ރޭ ހުޅުމާލޭގައި ޒުވާނަކު ރަހީނުކޮށްފައިވާ ކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޒުވާނަކު ރަހީނުކޮށްފައިވާ ކަމަށް ޓްވިޓާ މެދުވެރިކޮށް ބައެއް މީހުން މައުލޫމާތު ފަތުރަމުންދިޔައިރު ރަހީނު ކުރި ޒުވާނާ ކަމަށް ބުނާ މީހެއްގެ ފޮޓޯއާއެކު މީސް މިޑީއާގައި ބައެއް މީހުން ބުނަމުން ދިޔައީ އެ ޒުވާނާ ރަހީނުކޮށްގެން އޭނާގެ އަތުން ފައިސާ ހޯދުމަށް ޑިމާންޑް ކުރި ކަމަށެވެ.

އަދި އެ ފައިސާ ހޯދަން ޑިމާންކުރީ އާއިލާއަށް ގުޅުމަށްފަހު ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ގުޅި ބަޔަކު ބުނެފައި ވަނީ އެ މީހުންނަކީ ގޭންގެއްގެ ބައެއް ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު "ވަގުތު"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް މައުލޫމާތެއް ލިބުނު ކަމަށެވެ. ނަމަވެސް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.