އަބްދުﷲ ރިޔާޒް - ވަގުތު އިމޭޖެސް - އަމީން ފަހުމީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ގުޅިގެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފިއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ރިޔާޒް ވަނީ ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަކީލަކު ހަމަޖައްސަން މައްސަލަ ބައްލަވާ ގާޒީ ވަނީ ރިޔާޒަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މިއީ ކޮންކަމަކާއި ގުޅިގެން ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ މިދައުވާ ރިޔާޒްގެ މައްޗަށް އުފުލާފައި ވަނީ ފުލުހަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުންނެވެ.

މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ވެސް ރިޔާޒްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުންނެވެ. އެދައުވާ ސާބިތުވެއްޖެނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ރިޔާޒަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

ރިޔާޒު މިއަދު ކޯޓަށް ހާޒިރުކުރިއިރު އޭނާ ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ދޫނިދޫގައި ހައްޔަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މިކަލޭގެ ލުހެލާ ޖަލަށް ޙުކުމްކުރަންދެން މިކަލޭފެ އިސްސަފުގަ ބަހައްޓާނެ! އަދިވެސް ގަޅަހެދިފަ

  2. މިކަލޭގެ ދޫނުރާތި މިއީ ގައިގަ ނެތްފެންވަރު ދައްކާމީހެއް މާ އެނގޭ މީހަކަށް ހެދިގެން އުޅޭމީހެއް.