ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓް އަމުރެއް ނެރެގެން، އެމަނިކުފާނު ހައްޔަރު ކުރަން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުޙްތާޒް މުޙްސިން އަދި އދ. މާމިނގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދައުވާތަކެއްގެ ޝަރީއަތް މާދަމައަށް ތާވަލުކޮށްފިއެވެ.

މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ، މުޙްތާޒް އަދި ނިހާންގެ މައްޗަށް އުފުލާފައިވަނީ "ވަކި އަޞްލެއް އޮތް އެއްޗެއް ކަމުގައި ޞައްޙަނޫންގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ގެ ދައުވާއާއި، މުޙްތާޒްގެ މައްޗަށް އުފުލާފައިވާ "ވަކި އުޞޫލަކުން ދޫކޮށްފައިވާ ލިޔުމެއްކަމުގައި ޞައްޙަނޫންގޮތުގައި ދެއްކުން" ގެ ދައުވާއެވެ. މީގެ އިތުރުން މުޙައްމަދު ނިހާންގެ މައްޗަށް އުފުލާފައިވާ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" އަދި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ" ދައުވާގެ ޝަރީއަތްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.

ކުރީގެ ޕީޖީ މުޙްތާޒް އަދި ކުރީގެ ގާޒީ ނިހާންގެ މައްޗަށް އުފުލާފައިވާ މި ފަސް ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައެވެ. މި ހުރިހާ މައްސަލައެއްގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައިވުމުން ބެލެވޭގޮތުގައި މާދަމާގެ އަޑުއެހުމަކީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

މި ދައުވާތަކުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކުރިއިރު، މި ހާދިސާއާ ގުޅިގެން މި ދެ މީހުންގެ މައްޗަށް އުފުލި ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ ސާބިތުވެ ދެ މީހުންވެސް ގެންދަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ނިހާންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވީ ނަމަވެސް މިމަހުގެ 10 ވަނަ ދުވަހު ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ނިހާން ދޫކޮށްލެވެން ނެތްކަމަށް ބުނެފައެވެ.

ޓެރަރިޒަމްގެ ކުށް މުހުތާޒު އަދި ނިހާންގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރުގެ ޖޫން މަހު ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހަންމާ

    ޢެދުވަސްހިގައްޖެ އާސަރުކާރެއްއަންނަނީ އެންމެންދޫކޮށްލާ

  2. އަހަންމާ

    ކަފާލާތުގެދަށުން އެހެންމީހުންވެސް ދޫކޮށްލީ އުއްތަމަފަނޑިޔާރު އަށްތިކަންވާނެ މަޖްލިހުގެ ގޮނޑިތައްވެސް ދޭގޮތަށް ތިކަންވެސް ކޮށްދީބސލަ

  3. މާމިގިލީ މީހާ

    އދ. މާމިނގިލީ ކޯޓުގެ ކުރީގެ އިސް

    މެޖިސްޓްރޭޓް މުޙައްމަދު ނިހާން އަކީމާމިގިއްޔާ

    އެއްވެސްގުޅުމެއްހުރިމީހެއްނޫން ވީމާ

    މާމިގިލީގެނަން ހަޑިވާގޮތަށް

    ބޭނުންނުކުރެއްވުންއެދެން