސީއާ ޚިލާފަށް އެކުލަވާލާފައިވާ އުޞޫލެއް ކަމަށާއި، ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ހައްޤަށް ހުރަސް ނޭޅޭނެ ކަމަށެވެ. ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ ބޮޑެތި ކުއްވެރިންތަކެއް މަގުމައްޗަށް ދޫވުމުގެ ކުރިން ޤާނޫނީގޮތުން އުފެދިފައިވާ މި މައްސަލައަށް ހައްލެއް ލިބުމަށް ޤާނޫނީ ބޭފުޅުން އެދިލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުކުމްތަކަށްފަރުވާ

    ކުތްތަކެއް ކޮށްފައިނުވާ މީހުންނަށްވެސް. ކޯޓުތަކުންވަނީ ސަރުކާރުގެ އެދުމަށް އެތައްބައެއްގެ މިނިވަންކަންނަގާލާފަދަ ތަފާތު އެތައް އަމުރު. ތަކަކާއި ހުކުމްތަކެއް ކޮށްފައިކަން މިދަނީ ޝައްކެއް ނެތް މިންވަރަށް ހާމަވަމުންނެވެ. އެހެންކަމުން މިފަދަ އަމުރުތައް ވީ އެންމެ އަވަހަކަށް ބާތިލު ކުރުމަން ގޮވާލަމެވެ. އޭ މުސްލިމުންނޭ އަނިޔާވެރިކަމަކީ ނުބައިކަންބޮޑު ކަމެއްނޫންތޯއެވެ.

  2. ޢަލީ

    ކުށްވެރިން ދޫކޮށްނުލާ އެ ޤަވާޢިދު އިސްލާހުކުރަން ކޯޓުން އަމުރުކުރައްވާ! ޤާޟީވެސް ސިޔާސީވެނުލައްވާ! ރުޅި އިސްނުކުރައްވާ! އަމިއްލައެދުން އިސްނުކުރައްވާ! ޤާޟީގެ އަތްޕުޅުގައި ބާރު އޮންނާނެ. ޤަވާޢިދު އިސްލާޙުކުރުމަށާއި އަދި ހަފްތާއަކު އެއްދުވަހު 3 ގަޑިއިރު ބައްދަލުވެވޭނެކަމަށް ނިޔާއެއް އިއްވަވާ! އޭރުން އެކަން ނިމުނީއެއްނު.