އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ފ. އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބުން، އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް ޚިތާނީ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމައި، ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ޚިތާނީ އުފާ 2018" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ނޮވެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. ފީގެ ގޮތުގައި ހަމަ އެންމެ 1500ރ ދައްކަންޖެހޭ މި ފެސްޓިވަލްގައި ބައިވެރިވުމަށް ނަން ނޯޓް ކުރައްވަން ބޭނުންފުޅުނަމަ އެ ހޮސްޕިޓަލްގެ އޯޕީޑީ ކައުންޓަރުގައި ނަންނޯޓް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މި ފެސްޓިވަލަށް ދައްކަންޖެހޭ ފީ ދެއްކުމުން ޚިތާނީ ފެސްޓިވަލްގެ ތެރޭގައި ކެއުން ބުއިމާއި، އެހެނިހެން ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ރިކްރިއޭޝަން ކްލަބުންނެވެ. ފެސްޓިވަލާ ގުޅޭ އިތުރު މަޢުލޫމާތު ނަންބަރު 7834950 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ނާޒިމް "ވަގުތު" އަށް ވިދާޅުވީ، ފީގެ ގޮތުގައި 1500ރ ދައްކަވައިގެން ބައިވެރިވެވޭ މި ފެސްޓިވަލަށް މިހާރުވެސް އެކަށީގެންވާ ތަރުހީބެއް ލިބެމުންދާ ކަމަށާއި، މި ފެސްޓިވަލްގައި ތަފާތު ހަރަކާތްތައް ރޭވިފައިވާ ކަމަށެވެ. އެގޮތުން ހިތާނީ ފެސްޓިވަލްގެ ދެވަނަ އަދި ތިންވަނަ ރޭ މުނިފޫހިފިލުވުމުގެ ގޮތުން ބޮޑުބެރާއި، ޝޯފަދަ އެތައް ހަރަކާތެއް ރޭވިފައިވާއިރު، ފެސްޓިވަލް ނިންމުމުގެ ގޮތުން ކޮންމެ ބައިވެރިއެއްގެ ފަރާތުން 10 ބޭފުޅަކަށް ދައުވަތު ދެވޭ ޙާއްޞަ ޑިނަރ ނައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ޚިތާނު ކުރާނެ ގޮތެއް އިހުތިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ގޮތަށް ޚިތާނަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަދި ޑޮކްޓަރީ ގޮތަށް ޚިތާނަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފ.އަތޮޅު ހޮސްޕިޓަލްގެ ޚިތާނީ ފެސްޓިވަލަކީ މީގެ ފަސް އަހަރު ކުރިން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ފެސްޓިވަލަކަށްވާއިރު، ޥޭތުވެދިޔަ އަހަރުތަކުގައި މި ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުރާ

    މިފަހަރު ސަދަގާތުން ބުރި ކުރުމެއް ނޯވޭތަ؟؟